އުތުރުގެ ތަރައްގީ މަޑުޖެހިފައި ވަނީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ނުވެގެން: ޝާހިދު

ހދ.ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ހާރިޖީ ވަޒީރު ވާހަކަދައްކަވަނީ-- ފޮޓޯ/ފޮރިން މިނިސްޓްރީ

އުތުރުގެ ތަރައްގީ މަޑުޖެހިފައި އޮތީ ހދ. ހަނިމާދޫ އެއާޕޯޓަށް އަންނަންޖެހޭ ތަރައްގީ ނާންނާތީކަމަށް ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ އުތުރަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށާއި، އުތުރުގެ ތަރައްގީ ގުޅިފައިވަނީ ހަނިމާދޫ އެއާޕޯޓާކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ޒަމާނީވުމުން ލަސްތަކެއް ނުވެ، ރާއްޖޭގެ އުތުރުގެ ރަށްތަކަށް އާރޯކަން ލިބި އުފާފާގަތިކަން އިތުރުވެގެންދާނޭކަމަށް ޝާހިދު ވިދާޅުވިއެވެ.

"އުތުރުގެ ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އަންނަ ހުވަފެނެއް މިއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީވެގެންދިއުން. އުތުރުގެ ތަރައްގީ ގުޅިފައިވަނީ މި އެއާޕޯޓާ،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން ލަސްވުމުގެ ސަބަބުން އުތުރަށް އަންނަންޖެހޭ ތަރައްގީ މަޑުޖެހިފައިވާކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީވެގެން ދިއުމުން ޓޫރިޒަމާއި އެނޫންވެސް އިޤްތިސާދީ ދާއިރާތައް އުތުރުގައި ކުރިއަރައިގެންދާނޭކަމަށް ޝާހިދު ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ ޖީއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ޝާހިދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް މަޝްރޫއަކީ ރާއްޖޭގައި އިންޑިއާއިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބިޔަ މަޝްރޫއު ކަމަށެވެ. މި މަޝްރޫއުގެ ޖުމްލަ 2.1 ބިލިއަން ރުފިޔާއަށް އަރައެވެ.

"އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ އަދި މިހާރުވެސް އަދާކުރަމުންދާ ގައުމެއް. މި މަޝްރޫއިން ރަމްޒުކޮށްދެނީ އިންޑިއާއިން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައިދިނުމަށް އަހަމިއްޔަތުކަން ދޭ މިންވަރު،" ޝާހިދު ވިދާޅުވިއެވެ.

ހދ ހަނިމާދޫ އެއާޕޯޓަކީ މިހާރުވެސް ބައިނަލްއަގުވާމީ އެއާޕޯޓެކެވެ. އެތަނުން މައިގަނޑު ގޮތެއްގައި އިންޓަނޭޝަނަލް ދަތުރުތައް ބާއްވަނީ އިންޑިއާއަށެވެ. ޝާހިދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން މުޅި ދުނިޔެއަށް އެއާޕޯޓް ހުޅުވޭނެ ކަމަށެވެ.

comment ކޮމެންޓް