ރަށްރަށުގެ އިޖްތިމާއީ ތަރައްގީގައި އެސްއެސްނެޓު ބައިވެރިވާނަން: މޮންދު

އެސްއެސްނެޓުގެ ސީއޯއޯ، މުހައްމަދު އާސިފް (މޮންދު) -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެކަށީގެންވާ މިންވަރަށް އެސްއެސްނެޓްގެ ޚިދުމަތް ގާއިމްކޮށްފައިވާ ރަށްތަކުގެ އިޖުތިމާއީ ތަރައްގީގައި އެސްއެސްނެޓުން ބައިވެރިވާނެ ކަމަށް އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވެއްޖެއެވެ.

އެސްއެސްނެޓްގެ ޚިދުމަތް މުޅި ރާއްޖޭގައި ފަށަން ތައްޔާރުވެފައިވާއިރު މޮންދު މިއަދު ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ރައްޔިތުންގެ އުފާވެރިކަން ކަމަށާއި މަސައްކަތް ކުރާނީ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދިނުމަށް ކަމަށެވެ.

"ނަފްސާނީ ހާސްކަމުން ދުރަށް ގެންގޮސް އުފާވެރި މާހައުލެއް ތަނަވަސްކޮށްދިން އަމާޒަކީ. ދިވެހި ގައުމު ބިނާކުރުމުގައި އެސްއެސް ނެޓުން ބައިވެރިވާނެ." އޭނާ ވިދާޅުވިއެވެ.

މިގޮތުން އޭނާ ވިދާޅުވީ އެސްއެސްނެޓުގައި ދީނީ މަގްބޫލް ޗެނަލްތަކުގެ އިތުރުން ބޮލީވުޑާއި ހޮލީވުޑްގެ ފިލްމުތައް ދައްކައިދޭ ޗެނަލްތައް ވެސް ހުންނާނެ ކަމަށެވެ. އަދި، ކުޑަކުދިންނަށް ޚާއްސަ ޗެނަލްތަކާއި ކުޅިވަރު ޗެނަލްތަކުގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޚަބަރު ޗެނަލްތައް ވެސް އެސްއެސްނެޓުން ގެނެސްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ފަށަނީ ވަރަށް މުހިންމު ދަތުރެއް. އެސްއެސްނެޓުން އަބަދުވެސް ބަލާނީ އެންމެ ކޮލިޓީކޮށް އަދި އެންމެ އަގުހެޔޮކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް." މޮންދު ވިދާޅުވިއެވެ.

އެސްއެސް ނެޓަށް ބަދަލުވުމަށް ދިރާގުންނާއި އެސްއެސް ނެޓުން ފޯރުކޮށްދެމުން އަންނަ މައުލޫމާތާއެއްގޮތަށް އަމަލުކުރުމުން ދިރާގު ޓީވީ ހުއްޓާލާ ދުވަހުން ފެށިގެން އެސްއެސް ނެޓްގެ ޚިދުމަތް ލިބެން ފަށާނެއެވެ.

ސަން ސިޔާމް މީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މުޙައްމަދު ޢާޞިފް (މޮންދު) އާއި މި މީޑިއާގެ ބައެއް މުވައްޒަފުން ރީ ބްރޮޑްކާސްޓް ކުރުމުގެ ލައިސެންސާއެކު: އެސްއެސް ނެޓްވޯކުން ކޭބަލް ޓީވީގެ ޚިދުމަތް ފަށާއިރު އެ ހިދުމަތް މެނޭޖް ކުރާނީ ސަން ސިޔާމް މީޑިއާއިން--- ސަން ފޮޓޯ

މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ އެސްއެސް ނެޓްގެ ކޭބަލް ޓީވީ ޚިދުމަތް މި މަހުގެ 30ވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

އެސްއެސް ނެޓްގެ ޚިދުމަތް ފަށާއިރު، އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ދިރާގު ޓީވީގެ މިހާރުގެ ކަސްޓަމަރުން ފަސޭހަކަމާއެކު އެސްއެސް ނެޓަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

ދިރާގު ޓީވީގެ މިހާރުގެ ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި މިހާރު ބޭނުންކުރަމުންދާ ދިރާގު ޓީވީގެ ޖޯއި ބޮކްސް މެދުވެރިކޮށް އެސްއެސް ނެޓްގެ ޚިދުމަތް މި މަހުގެ 30ވަނަ ދުވަހުން ފެށިގެން ލިބޭނެއެވެ. ދިރާގުން އެ ކަސްޓަމަރުންނަށް ފޮނުވާ ލިންކެއް މެދުވެރިކޮށް އެސްއެސްނެޓުގެ ޚިދުމަތަށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކޮށްލެވޭނެއެވެ.

އެސްއެސްނެޓްގެ ޚިދުމަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެސްއެސްނެޓްގެ ކޯލް ސެންޓަރު ނަންބަރު 1633 އަށް ގުޅުމުން ލިބޭނެއެވެ.

ދިރާގުޓީވީ އާއި ދިރާގުޕްލޭއާ ގުޅޭ އެންމެފަހުގެ ނިންމުން އިއުލާނު ކުރުމަށް 24 ޑިސެމްބަރު 2022ވަނަ ދުވަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އާ ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުން ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް ނިންމައިފައިވާ ކަމަށެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މަޝްވަރާތަކުން، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއެކު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ވުމާއެކު ދިރާގު ދެމިއޮންނާނީ އެ މަސައްކަތުގެ ޕާޓްނަރެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް