ރަޝިއާއާއި ޗައިނާއާއި ދެކުނު އެފްރިކާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ބާއްވަނީ

ޗައިނާ، ރަޝިއާ އަދި ދެކުނު އެފްރިކާގެ އިސްވެރިން

މޮސްކޯ (24 ޖަނަވަރީ 2023): ރަޝިއާއާއި ޗައިނާއާއި ދެކުނު އެފްރިކާ ގުޅިގެން އަސްކަރީ ޚާއްސަ ތަމްރީނުތަކެއް ބޭއްވުމަށް އެތިން ގައުމުން ނިންމައިފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ ރަޝިއާ އިންނެވެ. ރަޝިއާގެ ދިފާއީ ވުޒާރާއާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ "ޓާސް" ބުނާގޮތުން މި ތަމްރީންތައް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

"ޓާސް" ބުނާގޮތުން މިތަމްރީންތަކުގައި ބައިވެރިވާ ރަޝިއާގެ ކަނޑުގެ ސިފައިންގެ މަނަވަރެއްކަމަށްވާ އެޑްމިރަލް ގޮރްޝްކޯވް އެންމެ ފުރަތަމަ ދާނީ ސޫރިޔާގެ ކަނޑުގެ ބަނދަރެއްކަމަށްވާ ތަރުތޫސް އަށެވެ. އެއަށްފަހު ތަރުތޫސްގެ ބަނދަރުން ރަޝިއާގެ އަސްކަރީ އެހެން މަނަވަރުތަކަކާއެކު ރަޝިއާގެ އަސްކަރީ ފްލީޓެއް ދާނީ ދެކުނު އެފްރިކާއަށެވެ.

ދެކުނު އެފްރިކާގެ ކަނޑުގެ ސަރަހައްދުން ޗައިނާގެ މަނަވަރުތަކާއި ދެކުނު އެފްރިކާގެ މަނަވަރުތައް ރަޝިއާގެ ފްލީޓާ ގުޅޭނެއެވެ. އެއަށްފަހު މި ތިން ގައުމުގެ ކަނޑުގެ ބާރުތައް ގުޅިގެން ދެކުނު އެފްރިކާގެ ކައިރީގައި އަސްކަރީ ތަމްރީންތައް ފަށާނެއެވެ.

ދެކުނު އެފްރިކާގެ ގައުމީ ދިފާއީ ބާރުން ވެސް ވަނީ ރަޝިއާ އާއި ޗައިނާގެ ކަނޑުގެ ބާރުތައް ގުޅިގެން އަންނަ ފެބްރުއަރީ މަހު މި ތަމްރީންތައް ކުރިޔަށްގެންދާނެކަން ކަށަވަރުކޮށްދީފައެވެ. ތަމްރީންތައް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ދެކުނު އެފްރިކާގެ ކަނޑުގެ ސަރަހައްދުގައި އެގައުމުގެ ބަނދަރުމަތީ ދެ ސިޓީ ކަމުގައިވާ ޑާބަން އާއި ރިޗަޑްސް ބޭ ކައިރީގައި ކަމަށް އެފްރިކާގެ ގައުމީ ދިފާއީ ބާރުން ބުނެއެވެ.

އެފްރިކާގެ އެންމެ ބޮޑު އިގްތިސާދީ އަދި އަސްކަރީ ބާރުކަމަށްވާ ދެކުނު އެފްރިކާއަކީ ސިނާއީ ގޮތުން ވެސް ވަރަށް ބޮޑަށް ކުރިއަރާފައިވާ ގައުމެކެވެ. ދެކުނު އެފްރިކާ ޖިއޮޕޮލިޓިކަލް ގޮތުން އޮންނަނީ އެމެރިކާ ވާދަވެރި ފަޅި ކަމަށްވާ ރަޝިއާއާއި ޗައިނާގެ ފަޅީގައެވެ.

މި ތަމްރީންތަކުގެ ބޭނުމަކީ ދުނިޔޭގެ ބާރުގެ ތިލަފަތް ހަމަހަމަކޮށް ހަމައެކަނި އެއްބާރު (އެމެރިކާ)ގެ ބާރާއި ނުފޫޒުގެ ބަދަލުގައި ގިނަ ބާރުތަކެއްގެ މައްޗަށް ބިނާވެފައިވާ މަލްޓިޕޯލާ ނިޒާމެއް ދުނިޔެއަށް ތައާރަފު ކުރުމެވެ. މިތިން ގައުމަކީ ޗައިނާ އިސްވެ އޮވެގެން އުފައްދާފައިވާ އިގްތިސާދީ ޖާމާއަތް ކަމަށްވާ "ބްރިކްސް" ޖަމާއަތުގައިވެސް ހިމެނޭ ތިން ގައުމެވެ.

