ހައްލު ނުވި ޑޮލަރުގެ ކަޅު ބާޒާރު، މި ނޫންގޮތެއް ނެތްތަ؟

ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި ޑޮލަރުގެ އަގު ކުޑަ ނުކުރެވުމަކީ ރާއްޖެއަށް ޖެހިފައި އޮތް ދާއިމީ ވަބާއެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ދުވަހަކަށް ވުރެ ދުވަހެއް ޑޮލަރުގެ އަގު، ކަޅު ބާޒާރުގައި ބޮޑު ވަމުން އައިސް، މިއަދު ޑޮލަރު ގަންނަން ލިބެނީ 17 ރުފިޔާ އާއި 20 ރުފިޔާގެ ދެމެދުގެ އަގަކަށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ޑޮލަރުގެ ރޭޓަކީ 12.85 އެކެވެ. އެ އަދަދު ބޮޑުތަނުން އިތުރުވީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ގެނައި ނުރަނގަޅު ބަދަލުތަކެއްގެ ސަބަބުންނެވެ. މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް ރޭޓް މިހާރު 15.45 ރުފިޔާގައި ހިފަހައްޓާފައި އޮތް ނަމަވެސް، މިއަދަކު އެ ރޭޓަކުން ޑޮލަރެއް ނުލިބެއެވެ. މީގެ ތެރޭގައި ހައްލު ނުވެ ހުރި އެތަކެއް މައްސަލަތަކެއް ހިމެނޭއިރު، މި މައްސަލަތައް އަވަސް މުސްތަގްބަލެއްގައި ހައްލުވުމަކީ ވެސް ވުމަށް ވުރެ ނުވުން ނާދިރު ކަމެކެވެ.

އަސްލު މައްސަލައަކީ ކޮބާ؟

ރާއްޖޭގައި ޑޮލަރުގެ ވާހަކަ، ޑޮލަރުގެ ކަޅު ބާޒާރުގެ ވާހަކަ ދައްކާއިރު، އެންމެ މުހިއްމު ވާހަކައަކީ މިއީއެވެ. ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ ޑޮލަރު އިގްތިސާދަށް ނުވަނުމަކީ އެންމެ ބޮޑު މައްސަލަ ކަމަށް ވިޔަފާރިވެރިން ބުނެއެވެ. ޑޮލަރަށް އޮންނަ ޑިމާންޑާ އެއްވަރަށް ބޭންކު ތަކުން ޢާންމުންނަށް ޑޮލަރު ނުދެވުމަކީ އެންމެ ބޮޑު އެއް މައްސަލައެވެ.

މީހަކު ބޭރު ފައިސާތަކެއް ހިފައިގެން:

މިއަދު ރާއްޖޭގެ ޑޮލަރުގެ ކަޅު ބާޒާރަކީ ޑޮލަރުގެ އަސްލު ރޭޓެވެ. ޓީޓީއެއްގެ 10 އިންސައްތައަށް ވުރެ ބޮޑު ނުވާނެ ގޮތަށް ހަމަ އަގުގައި ޑޮލަރު ނުދެވޭ ނަމަ، ބާކީ އޮތް 90 އިންސައްތައަށް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުންނެވެ. މިކަމަށް ޙައްލެއް ނެތެވެ.

ދެން އޮތީ ރާއްޖޭގައި ޑޮލަރަށް އޮންނަ ޑިމާންޑުގެ ވާހަކައެވެ. ޑޮލަރަށް އޮންނަ ޑިމާންޑު ދަށްކުރުމަށް އެމްއެމްއޭ އިން ކަނޑައަޅާފައިވާ ފަސް ދާއިރާގެ ޕްލޭނުގެ ތެރެއިން އެއް ކަމަކީ ރާއްޖޭގައި ޑޮލަރަށް އޮންނަ ބޭނުން ނުޖެހޭ ޑިމާންޑު ދުއްވާލުމެވެ. މީގެ އިތުރަށް ހަތަރު ކަމެއް އެމްއެމްއޭއިން ޕްރޮޕޯޒް ކުރި ނަމަވެސް، އެކަންކަމަކީ ދެއުޅައެއް ނުވާ ވާހަކައެއް ކަމަށް ގިނަ އިގްތިސާދީ މާހިރުން ދެކެއެވެ. މިވަރުން ވެސް ހަމައަގުގައި ޑޮލަރު ލިބުމުގެ ތާށިކަމަށް ޙައްލެއް ނުލިބުމަކީ އޭގެ ސަބަބެވެ.

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި "ރެގިއުލޭޓަރީ ފްރޭމްވޯކް"އަށް ގެންނަ ބަދަލުތަކުގެ މަޢުލޫމާތު ވިޔަފާރިވެރިންނާއި ޢާންމުންނަށް ދިނުމަށް އެމްއެމްއޭ އިން 2021 ވަނަ އަހަރު ނިންމިއެވެ. މިއާ އެކު، ހަމަ އެ އަހަރު، ޑޮލަރުގެ ތާށިކަން ޙައްލު ކުރުމަށްޓަކައި ކުއްލި ބަދަލުތަކެއް ގެނައުމަކީ މުހިއްމު ކަމެއް ކަމުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ޙާޝިމް ވެސް ވިދާޅުވިއެވެ.

ބީއެމްއެލް ޑޮލަރު އޭޓީއެމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދެން އަގުބޮޑުކޮށް ޑޮލަރު ވިއްކާ، ބައެއް މީހުން ގަންނަނީ އޭ، ހިފަހައްޓަނީ އޭ، ބައެއް ބިދޭސީން ޑޮލަރު ބޭރުކޮށްފިއޭ ކިޔާފަ، އަސްލު މައްސަލަ ހައްލުނުކޮށް އެކަހަލަ ފިޔަވަޅު އެޅީމާ ބްލެކް މާކެޓުތައް އުފެދި މި އަންނަނީ،" ރާއްޖޭގެ އިގްތިސާދީ މާހިރެއް ވިދާޅުވިއެވެ.

މި މައްސަލަތަކުން ފެންމަތިވީ ރާއްޖޭގައި ފޮރިން އެކްސްޗޭންޖް މާކެޓުގެ ކަންކަން ރަނގަޅަށް ރެގިއުލޭޓްކޮށް ބެލެހެއްޓުމަށްޓަކައި ހަރުދަނާ ގާނޫނީ ނިޒާމެއް ނެތްކަމެވެ. އެކަމަށް އެކި އެކި ސަރުކާރުތައް ނުކުޅެދިފައިވާ ކަމެވެ.

ރާއްޖެއަކީ ބެލެންސް އޮފް ޕޭމެންޓް ޑެފިސިޓް ގައުމަކަށް ވީއިރު، ބަޖެޓް ޑެސިފިޓް 12 ބިލިއަނުން، 14 ބިލިއަން ރުފިޔާއަށް ބޮޑުވެ، ޑޮލަރަށް އޮންނަ ޑިމާންޑު ވެސް މިހާރު މާ ބޮޑެވެ. ނަމަވެސް މި ކަމަށް ވެސް ޙައްލު ހޯދެން ޢާންމުންނަށް އޮތީ ބޮޑު އަގުގައި ކަޅު ބާޒާރުން ޑޮލަރު ގަނެގެންނެވެ.

ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް، ޑޮލަރުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ރާއްޖެއަށް ވަންނަ ޑޮލަރުގެ ބައެއް މަރުކަޒީ ބޭންކުން މާރުކުރުން ނުވަތަ ބެހެއްޓުމެވެ. އިގްތިސާދުގެ ތެރެއަށް ވަނުމެވެ. އެކަމެއް ރާއްޖޭގައި އަދި ވެސް ނުވެއެވެ.

"ގަވަރުނަރު ވިދާޅުވި ނޫންތޯ ސަރެންޑާ ރިކުއާމެންޓް. ސަރެންޑާ ރިކުއާމެންޓަކީ އެބަޔަކަށް ލިބޭ ޑޮލަރުގެ ވަކި ވަރެއް އެމްއެމްއޭ އަށް މާރުކުރުން. ނުވަތަ ރާއްޖޭގެ ބޭންކަށް މާރުކުރުން. ނަމަވެސް އެކަހަލަ ބަދަލެއް ނުގެނޭތާ،" ރާއްޖޭގެ އިގްތިސާދީ މާހިރެއް ވިދާޅުވިއެވެ.

"ދާއިރާތަކުން ލިބޭ ޑޮލަރަށް ވެރިވެގަންނަ ބޮޑު މޮނޮޕޮލީއެއް"

ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. އެ ދާއިރާއަކީ މުޅިންހެން ޑޮލަރެވެ. ފަތުރުވެރިޔާގެ ޓިކެޓުން ފެށިގެން ރާއްޖޭގައި ހުންނަ ސްޓޭއާއި އަދި އެނޫން ވެސް އެކި ކަންކަމުން ލިބޭ ޑޮލަރުން، ރާއްޖޭގެ އިގްތިސާދަށް ލިބެނީ ކިހާވަރެއްގެ ކުރިއެރުމެއްތޯ މިއަދު ވިސްނާލުން މުހިއްމެވެ.

ހަމަ ޔަގީނުންވެސް އެންމެންނަށް އިނގޭ ބޮޑު ހަގީގަތެއް މިކަމުގައި ވެއެވެ.

"ރާއްޖޭގެ އެކި ދާއިރާތައް، ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ވިޔަފާރި އިން އެބަ އާން ކުރޭ އެތަކެއް މިލިއަން ޑޮލަރު. އެއެއް ނުއެއް ވަދޭ ބޭންކުތަކަށް. ދިވެހި އިގްތިސާދު ތެރޭގައި އޭތި ދައުރެއް ނުކުރޭ،" އިގްތިސާދީ މާހިރެއް ވިދާޅުވިއެވެ.

ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިކަމުގެ އެންމެ ބޮޑު ހެއްކަކީ ހަމަ އަގުގައި ޑޮލަރު ލިބުމުގެ ތާށިކަމެވެ. ނަމަވެސް ނުއަގުގައި ޑޮލަރު އާންމުންނަށް ބޭނުން މިންވަރަކަށް ލިބެން ހުންނަ ކަމެވެ.

"އަހަންނަށް ބޭންކުން ހަމަ ރޭޓުގައި ޑޮލަރު ނުލިބޭތާ ކިހާ ދުވަހެއް. އެކަމާހެދި ވިޔަފާރި ހުއްޓާލައިގެން ނުހެރެވޭނެ ދޯ. ކަޅު ބާޒާރުގައި އަގުބޮޑުކޮށް ޑޮލަރު ހުސްނުވެ ގަންނަން ލިބޭ. މި ދެން އަޖައިބެއްނު،" މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިޔަކު ވިދާޅުވިއެވެ.

ރާއްޖޭގެ ބޭންކުތަކަށް ވަންނަން ޖެހޭ ފައިސާގެ ގިނަ އަދަދަކީ ބޭންކިން ސިސްޓަމުން ބޭރުން، ވަކި ބައެއްގެ އަތް މައްޗަށް ދާ ފައިސާއެވެ. ވަކިން ޚާއްސަކޮށް ޑޮލަރެވެ. މީގެ ތެރޭގައި ސަރުކާރުގެ އެކިން ފަންތީގެ މީހުންނާއި، ސިޔާސީ އެކި މަގާމްތަކުގެ މީހުންނާއި އަދި އެނޫން ވެސް އެކި ދާއިރާތަކުގެ ނުފޫޒް ގަދަ މީހުންގެ ބައިވެރިވުން އޮވެއެވެ. މިކަމަށް ސަރުކާރަށް ކުރެވުނު ކަމެއް ވެސް ނެތެވެ.

