އިދިކޮޅުން ޔާމީން އަރިހަށް: އެމަނިކުފާނު ދެއްކެވީ ސާބިތުކަމާއި ހިތްވަރު

އިދިކޮޅު ޕީޕީއެމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރެއްވުމަށް މާފުށީ ޖަލުގައި --- ފޮޓޯ/ ޕީޕީއެމް

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އަރިހަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ޒިޔާރަތް ކުރައްވައިފިއެވެ.

ޔާމީން ޖަލަށް ލީ ފަހުން ފުރަތަމަ ފަހަރަށް އިދިކޮޅުގެ އިސް ވެރިން ޖަލަށް ވަޑައިގެންނެވުމަށް ފަހު ވިދާޅުވީ ޔާމީން ހުންނެވީ ވަރުގަދަ އަޒުމެއްގައި ކަމަށާއި ފެނިގެންދިޔައީ ހިތްވަރުގަދަކަން ކަމަށެވެ.

ޔާމީނާ ބައްދަލުކުރެއްވުމަށް ފަހުގައި "ސަން"އާ ވާހަކަދައްކަވަމުން ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޔާމީން ހުންނެވީ ނުގުޑާ ފަދަ އަޒުމެއްގައި ކަމަށާއި އެމަނިކުފާނު ހުންނެވީ ސާބިތު ކަމާއެކު ކަމަށެވެ. އަދި، އެޕާޓީގެ މެންބަރުންނާއި ލީޑަރުންނަށް ވެސް އެމަނިކުފާނު ވަރަށް ބޮޑަށް ހިތްވަރު ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީޕީއެމް ވެރިކަމަށް އައުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ސަރުކާރު ޒިންމާދާރު ކުރުވުމާއި އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ބާރަށް ކުރިއަށް ގެންދާށޭ [އެމަނިކުފާނު ވިދާޅުވީ]" އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި، މިހާރު ވެސް އިދިކޮޅުން ކުރިޔަށް ގެންދާ ސިޔާސީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމަށް ޔާމީން އެދިވަޑައިގެން ކަމަށާއި ވަރުބަލި ކަމެއްނެތި ޕީޕީއެމް/ޕީއެންސީން އެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން މާފުށީ ޖަލަށް ގެންދަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"އެންމެ ބޮޑަށް އެމަނިކުފާނު ވިދާޅުވީ އެއް ވާހަކަފުޅަކީ ވެރިކަމަށް އައުމަށްޓަކައި ޕާޓީގެ ހުރިހާ އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށް، އަދި، ހުރިހާ އެންމެން ވެސް ސާބިތުކަމާއެކު ޕީޕީއެމަށް އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް،" އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޔާމީން ހުންނެވީ ސާބިތުކަމާއެކުގައި ކަމަށާއި އެއްވެސް ޑީލެއް ހައްދަވައިގެން ޖަލުން މިނިވަންވެވަޑައިގަތުމަށް އެމަނިކުފާނު މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި، މަތީ މަރުހަލާ ކޯޓުތަކުން އެމަނިކުފާނަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔާމީން ބަންދުކޮށް، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ދަށު ކޯޓުން ކުރި ހުކުމާއެކު ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ޓިކެޓު ދީފައިވާ ޔާމީނަށް އިންތިޚާބުގެ ވާދަކުރެއްވުމަށް ގާނޫނީ ޝަރުތެއް ވަނީ އުނިވެފައެވެ. އެކަމަކު، މަތީ މަރުހަލާއިން މިނިވަންވެވަޑައިގެން އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް އިދިކޮޅުން ތަކުރާރުކޮށް ބުނެއެވެ.

އެމަނިކުފާނުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް