ހެއްކާ ބެހޭ ގާނޫނާއެކު އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު ފުރިހަމަ ވާނެ: ޕީޖީ

އޮގަސްޓް 3، 2021: މޭ6 ބޮމް ގޮއްވާލި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލަށް އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނާއެކު އިންސާފުން ޝަރީއަތްކުރުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބޭނެ ކަމަށް ޕްރިސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ހެއްކާބެހޭ ގާނޫނާއެކު ޝަރީއަތްކުރުމުގެ ނިޒާމް ފުރިހަމަވެ ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަހަށް ކުރިއަށްގެންގޮސް ނަތީޖާ ނެރެވޭނެކަމަށެވެ.

އެގޮތުން، ޝަރީއަތްކުރުމާ ގުޅޭ އިޖުރާއަތްތައް ބަޔާންކުރާ ގާނޫނުތަކާއި، ޖިނާއީ ކުށް ބަޔާންކުރާ ޒަމާނީ ގާނޫނުތަކަށް އަމަލުކުރަމުންދާއިރު، މުޅި ނިޒާމު އޮތީ މިފަދަ ގާނޫނަކަށް ބޮޑަށް ބޭނުންވެފައި ކަމަށާއި، ޝަރުއީ މަރުހަލާގައި މިހާރު ދިމާވާ ވަރަށް ބައިވަރު މައްސަލަތަކުގެ ހައްލު ހެއްކާ ބެހޭ ގާނޫނުގައި އެބަހުރިކަމަށް ޕީޖީ ވިދާޅުވިއެވެ.

ވަރަށްފަހުން މަރުގެ ހާދިސާއެއްގައި އެ ހާދިސާގައި އަނިޔާވި މީހާގެ ގައިން ލޭތިކި ބުރައިގެންދިޔަ. އެތާ ކައިރީގައި ހުރި މީހެއް ތަހުގީގަށް ބަޔާންވެސް ދިން ތިމަންނަ ދުށީމޭ، މިހެންނޭ އެކަންވީ ކިޔާ އެވާހަކަ ކިޔައިދިން. އެކަމަކު ޝަރީއަތުގެ މަޖިލީހަށް ގެންދިޔާމަ އެވާހަކަ ހަނދާނެއްވެސް ނެތް. ކުރީގެ ގާނޫނު އޮތްގޮތަކުން އަޅުގަނޑުމެންނަށް އެމީހުންގެ ބަޔާނަކަށް ބުރަދަނެއް ނުދެވޭ. އެމީހުންނަކަށް ކޯޓަށް ހާޒިރުވާން މަޖުބޫރެއްވެސް ނުކުރެވޭ. އެކަމަކު މިހާރު އެކަން ކުރެވޭނެ. ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް

ފެބްރުއަރީ 15، 2021: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ޝަމީމް ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި ހެކިބަސް ދިނުމަކީ ކުރަންޖެހޭކަމެއްކަމަށާއި، އެއީ އަމިއްލަ އިޚްތިޔާރު އޮތްކަމެއްނޫންކަމަށެވެ. ހެކިބަސް ދިނުމަކީ ދީނީ ގޮތުން ވެސް ކުރަންޖެހޭ ލާޒިމުކަމެއްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މިގާނޫނު އެކުލަވާލާފައިވަނީ އެކަމަށް ބާރުއަޅައި މުޅި ނިޒާމު މަސައްކަތް ކުރާ ގޮތަށްވެސް މުހިންމު ބަދަލުތަކެއް އަންނާނެ ގޮތަށް ކަމަށެވެ.

މީގެ އިތުރުން، މިފަދަ ގާނޫނެއްގެ ސަބަބުން އާންމުންނަށް ޝަރުއީ ނިޒާމަށް އޮންނަ ޔަގީންކަމާއި އިތުބާރު އިތުރުވާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ޖިނާއީ މައްސަލަތަކުގައި މީހެއްގެ މައްޗަށް ކުށެއް ސާބިތުވާނީ އާންމުކޮށް ކަމެއް ސާބިތުވާވަރަށްވުރެ މައްޗަށް އެކަމެއް ސާބިތުވެގެންނެވެ. އޭގެ މާނައަކީ ޝައްކެށް ނެތް މިންވަރަށް ހެކި ހުރުމެވެ. ނަމަވެސް ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މިހާތަނަށް މަސައްކަތް ކުރަމުން އައީ އެ ހެކި ހުށަހަޅާނެގޮތުގެ ތަފްސީލެއް ނެތިއެވެ.

އެކި ކޯޓުތަކުން އެކިގޮތަށް ހެއްކާގުޅޭ އުސޫލުތައް ކަނޑައަޅަމުންދިއުން ވެގެންދިޔައީ މުޅި ނިޒާމު ފުރިހަމަގޮތުގައި ކުރިއަށްގެންދިއުމަށް ކުރިމަތިވި ގޮންޖެހުމަކަށް ކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް އައު ހެއްކާ ބެހޭ ގާނޫނާއެކު، ހެއްކާ ގުޅޭގޮތުން އަމަލުކުރަން ޖެހޭ ތަފްސީލީ އުސޫލުތަކެއް ގާނޫނަކުން ކަނޑައަޅާފައިވާ ކަމަށާއި، އޭގެ ހެޔޮ ނަތީޖާވެސް ނިޒާމުގެ ތެރެއިން ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް