ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ އާ ވެބްސައިޓް ލޯންޗުކޮށްފި

އެ އޮފީހުން ބުނީ ކުރީގެ ވެބްސައިޓާއި ޚިލާފަށް އަލަށް ތައާރަފްކުރި ވެބްސައިޓުގައި ގިނަ ފީޗާތައް އެކުލެވިގެން ވާނެ ކަމަށް--- ފޮޓޯ

އާންމުންނާ ކުޑަކުދިންނާ ގުޅޭނެހެން، ޒަމާނީ ގޮތަކަށް ފަރުމާ ކޮށްފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ އާ ވެބްސައިޓް ލޯންޗުކޮށްފިއެވެ.

އެ ވެބްސައިޓް ލޯންޗު ކުރުމާ ގުޅިގެން އެ އޮފީހުން ބުނީ ކުރީގެ ވެބްސައިޓާ ޚިލާފަށް އަލަށް ތައާރަފުކުރި ވެބްސައިޓުގައި ގިނަ ފީޗާތައް އެކުލެވޭނެ ކަމަށެވެ. އަދި މިފަހަރުގެ ވެބްސައިޓު ފަރުމާ ކޮށްފައި ވަނީ ވެބްސައިޓު ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތަށް ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

އެ އޮފީހަށް ވެބްސައިޓު މެދުވެރިކޮށް ފަސޭހަކަމާއެކު މައްސަލަ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި އޭގެ އިތުރުން އޮފީހަށް އޮންލައިންކޮށް މެސެޖެއް ފޮނުވަން ބޭނުންނަމަ އެކަންވެސް ވެބްސައިޓް މެދުވެރިކޮށް މިހާރު ކުރެވޭނެ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ އާ ވެބްސައިޓް ލޯންޗްކޮށްފައިވަނީ ދިވެހި ބަހުގެ އިތުރުން އިންގްލިޝް އެޑިޝަނާއެކުގައި ކަމަށެވެ. އަދި ކުދިންނާ ގުޅޭ ތައުލީމީ ލިޔުންތައް ވެސް އާ ވެބްސައިޓުގައި ހިމެނޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އެގޮތުން އޮފީހުގެ ފަރާތުން ކުޑަކުދިންނަށް އަމާޒުކޮށްގެން ޑިޒައިންކޮށްފައިވާ ކުލަ ޖައްސާ ފޮތް ވެބްސައިޓު މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެއެވެ.

އެ އޮފީހުގެ ފަރާތުން މިފަހަރު ލޯންޗު ކޮށްފައިވާ ވެބްސައިޓަކީ މައުލޫމާތު މުއްސަނދި ވެބްސައިޓަކަށް ހެދުމަށްޓަކައި ކުޑަކުދިންގެ ހައްގުތަކާއި، ކުޑަކުދިންގެ ހައްގުތަކާ ގުޅިގެން ދައުލަތުގެ އިދާރަތަކާއި އެހެނިހެން ފަރާތްތަކުގެ މައްޗަށް އަންނަ ޒިންމާތަކުގެ މައުލޫމާތު ފަސޭހައިން އެނގޭނެހެން ވެބްސައިޓުގައި ހިމަނާފައިވާނެ ކަމަށް ވެސް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުންޏެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ތަންފީޒު ކުރަން ޖެހޭ ކަންކަން ތަންފީޒު ކުރެވޭ މިންވަރު މޮނީޓަރު ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭ މުއައްސަސާތައް އިވެލުއޭޓު ކުރާ އޮފީހެކެވެ. ހަމައެއާއެކު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން ކަށަވަރު ކުރުމަކީ ވެސް އެ އޮފީހުގެ ޒިންމާއެކެވެ.

comment ކޮމެންޓް