ބައިޑެންގެ ގެކޮޅުން އިތުރު، ސިއްރު ލިޔެކިޔުން ފެނިއްޖެ

އެމެރިކާގެ ރައީސް، ޖޯ ބައިޑަންގެ ގެ ބަލައި ފާސް ކުރުމުގައި އެ ޤައުމުގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) ގެ އިންވެސްޓިގޭޓަރުން ހަރަކާތްތެރިވުން -- ފޮޓޯ/ ރޮއިޓާސް

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސް (ޑީއޯޖޭ)އިން ރައީސް ޖޯ ބައިޑަންގެ ގެކޮޅު ބަލައި ފާސް ކުރުމުގެ ތެރޭގައި އިތުރު، ހަ ސިއްރު ލިޔެކިޔުމެއް ފެނިއްޖެއެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޑެލަވޭއާގައި ހުންނަ ބައިޑަންގެ ގެކޮޅު ޑީއޯޖޭއިން ފާސް ކޮށްފައިވަނީ، ބައިޑެންއާއި އަނބިކަނބަލުން ޖިލް ބައިޑެންގެ ޣައިރު ހާޒިރުގައެވެ.

ޑީއޯޖޭއިން އެ ގެކޮޅު 13 ގަޑިއިރު ވަންދެން ބަލާ ފާސް ކުރިއިރު ސިއްރު ލިޔެކިޔުންތަކެއް ފެނިފައިވާކަން ހާމަކުރެއްވީ ބައިޑެންގެ ވަކީލެއް ކަމަށްވާ ބޮބް ބައުއާ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ލިޔެކިޔުންތައް ފެނުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި ގެކޮޅު ފާސްކުރީ ބައިޑެން އެކަމަށް ފުރުސަތު ދެއްވުމުންނެވެ.

އޭގެ ތެރޭގައި ބައިޑެން ސެނެޓަރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު ބޭނުންކުރެއްވި ލިޔެކިޔުންތަކަކާއި ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު ބޭނުންކުރެއްވި ލިޔެކިޔުންތަކެއް ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މި މަހުގެ ކުރީކޮޅު ބައިޑަންގެ ވަކީލުން ވަނީ، ބައިޑެން އުފެއްދެވި ޖަމުއިއްޔާ ކަމަށްވާ ޕެން ބައިޑަން ސެންޓަރުން މިދިޔަ ނޮވެމްބަރު މަހު ސިއްރު ލިޔެކިޔުންތަކެއް ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ. އެއަށް ފަހު، ވޮޝިންޓަން ގައި ހުންނަ ބައިޑެންގެ ގެކޮޅުގެ މިދިޔަ ޑިސެމްބަރު މަހާއި ފެބްރުއަރީ މަހުވެސް ސިއްރު ލިޔެކިޔުންތައް ފެނުނެވެ.

އެ ލިޔެކިޔުންތައް މިހާރު ވަނީ އެމެރިކާގެ ނޭޝަނަލް އާކައިވްސްއާ ހަވާލުކޮށް ފައިލްކޮށްފައެވެ. ބައިޑެން އެ ލިޔެކިޔުންތައް ރަސްމީ އޮފީސްތަކުން ބޭރުގައި ބެހެއްޓެވީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.

ރިޔާސީ ރެކޯޑްތަކާ ބެހޭ ގާނޫނުގައިވާ ގޮތުން، ރައީސެއްގެ ދައުރެއް ނިމުމުން އެ ދައުރެއްގެ ވައިޓް ހައުސްގެ ރެކޯޑްތައް ނޭޝަނަލް އާކައިވްސްއަށް ފޮނުވައި ރައްކާކުރަން ޖެހޭނެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ގެޓީ

އެ މައްސަލަ ފެންމަތިވެފައި ވަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އޭނާގެ ގެކޮޅުގައި އެތައް ސަތޭކަ ސިއްރު ލިޔެކިޔުންތަކެއް ގެންގުޅުއްވި ކަމަށް ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިދިޔަ އޮގަސްޓު މަހު އެފްބީއައިއިން ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ގެކޮޅު ބަލައިފާސްކުރީ، އެ ގެކޮޅުގައި ހުރި ކަމަށް ބުނާ ލިޔެކިޔުންތައް ހަވާލުކުރަން އަމުރުކުރުމުން އެކަމަށް ޓްރަމްޕާއި އޭނާގެ ވަކީލުން ދެކޮޅު ހެއްދެވި ފަހުންނެވެ.

ރައީސް ބައިޑަން އޭރު ވިދާޅުވީ، ޓްރަމްޕް ލިޔެކިޔުންތައް ބެލެހެއްޓެވީ "މުޅިން ޒިންމާދާރުކަން ކުޑަ" ގޮތެއްގައި ކަމަށެވެ.

comment ކޮމެންޓް