"ގާތްގަޑަކަށް 1.5 ރުފިޔާގެ ޕްރޮފިޓެއް އެމީހުން ކޮންމެ ޑޮލަރަކުން ޖަހާ. އެކަން އެމްއެމްއޭއަށް ވެސް އިނގޭ. އެކަމަކު ފިޔަވަޅު އެޅިޔަސް އަސްލު އެކަމެއް ދުވަހަކުވެސް ނުހުއްޓުވޭ. އެމީހުން ބާރު މާ ގަދަ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ޙައްލަކީ ކޮބާ؟

ޑޮލަރުގެ އަސްލު މައްސަލަ އެންމެނަށް ވެސް ވަރަށް ސާފެވެ. އިމްޕޯޓުން ފެށިގެން އެކި ދާއިރާތަކުން ލިބޭ ފައިސާއަށް ރާއްޖޭގެ އިގްތިސާދަށް ނުވަނުމެވެ. ޑޮލަރު މެނޭޖު ކުރުމުގައި ދޯހަޅި ވުމެވެ. ޑޮލަރުގެ މައްސަލަ ހައްލު ކުރަން ސަރުކާރުގެ ސިޔާސަތު ތަކަށް ބަދަލު ތަކެއް މި ހުރިހާ ދުވަހަކު ވެސް ނުގެނެވުމެވެ.

ވިޔަފާރިތަކަށް ލިބޭ ޑޮލަރުގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތަކުން މާރުކުރަން އެމްއެމްއޭ އިން ދެއްކި ވާހަކަތަކަށް ޢަމަލީ ސިފައެއް އަދި ވެސް ނުގެނެވުމެވެ. ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން މަދުކުރުމަށް މަސައްކަތްތަކެއް ނުކުރެވޭ ކަމެވެ.

ޑޮލަރާއި ޔޫރޯ

މީގެން ދައްކުވައިދިނީ ރާއްޖެއަށް ފޮރިން ކަރަންސީ އެކްސްޗޭންޖް ކުރުމުގެ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅަން ޖެހޭ ކަމެވެ. ވިޔަފާރިތަކުން ލިބޭ ފައިސާގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކު ތަކުން މާރުކޮށް، އިގްތިސާދުގެ ތެރެއަށް އެ ފައިސާ ވަނުމުގެ މުހިއްމު ކަމެވެ. ކަަރަންސީ ފްލޯޓް މެނޭޖު ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކޮށް، ދިވެހި ފައިސާ ޗާޕު ކުރުން މަދުކުރަން ޖެހޭ ކަމެވެ.

މި ހުރިހާ ކަމަކީ ކަޅު ބާޒާރުގައި ޑޮލަރު ދައުރުވުން މަދުކޮށްދޭނެ ކަމެކެވެ. ކަޅު ބާޒާރުގައި ހިތު ހުރި އަގަކަށް ޑޮލަރު ވިއްކުން ހުއްޓުވަމަށް ފިޔަވަޅު އެޅޭނެ ކަންކަމެވެ.

"އަޅުގަނޑު މި ދަންނަވަނީ ރާއްޖެއަށް މިކަމުގައި ރަނގަޅު ގޮތްތަކެއް ވާނީ އެންމެ ފުރަތަމަ ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު، ކޮންމެވެސް އެއް ބަޔަކަށް ރަނގަޅަށް މޮނިޓާ ކުރެވިގެން. އެކަމެއް އަދިވެސް ނުވޭ. މިވަރުން މި ކަމެއް ޙައްލެއް ނުވާނެ،" މާލީ ދާއިރާގެ މާހިރަކު ވިދާޅުވިއެވެ.

މި ރިޕޯޓަށް އެމްއެމްއޭގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ އެންމެ ބޮޑު ސަބަބަކީ ހަމަ އަގުގައި ޑޮލަރުގެ ތާށިކަން އޮތުމާއި އެ ޑޮލަރު ނުލިބުމެވެ. މިވަރުން އަދި ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބެހެއްޓި ނަމަވެސް އެކަމެއް ޙައްލެއް ނުވާނެއެވެ. ޙައްލު ވާނީ މައްސަލައިގެ ފުނަށް ފީނައިގެން، އެކަން ޙައްލު ކުރުމަށް މަސައްކަތް ކޮށްގެންނެވެ.

comment ކޮމެންޓް