ޗައިނާއާއި ދުނިޔޭގެ ގައުމުތައް އިގްތިސާދީ ގޮތުން ގުޅާލުމަށް އެގައުމުން ކުރިޔަށްގެންދާ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވް ގައިވެސް ރަޝިއާއި ދެކުނު އެފްރިކާއަކީ ޗައިނާގެ އެންމެ ބޮޑު ދެބައިވެރިންނެވެ. ދެހާސް ނަވާރަ ވަނަ އަހަރު ވެސް ވަނީ ރަޝިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ގުޅިގެން މިފަދަ އަސްކަރީ ޚާއްސަ ތަމްރީނުތަކެއް ކުރިޔަށް ގެންގޮސްފައެވެ.

މުހައްލިލުން ދެކޭގޮތުގައި އިގްތިސާދީ ގުޅުންތަކާއެކު މިތިން ގައުމުން ގާއިމް ކުރަމުންގެންދާ އަސްކަރީ ގުޅުންތަކަކީ ދުނިޔޭގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަކުރުމަށް ނޫނީ އެމެރިކާގެ ބާރާއި ނުފޫޒު ދުނިޔޭގައި ނިއުޓްރަލް ކުރުމަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ގުޅުންތަކެކެވެ.

ރަޝިއާ އެފްރިކާގެ ގައުމުތަކާއެކު އަސްކަރީ ގުޅުންތައް ބަދަހިކުރަމުން ގެންދާއިރު ޗައިނާ ގެންދަނީ އިގްތިސާދީ ގޮތުން އެފްރިކާގެ ގައުމުތަކާ ވަރަށް ބޮޑަށް ގުޅުންތައް ބަދަހިކުރަމުންނެވެ. މިކަމާމެދު އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ވަނީ އެތައް ފަހަރަކު ކަންބޮޑުވާކަން ހާމަކޮށްފައެވެ.

ރަޝިއާ އަސްކަރީގޮތުން އެފްރިކާއަށް ވަންނަމުންދާއިރު ޒަމާނުއްސުރެ އެފްރިކާއަށް އަސްކަރީގޮތުން ވަދެފައިވާ ފަރަންސޭސިވިލާތަށްވަނީ އެފްރިކާއިން ނުކުތުމަށް މަޖްބޫރުވެފައެވެ. އެފްރިކާގައި ފަރަންސޭސިވިލާތް އެންމެ ބޮޑަށް އަސްކަރީގޮތުން ވަކިހިއްޕާލާފައިވާ ދެގައުމު ކަމަށްވާ މާލީ އާއި ބުރުކީނާ ފާސޯއިންވަނި ފަރަންސޭސިބާރުތައް ފައިބަންޖެހިފައެވެ.

މާލީގެ އެދުމުގެ މަތިން މިދިޔަ އަހަރު ފަހުކޮޅު ފަރަންސޭސި އަސްކަރީ ބާރުތައް އެގައުމުން ފާބައިފައި ވާއިރު ބުރުކީނާ ފާސޯއިން މިދިޔަ ހަފުތާގައި ވަނީ އެއްމަސް ތެރޭގައި އެގައުމުން ބޭރުވުމަށް ފަރަންސޭސި އަސްކަރީ ބާރުތަކަށް އަންގާފައެވެ. މިއާއެކު ފަރަންސޭސި ނުފޫޒާއި ފަރަންސޭސީންގެ އަސްކަރީ ބާރު މިހާރުވަނީ އެފްރިކާގައި ވަރަށް ބޮޑަށް ކުޑަވާން ފަށާފައެވެ.

ރަޝިއާ ބުނާގޮތުން ޗައިނާއާއި ދެކުނު އެފްރިކާއާއެކު އެގައުމުން ބާއްވާ އަސްކަރީ ޚާއްސަ ތަމްރީނުތަކުގައި އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުކުރާ ހައިޕާސޮނިކް މިސައިލް "ޒިރްކޮން" ހަރުކޮށްފައިވާ މަނަވަރު ކަމަށްވާ އެޑްމިރަލް ގޮރްޝްކޯވް ބައިވެރިވާނެއެވެ. ރަޝިއާގެ މިބާވަތުގެ މިސައިލްއަކީ އެމެރިކާ އުފައްދާފައިވާ ދިފާއީ ހުރިހާ ނިޒާމުތަކެއް ފޫއަޅުވާލުމުގެ ގާބިލްކަން ލިބިފައިވާ ވަރަށް މަތީ ޓެކްނޮލޮޖީގެ މިސައިލް އެކެވެ. އެބާވަތުގެ މިސައިލް އެމެރިކާއަށް އަދި އުފެއްދިފައެއް ނުވެއެވެ.

comment ކޮމެންޓް