އދ. ހުރުއެޅި ރެޑިސަން ބްލޫ މޯލްޑިވްސްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން, ހުރުއެޅި ބަނދަރުގެ މަސައްކަތް އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ކުރިއަށް ގެންދިޔުމާ ގުޅިގެން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 28 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން އިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ހުރުއެޅި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަވުމުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.
އީޕީއޭއިން ބުނީ އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ރިޕޯޓެއް އެ އެޖެންސީއަށް ހިއްސާކޮށްދިނުމަށް އެދިފައިވުމާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28ގައި އެ ކުންފުނިން އިންސިޑެންޓް ރިޕޯޓެއް ފޮނުވި ކަމަށެވެ. އެ ރިޕޯޓުގައި ވަނީ، އދ. ހުރުއެޅި ބަނދަރު ތަރައްގީކުރުމުގެ ތެރޭގައި 1055 އަކަމީޓަރުގެ ސަރަޙައްދެއް ކޮނެ، 1582 ކޮޑިމީޓަރުގެ ވެލި ނަގައި 60 މީޓަރުގެ ބަނދަރެއް ގާއިމްކޮށްފައިވާ ކަމާއި، އެ މަސައްކަތުގައި ނެގި ވެލިތައް އަލަށް ގާއިމްކުރި ބަނދަރާއި އިންވެގެން އޮތް ބަނދަރުގެ "ކީ ވޯލްގެ" ފަހަތަށް އަޅާފައިވާކަމަށް ބަޔާންކޮށް، އދ. ހުރުއެޅި ބަނދަރުގެ މަސައްކަތްތައް މިދިޔަ އަހަރުގެ ޖުލައި 15 ގައި ފަށައި، 30 ސެޕްޓެމްބަރުގައި ނިންމާފައިވާކަމަށް އިއުތިރާފްވެފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައި ބުނެއެވެ.
އެހެންކަމުން ހުރުއެޅީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ހުރުއެޅި ބަނދަރުގެ މަސައްކަތް އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ކުރިޔަށް ގެންދިޔުމާ ގުޅިގެން، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން 20,000 ރުފިޔާއިން ޖޫރިމަނާކޮށް އަދި، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 28.5 މިލިއަން ރުފިޔާއިން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.
އީޕީއޭއިން ވަނީ ޖޫރިމަނާގެ ޖުމްލަ ފައިސާގެ އަދަދު ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައެވެ.