އަކްޝޭ ކުމާރާއި އިމްރާން ހާޝިމީގެ ފިލްމު ''ސެލްފީ''ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

އިމްރާން ހާޝިމީއާއި އަކްޝޭ ކުމާރު އެކީގައި ލީޑްރޯލްއިން ފެނިގެންދާ ފިލްމު "ސެލްފީ"ގެ ޕޯސްޓަރު ދައްކާލައިފިއެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރާއެކު ދެ އެކްޓަރުން ފިލްމުގައި ފެނިގެންދާނެ ގޮތް ބެލުންތެރިންނަށް ތަސައްވަރުކޮށްލެވޭނެއެވެ. ޕޯސްޓަރުގައި އިމްރާން ހާޝިމީ ފުލުސް އޮފިސަރެއްގެ ކޮސްޓިއުމްގައި ފެންނައިރު އަކްޝޭ ކުމާރް ފެންނަނީ ސުޕަ ސްޓާއެއްގެ ރޯލްއިންނެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރު ފޭނުންނާއި ޙިއްސާކުރަމުން އެކްޓަރު އަކްޝޭ ކުމާރު ބުނެފައިވަނީ، ފިލްމީ ފަންނާނުން ޙަޤީޤީ ތަރިންނަށް ބަދަލުކޮށްލަނީ ފޭނުންކަމުގައެވެ. ހަމައެއާއެކު އެތަރި ނައްތާލުމުގެ ނުވަތަ އޮއްސާލުމުގެ ބާރުވެސް ފޭނުންނަށް ލިބިފައިވާ ކަމަށެވެ. މިވާހަކައިގެ ޙަޤީޤަތް ހޯދަން ބޭނުންނަމަ ކުރިޔަށްއޮތް ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ސިނަމާއަށް ޒިޔާރަތްކޮށްލުމަށް ވެސް އަކްޝޭ ވަނީ ފިލްމު ޕޯސްޓަރުގެ ކެޕްޝަންގައި ލިޔެފައެވެ.

ދަރްމާ ކުންފުނިން ގެނެސްދޭ ފިލްމު "ސެލްފީ"އަކީ، 2019 ވަނަ އަހަރު ރިލީޒްވި މަލަޔާޅަމް ފިލްމު "ޑްރައިވިންގް ލައިސަންސް"ގެ ރިމޭކްއެކެވެ. އަކްޝޭ ކުމާރާއި އިމްރާން ހާޝިމީގެ އިތުރުން ފިލްމުން ބަތަލާއިންގެ ރޯލްއިން ފެނިގެންދާނީ ނުޝްރަތު ބަރޫޗޫއާއި ޑަޔާނާ ޕެންޓީއެވެ.

މިދިޔަ އަހަރު އަކްޝޭގެ ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާއިރު ފިލްމު "ސެލްފީ" ވެގެންދާނީ މިއަހަރު ސިނަމާއަށް އަންނާނެ އަކްޝޭގެ ފުރަތަމަ ފިލްމަށެވެ. ނިމިގެންދިޔަ އަހަރު އަކްޝޭ ކުމާރް ވަނީ ހަ ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.

އަކްޝޭގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު މިއަހަރު މިހާތަނަށް ހަ ފިލްމަކަށް ވަނީ ސޮއިކޮށްފައެވެ. އޭގެތެރެއިން ބެލުންތެރިން އެންމެ ބޮޑު އިންތިޒާރެއް ކުރާ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން"ގެ ޝޫޓިންގް ދާދިފަހުން ވަނީ ފަށާފައެވެ.

comment ކޮމެންޓް