މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުންކޮށްގެން ދަތުރު ނުކުރެވޭ ގޮތް ހަދަނީ

މޯލްޑިވިއަންގެ ފްލައިޓަކަށް ދަތުރުވެރިން އަރަނީ---

އައިޑީ ކާޑާއި ކާކުކަން އަންގައިދޭ އެފަދަ އެހެން ލިޔުންތަކުގެ މުއްދަތު ހަމަވެފައިވާ ނަމަ، އަންނަ މަހުގެ 22ހުން ފެށިގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި އެފަދަ ލިޔުންތައް ބަލައި ނުގަންނާނޭ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އަންނަ މަހުގެ 22އިން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބަލައިގަންނާނީ މުއްދަތު ހަމަނުވާ ލިޔުންތައް އެކަނިކަމަށެވެ.

މީގެ ތެރޭގައި، އައިޑީކާޑް، ޕާސްޕޯޓު، ވަކް ވިސާ ކާޑު، ލައިސަންސްކާޑު، އެއާޕޯޓް ސެކިއުރެޓީ ފާސް އަދި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އައީ އައިޑީކާޑު ނަންބަރުޖެހި ރަސްމީ ލިޔުން ހިމެނެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ވިދާޅުވީ، ކޮވިޑު ބަލިމަޑުކަމާއެކު ކުރިމަތިލާންޖެހުނު އުނދަގޫ ހާލަތްތަކުގައި ރައްޔިތުންނަށް ފަސޭހަކުރުމުގެ ގޮތުން މުއްދަތު ހަމަވެފައިހުރި ކާކުކަން އަންގައިދޭ ލިޔުންތައް މިހާރު ވެސް ބަލައިގަންނަ ކަމަށެވެ.

މުއްދަތު ހަމަވެފައިހުންނަ ކާކުކަން އަންގައިދޭ ލިޔުންތައް އަންނަ މަހުގެ 22އިން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބަލައި ނުގަންނަގޮތަށް އައިލެންޑު އޭވިއޭޝަނުން ނިންމާފައިވާއިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުންވެސް، މިހާރު މުއްދަތު ހަމަވެފައި ހުންނަ އައިޑީކާޑު ފަދަ ލިޔުންތައް ބަލައި ނުގަނެއެވެ.

comment ކޮމެންޓް