އެމްޑީޕީ ތެރެއިން ބަޔަކު ކުޅެނީ އިދިކޮޅުގެ ދައުރު: މަހުލޫފް

'އެމްޑީޕީ ކުރިއަށް' ކެމްޕޭން ހަރަކާތުގައި މިނިސްޓަރު މަހުލޫފް ވާހަކަދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، އެޕާޓީގެ ތެރެއިން ބަޔަކު އިދިކޮޅު ޕާޓީން ކުރާ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެކު އއ. ތޮއްޑޫއަށް ވަޑައިގެން އެރަށުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ކޮންމެ ރަށެއްގައި އެތައް މަޝްރޫއެއް ކުރިއަށް ގެންދަނިކޮށް، އެއީ ނުވާކަންކަން ކަމަށް ބުނެ، ޕާޓީގެ ތެރެއިން ބަޔަކު ކުރަމުން އަންނަނީ އިދިކޮޅު ޕާޓީއަކުން ކުރާ މަސައްކަތް ކަމަށެވެ. އަދި، އެއީ ގޯހެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހުރިހާ ކަމެއް އަޅުގަނޑުމެންގެ ލޯމަތީގައި ހިނގަހިނގާ ހުއްޓާ، ހަމަ އެއްބަޔަކު ނުކުމެ މި ބުނަނީ ކީއްހޭ ކުރީ، ކޮން ކަމެއްހޭ ނިމުނީ، އަންނަނީއޭ." މަހުލޫފު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ރަށްރަށުގައި ހިންގަމުން ގެންދާ ތަރައްގީގެ މަޝްރޫއުތައް ރަށްރަށުގައި ތިބި މެންބަރުންނަށް ސާފުކޮށް ފެންނާނެ ކަމަށެވެ. އަދި، އެއްވެސް ސަރުކާރަކުން ނުހިންގާ ވަރަށް މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގައިފިކަން އޮތީ ފެންނަން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕާޓީގެ ތެރެއިން ބަޔަކު ނުކުމެފަ، އެއީ ދޮގެކޭ، ނުވެޔޭ ބުނީމަ އެއީ މައްސަލައެއް،" މިނިސްޓަރު ވިދާޅުވިއެވެ.

"ޕީޕީއެމް ނޫނީ އޮޕޮޒިޝަން އިން އެވާހަކަ ދެއްކީމާ އަޅުގަނޑު ގަބޫލުކޮށްފާނަން. އެމީހުން ދައްކަން ޖެހޭނީވެސް އެހެންތާ. އެކަމު އަޅުގަނޑުމެންގެ ތެރެއިން ނުކުމެފަ އެވާހަކަ ދެއްކީމާ ގޯސް."

މަހުލޫފް ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކަކީ ނުވާ ކަމެއް ކަމަށް ދައްކަން އެމްޑީޕީގެ ތެރެއިން ބަޔަކު މަސައްކަތް ކުރުމަކީ ގޯހެއް ކަމަށެވެ. އަދި، އެއީ އިދިކޮޅު ޕާޓީއަކުން ކުރާ ކަންކަން ކަމަށް ވިދާޅުވެ، އޭނާ ވަނީ ޕްރައިމަރީގައި ދެން ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާއެއް ރައްދުކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ޔޫތު މިނިސްޓްރީން އެކަނި ހިންގި މަޝްރޫއުތައް ވެސް ގިނަވުމުގެ ސަބަބުން، ރިބަން ކެނޑުމުގެ ރަސްމިއްޔާތުތަކަށް އޭނާއަށް ވެސް ވަޑައިނުގެންނެވޭ ކަމަށެވެ. އެހާ ބައިވަރު މަޝްރޫއުތައް ރަށްރަށުގައި ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރު ލަސް ކަމަށާއި ފަށާ މަޝްރޫއުތައް ނުނިންމާ ކަމަށް ވިދާޅުވެ، ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.

comment ކޮމެންޓް