ހައިޑްރޮގްރަފީ ސާވޭއަށް އިންޑިއާ މަނަވަރެއް ރާއްޖޭގައި

އިންޑިއާ އަސްކަރިއްޔާގެ މަނަވަރު "އައިއެންއެސް އިންވެސްޓިގޭޓާ" ރާއްޖޭގައި -- ފޮޓޯ/ އިންޑިއާ ހައިކޮމިޝަން

ދިވެހި ސިފައިންނާއި، އިންޑިއާ އަސްކަރިއްޔާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރާ ހައިޑްރޮގްރަފީ ސާވޭއަށް އިންޑިއާގެ މަނަވަރެއް އިއްޔެ ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއްކަމަށްވާ "އައިއެންއެސް އިންވެސްޓިގޭޓާ" ރާއްޖެ އައީ ދެ ގައުމުގެ އަސްކަރިއްޔާއިން ގުޅިގެން ކުރާ ތިން ވަަނަ ހައިޑްރޮގްރަފީ ސާވޭއަށެވެ.

މިކަމުގެ އިތުރު މައުލޫމާތު ހިއްސާކުރަމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ މިއީ ރާއްޖޭގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ނޫ އިގްތިޞާދެއް ތަންފީޒުކުރުމަށް ލިބޭނެ އިތުރު ބާރެއް ކަމަށެވެ.

އަދި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭނެ އެހީއެއްކަމަށް ވެސް ބުނެފައިވެއެވެ.

މި ސާވޭއާ ގުޅުން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން އިންޑިއާ މަނަވަރުގެ ކެޕްޓަން ޕްރަދީޕާއި، ރާއްޖޭގެ އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވަނީ މަޝްވަރާ ވެސް ކުރައްވައިފައެވެ.

https://sun.mv/150068

ހައިޑްރޮގްރަފީ އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަަމަ ކުރެހީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގެ ކަނޑުގެ ޗާޓެވެ.

އުތުރުގައި ހައިޑްރޮގްރަފީ ސާވޭއެއް ކުރިއަށް ގެންދިއުމަށް އިންޑިއާގެ "އައިއެންއެސް ދަރްޝަކް" މަނަވަރު ރާއްޖެ އައީ ޖަނަވަރީ 31، 2021 ގައެވެ. އެ މަނަވަރުން ފެބްރުއަރީ 4، 2021ގައި ފެށި ހައިޑްރޮގްރަފީ ސާވޭގެ މަސައްކަތް ނިންމީ މާޗު މަހުގެ ތެރެއެވެ.

އެ ސާވޭއަކީ ކުޅުދުއްފުށީ ސަރަހައްދު ޒަމާނީ ފެންވަރަށް ޗާޓުކޮށް، ބޭރުން އަންނަ ބޯޓުތަކަށް އެ ސަރަހައްދުގައި ދަތުރުފަތުރުކޮށް، އެންކާ ކުރަން ފަސޭހަކުރުމަށް ބޭނުންވާ މައުލޫމާތު ހޯދަން ހެދި ސާވޭއެކެވެ.

ހައިޑްރޮގްރަފީ ސާވޭ ކުރަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ރާއްޖެއާއި އިންޑިއާގެ ދެމެދުގައި ސޮއި ކުރި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އިން ހައިޑްރޮގްރަފީ" ގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން ހަދާ ޗާޓުތައް ވިއްކުމުގެ ބާރު އިންޑިއާއަށް އޮވެއެވެ. އެ ޗާޓުތައް ވިއްކައިގެން މާލީ ގޮތުން ބޮޑަށް މަންފާ ވަނީ އިންޑިއާއަށެވެ. އިންޑިއާއިން ރާއްޖޭގައި ޗާޓު ވިއްކާ ނަމަ، ދިވެހި ސަރުކާރަށް 35 އިންސައްތަ ކޮމިޝަން ލިބޭއިރު، އިންޑިއާއިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި ލިބޭ 25 އިންސައްތައެވެ.

comment ކޮމެންޓް