ޔުކްރެއިންއަށް ބާރުގަދަ ހަތިޔާރު ފޯރުކޮށްދޭން އެމެރިކާއިން ވިސްނަނީ

ވޮޝިންޓަން (19 ޑިސެންބަރު 2022) : ޔުކްރެއިންއަށް ވަރަށް ބާރުގަދަ ހަތިޔާރުތަކެއް ދީގެން މެނުވީ އެ ގައުމަށް ދެން ރަޝިއާ ކުރިމަތި ނުލެވޭނެ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ދެކެވަޑައިގަންނާތީ ޔުކްރެއިންއަށް ބާރުގަދަ ހަތިޔާރު ފޯރުކޮށްދޭން އެމެރިކާއިން މަސައްކަތް ކުރާކަމަށް އެގައުމުގެ ނޫހެއް ކަމަށްވާ "ނިޔުޔޯކް ޓައިމްސް" ބުނެފިއެވެ.

މި ނޫސް ބުނާގޮތުން ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދެއް ކަމަށްވާ ކްރައިމިޔާއަށް ހަމަލާދެވޭވަރުގެ ހަތިޔާރު ޔުކްރެއިނަށް ދޭންޖެހޭނެ ކަމަށް އެމެރިކާގެ މަސްއޫލުވެރިން މިހާރު ދެކެވަޑައިގަންނަވައެވެ. ކްރައިމިޔާއަކީ ރަޝިއާގެ އެންމެ ބޮޑު އަސްކަރީ ފްލީޓް ކަމަށްވާ ކަޅުކަނޑުގެ ފްލީޓްގެ މައި މަރުކަޒެވެ.

އެމެރިކާގެ ދިފާއީވުޒާރާ (ޕެންޓަގަން) ގެ މަސްއޫލުވެރިން ވަނީ ޔުކްރެއިންއަށް ބާރުގަދަ ހަތިޔާރު ދީގެން ހަނގުރާމައިގެ ޑައިނަމިކްސް ބަދަލުކުރުމާބެހޭގޮތުން ތަންކޮޅެއް ކުރިން ވެސް ވާހަކަ ދައްކަވާފައެވެ.

އެމެރިކާގެ ނޫސް އެޖެންސީއެއް ކަމަށްވާ ބްލޫމްބާގް ބުނާގޮތުން އެމެރިކާ މިހާރު ދަނީ ޔުކްރެއިންއަށް 2.6 ބިލިޔަން ޑޮލަރުގެ ހަތިޔާރުގެ ބޮޑު ޝިޕްމެންޓެއް ފޯރުދިނުމަށް ތައްޔާރުވަމުންނެވެ. ޔުކްރެއިންއަށް ދޭ މި ޝިޕްމެންޓްގައި ސްޓްރައިކާ މަރުކާގެ އާމެޑް ވެހިކަލް ހިމެނޭނެކަމަށް ބްލޫމްބާގް ބުނެއެވެ.

ހަނގުރާމައިގާ ޔުކްރެއިން މުޅިން ސުންނާފަތިވަނީ

އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔުކްރެއިންއަށް ހަތިޔާރުދީ ހަނގުރާމައިގެ އަލިފާންގަނޑަށް ދަރުއަޅަމުން ގެންދިޔަނަމަވެސް ސީދާ ރަޝިއާއަށް ހަމަލާދެވޭވަރުގެ ދުރުރާސްތާގެ ބާރުގަދަ ހަތިޔާރުތައް ޔުކްރެއިންއަކަށް ނުދެއެވެ. މިކަމުގެ ސަބަބެއްކަމަށް ބެލެވެނީ ރަޝިއާއާއި ނޭޓޯގެ ގައުމުތައް ސީދާ ގޮތެއްގައި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރެވެ.

ރަޝިއާއާ ސީދާގޮތެއްގައި އަސްކަރީގޮތުން ކުރިމަތިލާން އެމެރިކާ ވެސް އަދި ނޭޓޯގައި ހިމެނޭ ޔޫރަޕްގެ އެހެން ބާރުތައްވެސް ވަރަށް ބޮޑަށް ޖެހިލުންވެއެވެ. އެއީ ރަޝިއާ ދުރުރާސްތާގެ މިސައިލް ބޭނުންކޮށްގެން ނޭޓޯގެ ގައުމުތަކަށް ހަމަލާދީ ބަދަލުހިފަން އުޅެފާނެތީއެވެ. މިހެންވެއްޖެނަމަ ތިން ވަނަ ބޮޑު ހަނގުރާމައެއް ފެށިދާނެތީއާ އަދި ޔުކްރެއިންގެ ހަނގުރާމަ ޔޫރަޕަށް ފެތުރި މުޅި ޔޫރަޕަށް ހަނގުރާމަ ފުޅާވެގެން ހިނގައިދާނެކަމުގެ ބިރު އޮތުމުންނެވެ.

އަނެއްކޮޅުން ޔުކްރެއިންއަށް ބާރުގަދަ ހަތިޔާރު ފޯރުކޮށްދިނުމުގެ ނަތީޖާއެއްގެ ގޮތުން ޔުކްރެއިންގެ ހަނގުރާމަ ފުޅާވެ ވަރުގަދަވާގޮތް ވެއްޖެނަމަ ޔޫރަޕްގެ ގައުމުތަކުގެ އާންމުން އެކަމާދެކޮޅުހަދައި ޔޫރަޕްގެ މިހާރުގެ ސަރުކާރުތަކާ ދެކޮޅަށް އިހުތިޖާޖުކުރަން މަގުތަކަށް ނުކުމެދާނެތީ ވެސް އެ ގައުމުތަކުގެ ސަރުކާރުތައް ބިރުގަނެއެވެ.

އެއީ ރައްޔިތުން ނުރުހިއްޖެނަމަ ކުރިޔަށް އޮތް އިންތިޚާބުތަކުގައި ޔޫރަޕްގެ ކަނާތުފިޔައިގެ ހަރުކަށި ޕާޓީތައް އިންތިޚާބު ކާމިޔާބުކޮށްގެން ވެރިކަމަށް އަތުވެދާނެތީއެވެ. ޔޫރަޕްގެ ކަނާތުފިޔައިގެ ހަރުކަށި ޕާޓީތަކަކީ ޔުކްރެއިންއަށް ހަތިޔާރު ފޯރުކޮށްދިނުމަށް ދެކޮޅު ހަދާ ޕާޓީތަކެކެވެ.

ޔުކްރެއިން ހަނގުރާމައިގާ މިފަހަކަށް އައިސް ރަޝިއާ ގެންދަނީ ކާމިޔާބީތައް ހޯދަމުންނެވެ. މީގެ ތެރޭގައި ޔުކްރެއިންގެ ސިޓީއެއްކަމަށް ސޮލިދާރު ހިފުމާއި ދުންބާސް ސަރަހައްދުގެ ބައެއް ތަންތަނުން ޔުކްރެއިން ސިފައިން ފަހަތަށް ޖެއްސުން ހިމެނެއެވެ. މީގެއިތުރުން ރަޝިއާ ގެންދަނީ ޔުކްރެއިންގެ ސިޓީތަކަށް ދޭ ޙަމަލާތައް ވެސް ގިނަކޮށް ހަމަލާތައް ވަރަށް ވަރުގަދަ ކުރަމުންނެވެ. މިކަމުގެ ސަބަބުން ޔުކްރެއިންގެ ސިޓީތައް ދަނީ ފުނޑުފުނޑުވެ ސުންނާފަތި ވަމުންނެވެ.

comment ކޮމެންޓް