ގޫގުލްގެ 12،000 މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ: ގޫގުލްއިން 12،000 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ވަނީ ނިންމާފަ -- ފޮޓޯ/ އިންޑިއާ ޓުޑޭ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ގޫގްލްގެ 12،000 މުވައްޒަފުން ވަޒީފާއިން ވަކިކުރަން އެ ކުންފުނިން ނިންމައިފިއެވެ.

ގޫގުލްއިން ބުނި ގޮތުގައި އެ ކުންފުނީގެ ޖުމްލަ މުވައްޒަފުންގެ ގާތްގަނޑަކަށް ދެ ޕަސެންޓް ވަޒީފާއި ވަކިކުރަން ޖެހިފައި ވަނީ ގޫގުލްގެ މަސައްކަތްތައް ތަރުތީބުކޮށް، ކުންފުނީގެ ޚަރަދުތައް ހަމަމަގަށް އެޅުމުވުމުގެ ގޮތުންނެވެ.

ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ މުވައްޒަފުންނަށް ފޮނުއްވި އީމެއިލެއްގައި ވިދާޅުވެފައިވަނީ އެ ކުންފުނީގެ އެފިޝަންސީ ރަނގަޅުކުރެވޭނެ ދާއިރާތައް ދެނެގަނެ، އެންމެ މުހިންމު ކަންކަމަށް ސަމާލުކަން ދިނުމަށްޓަކައި އުފެއްދުންތެރި ދާއިރާތަކުގެ ރިވިއުއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ބައެއް ދާއިރާތަކަށް ކުރަމުން އައި އިންވެސްޓްމެންޓުތައް ހުއްޓާލައި އެހެން ބައެއް މުހިންމު ތަންތަނުގައި ކުރަމުންދާ އިންވެސްޓްމެންޓް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާއިން ވަކިކުރުމަށް ނިންމާފައި ވަނީ ކުންފުނީގެ ސޭލްސް އާއި މާކެޓިން ޓީމުތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ބައެއް މުވައްޒަފުން ކަމަށް އޭނާގެ އީމެއިލްގައި ވިދާޅުވެފައިވާއިރު، އެދާއިރާތަކުން މީހުން މަދުކުރަނީ އެ ދާއިރާތައް ޑިޖިޓަލްކޮށް، އޮޓޮމެޓިކް ކުރަން އެ ކުންފުނިން މަސައްކަތް ކުރަމުންދާތީ ކަމަށް ޕިޗާއީ ވިދާޅުވިއެވެ.

ނަމަވެސް ކްލައުޑް ކޮމްޕިއުޓިން، އާޓިފިޝަލް އިންޓެލިޖެންސް އަދި ހާޑްވެއާ ފަދަ ދާއިރާތަކަށް އެ ކުންފުނިން އިތުރަށް އިންވެސްޓް ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި ނަމަވެސް ކުންފުނީގެ ދިގު މުއްދަތުގެ ކާމިޔާބީއަށް ޓަކައި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ޕިޗާއީ ވިދާޅުވިއެވެ. އަދި މިއީ މުވައްޒަފުންނަށް ވަރަށް އުނދަގޫ ބަދަލަކަށް ވާނެކަން ގަބޫލުކުރައްވާ ކަމަށާއި، މި މަރުހަލާގެ ތެރޭގައި މުވައްޒަފުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ކުންފުނީގެ ފަރާތުން އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާއިން ވަކިކުރާ މީހުންނަށް އެކަމާ ބެހޭ މައުލޫމާތު ކުރިއަށް އޮތް ހަފުތާތަކުގައި އެ ކުންފުނިން ފޮނުވާނެ ކަމަށް ޕިޗާއީގެ އީމެއިލްގައިވެއެވެ.

މިއީ ފާއިތުވެދިޔަ ދިހަ ވަރަކަށް އަހަރު ތެރޭގައި ގޫގުލްއިން މިހާގިނަ މުވައްޒަފުން އެއްފަހަރާ ވަކިކުރާ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް