ތުޅާދޫއަށް، 100 ހައުސިން ޔުނިޓު މަދު: ކައުންސިލް

ބ. ތުޅާދޫ މަތިން ނެގިފައިވާ ފޮޓޯއެއް ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބ. ތުޅާދޫގައި ސަރުކާރުން އިމާރާތް ކުރާ 100 ހައުސިންޔުނިޓަކީ އެރަށަަށް އެންމެ އެކަށީގެންވާ އަދަދު ނޫން ކަމަށް ބުނެ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ތުޅާދޫ ކައުންސިލުގެ ރައީސް އިބްރާހީމް އާދިލް މިއަދު "ސަން"އަށް ވިދާޅުވީ އެރަށުގެ އާބާދީގައި 3072 މީހުން ތިބިއިރު 100 ހައުސިން ޔުނިޓަކީ އެރަށަށް އެންމެ އެކަށީގެންވާ މިންވަރު ނޫން ކަމަށެވެ.

"އެއްޗެއް ނެތުމަށް ވުރެ 100 ވެސް ރަނގަޅު. އެކަމު އެންމެ އެކަށީގެންނެއް ނުވޭ 100 ހައުސިން ޔުނިޓް ވީމަ. އެއަށްވުރެ ގިނަ މީހުން ގޯއްޗަށް އެދޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތުޅާދޫގައި ހައުސިން ޔުނިޓު ގާއިމު ކުރުމުގެ ކުރިން އެރަށަށް އެންމެ އެކަށީގެންވާ މިންވަރަށް މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ސާވޭއެއް ކުރަން ޖެހޭ ކަމަށެވެ. ނޫން ނަމަ މިފަދަ މައްސަލަތައް ކުރިމަތިވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ބޯހިޔަވާހިކަމަށް ތުޅާދޫގެ ވަރަށް ގިނަ މީހުން އެދޭއިރު މިހާރުވެސް އެ ރަށުގައި ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑެވެ. މިހާރު އިމާރާތް ކުރާ 100 ހައުސިން ޔުނިޓަކީ އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ ކަމަކަށްވާއިރު މިހާރު މި ހައުސިން ޔުނިޓް ހޯދުމަށް ހުށައަޅާ ފޯމްތައް ވަނީ ދޫކޮށް ނިމިފައެވެ.

އެރަށުގައި ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރީ ޕްރިސިޝަން އިންޖީނިއަރިން ސާވިސަސްއާއި ފްލްކްސްއިންކް ޕްރައިވެޓް ލިމިޑެޓްގެ ޖޮއިންޓް ވެންޗާ ކުންފުންޏާ 79.6 މިލިއަން ރުފިޔާއަށް 2019ވަނަ އަހަރުގެ ޖުލައި މަހުގެ 10ވަނަ ދުވަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން ޔުނިޓުތައް އަޅާނީ 1،100 އަކަފޫޓުގެ ބިމެއްގެ ތެރޭގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ އަދި ސްޓޯރޫމްގެ އިތުރުން ލޯންޑްރީ ހިމެނޭ ގޮތަށެވެ. އެ ޔުނިޓްތައް އަޅާނީ ރޯ ހައުސްގެ ގޮތުގައެވެ.

އެ މަޝްރޫއުއަކީ 363 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެއް ނަމަވެސް އެ މަސައްކަތް ވަނީ މިއަދާ ހިސާބަށް ވެސް ދިގުލައިގެން ގޮސްފައެވެ. ނަމަވެސް މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ތުޅާދޫ ކައުންސިލުން ވަނީ ބުނެފައެވެ.

އެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ކުލަ ލުމާއި ޕުޓީ ޖެހުމާއި ވައިރިންގެ މަސައްކަތާއި މުށިޖެހުން ފަދަ މަސައްކަތްތަކެވެ.

ސަތޭކަ ހައުސިން ޔުނިޓަކީ ތުޅާދުއަށް އެންމެ އެކަށީގެންވާ އަދަދަށް ނުވި ނަމަވެސް އެ މަސައްކަތް ނިމުމުން މިހާރު އެ ރަށުގައި ދިމާވެފައިވާ ބޯހިޔަވާހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އެރަށު ކައުންސިލުން ގަބޫލުކުރެއެވެ.

comment ކޮމެންޓް