ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ޢިއާދަކޮށްދޭން އެދި ޕެޓިޝަނެއް

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް -- ފޮޓޯ: ގެޓީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޭސްބުކް އެކައުންޓް އަލުން ޢިއާދަކޮށްދިނުމަށް އެދި މެޓާއަށް ޕެޓިޝަނެއް ހުށަހަޅުއްވާފައިވާ ކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.

އެންބީސީ ނިއުސްއިން ބުނި ގޮތުގައި ޓްރަމްޕްގެ ފަރާތުން އަންގާރަ ދުވަހު އެކުންފުންޏަށް ސިޓީއެއް ފޮނުވައި، އޭނާ ވަގުތުން ޕްލެޓްފޯމަށް ގެނައުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ބައްދަލުވުމެއް ބޭއްވުމަށް ބާރު އަޅާފައިވެއެވެ.

އެމެރިކާގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަންޕަށް ލިބުނު ނާކާމިޔާބީއަށްފަހު، ކެޕިޓަލްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފޭސްބުކުން ވަނީ 2020ވަނަ އަހަރު ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑް ކޮށް މަނާކޮށްފައެވެ. ފުރަތަމަ ސަސްޕެންޝަން 24 ގަޑިއިރަށް ދެމިގެން ދާނެ ކަމަށް ކަނޑައެޅި ނަމަވެސް، އެ ކުންފުނިން ވަނީ އޭގެ އެއް ދުވަސް ފަހުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފައެވެ.

އޯވަސައިޓް ބޯޑުގެ ލަފައަކަށް ފަހު 2021ވަނަ އަހަރުގެ ޖޫން މަހު މެޓާ އިން ބުނީ ދެ އަހަރަށް ފަހު ސަސްޕެންޝަން އަލުން މުރާޖައާކޮށް ޓްރަމްޕްގެ އެކައުންޓް އަނބުރާ ހޯދަން ޖެހޭތޯ ބެލުމަށް "އާންމު ސަލާމަތަށް އޮތް ނުރައްކާ އިވެލުއޭޓް" ކުރާނެ ކަމަށެވެ.

އެންބީސީ ނިއުސްއަށް މައުލޫމާތު ދެމުން މެޓާއިން ބުނީ "ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ކަނޑައަޅާފައިވާ ޕްރޮސެސްއާ އެއްގޮތަށް" ގޮތެއް އިއުލާން ކުރާނެ ކަމަށެވެ.

2021ވަނަ އަހަރު މެޓާ އިން ވަނީ ޓްރަމްޕްގެ ސަސްޕެންޝަން އަބަދަށް ދެމިނޯންނާނެ ކަމުގެ އިޝާރާތެއް ދީފައެވެ. މެޓާގެ ގްލޯބަލް އެފެއާޒްގެ ރައީސް ނިކް ކްލެގް އޭރު ވިދާޅުވި ގޮތުގައި މިހާރު ކުރެވިފައިވަ ސަސްޕެންޝަން އުވާލުމުން، އަލުން އަނެއްކާވެސް ޓްރަމްޕްގެ އެކައުންޓުން ސިޔާސަތުތަކާ ހިލާފުވެއްޖެ ނަމަ، ޓްރަމްޕްގެ އެކައުންޓްތައް ދާއިމީކޮށް އުވާލުން ފަދަ، ޓްރަމްޕްގެ އެކައުންޓަށް މިހާރަށްވުރެވެސް ބޮޑު އަދަބެއް އަންނާނެއެވެ.

ޓްރަމްޕްގެ މި ސިޓީއަކީ 2024ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ޓްރަމްޕްގެ ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް އަލުން ހޯއްދެވުމަށް ޓްރަމްޕް ކުރައްވާ މަސައްކަތެއް ކަމަށް ބެލެވެއެވެ. ޓްރަމްޕްގެ ފޭސްބުކް ފޮލޯވަރުންގެ އަދަދު 34 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާއިރު، އެ ޕްލެޓްފޯމަކީ 2016ވަނަ އަހަރުވެސް ޓްރަމްޕްގެ ކެމްޕެއިނަށް ވަރަށް މުހިއްމުވި ޕްލެޓްފޯމެކެވެ.

comment ކޮމެންޓް