ނުރައްކާތެރި ޓިކްޓޮކް ޓްރެންޑަކުން ބޮޑެތި ގެއްލުންތަކެއް

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އިންޑޮނޭޝިއާއިން މަގުބޫލުކުރަމުން އަންނަ ޓްރެންޑެއް ނުރައްކާތެރިވެ އޭގެ ސަބަބުން ގެއްލުންތައް ލިބޭތީ އެގައުމުގެ ސަރުކާރުން ސަމާލު ވާން އެދިއްޖެއެވެ.

އިންޑޮނޭޝިއާގެ ޓިކްޓޮކްގައި މި ދުވަސްކޮޅު ޓްރެންޑު ވަމުން އަންނަނީ "ޑްރެގަންސް ބްރެތު" ނަމަކަށް ކިޔާ ޗެލެންޖެކެވެ. މިއީ ކުޑަކުދިންގެ ތެރޭގައި ވަރަށް ހަލުވި ކޮށް ވައިގައި ހިފަމުން އަންނަ ޗެލެންޖެކެވެ.

މި ޗެލެންޖުގައި ހާއްސަ ލުއިކާނާއެއް ކައެވެ. ފޮނިއެއްޗެއްގެ ގޮތުގައި ހަދާފައި ހުންނަ މި އެއްޗެހި ހުންނަނީ ލިކުއިޑް ނައިޓްރޮޖެންއަށް އަޅާފައެވެ. ނައިޓްރޮޖެން އަކީ ވަރަށް ފިނި އެއްޗަކަށް ވުމުން އެއަށް ފޮނި އެއްޗެހި އަޅާފައި ހުރުމުން ދުން އަރާހެން ހީވެއެވެ. އަދި އެ އެއްޗެހި ކާއިރު އަނގައިންނާއި ނޭފަތުން ދުން އަރާނެއެވެ.

މި ޓްރެންޑު މަގުބޫލުވީ އެހެންވެއެވެ. ނަމަވެސް ނައިޓްރޮޖެންގެ ތެރޭގައި މި ތަކެތި ހުއްޓައި އެ ނަގައިގެން ކެއުމުގެ ސަބަބުން އެތައް ބަޔަކަށް އަންނަނީ ގެއްލުން ލިބެމުންނެވެ. އިންޑޮނޭޝިއާގެ ހެލްތު މިނިސްޓްރީ އިން ބުނާގޮތުގައި މި ޗެލެންޖުގެ ސަބަބުން 25 ކުޑަކުދިންނަށް އެކި ކަހަލަ ގެއްލުންތައް ވަނީ ލިބިފައެވެ. އޭގެތެރޭގައި ހަންގަނޑު ފިހުމާއި ބަނޑަށް އެކި ކަހަލަ ގެއްލުން ލިބުމުގެ އިތުރުން ވިހަވުން ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެއެވެ.

ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މާޒީ ރެއިން ވިދާޅުވާގޮތުގައި ދެ ކުއްޖެއްގެ ހާލަތު ސީރިއަސް ވެގެން ހޮސްޕިޓަލުން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް މަރެއް ރިޕޯޓު ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާއެއްޗެހި ތައްޔާރުކުރުމުގައި ލިކުއިޑް ނައިޓްރޮޖެން ބޭނުން ކުރުމަކީ މަނާ ކަމެއް ނޫނެވެ. ބޮޑެތި ރެސްޓޯރެންޓުތަކާއި ކެފޭތަކުގައި ޝެފުން މިއީ އާންމުކޮށް ގެންގުޅޭ އެއްޗެކެވެ. މި ގިނައިން ބޭނުން ކުރަނީ ދުން އަރުވައި ޝޯއެއްގެ ގޮތުގައި ކާއެއްޗެހި ދައްކާލުމަށް ބޭނުންވެގެނެވެ. ނަމަވެސް ރަނގަޅަށް ބެލުމެއް ނެތި ފަރުވާ ކުޑަކޮށް މި ބޭނުން ކޮށްފިނަމަ މީގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުން ލިބޭނެއެވެ.

comment ކޮމެންޓް