ކުޅުދުއްފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުން ލަސްވީ ހިލަ ނުލިބިގެން: އާޒިމް

ކުޅުދުއްފުށީ އެއާޕޯޓު ---

ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ނަމަވެސް އެއީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހަވާލު ކުރެވުނު މަޝްރޫއެކެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 915 މީޓަރުގެ ބޮޑު ހިލަ ޖަހައި 30 މީޓަރުގެ ރިވެޓްމެންޓް ޖަހާށެވެ.

ނުފެށި ގިނަ ދުވަސްތަކެއް އޮތުމަށް ފަހު އެ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މިއަދެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެތަނަކީ ވަރަށް ގަދަ ތަނަކަށް ވުމުން އެތަނަށް ބޭނުންވަނީ ހާއްސަ ހިލައެއް ކަމަށެވެ. އަދި، އެ މަޝްރޫއު ނުފެށި ލަސްވެފައިވަނީ އެ ވައްތަރުގެ ހިލަ ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ހިލަ އޭރު އިންޑިއާއިން ސޯސްކުރަން ދަތިވީ، އެކަމު މިހާރު އެހެން ދިމާއަކުން ސޯސް ކޮށްގެން އޭއްޗެހި ގެނެސްގެން އެތަނަށް އަންލޯޑު ކުރަމުން އެދަނީ،" އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީގެ އަމާޒަކީ މާރިޗު މަސް ނިމުމުގެ ކުރިން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމާ، މިނިސްޓްރީއާ ހަވާލު ކުރުމެވެ. އެ ތާރީޚަށް މަޝްރޫޢު ނިންމާނެ ކަމުގެ ޔަގީންކަން އާޒިމް ވަނީ ދެއްވައިފައެވެ.

"އެތަން ވަރަށް ބޮޑަށް ގިރަމުން އެދަނީ. އެހެންވެ، ވަރަށް ޚާއްސަ މަސައްކަތެއް ގޮތުގައި ބަލައިގެން ވަރަށް އަވަހަށް ނިންމަން، [މަސައްކަތް ކުރަނީ]" އޭނާ ވިދާޅުވިއެވެ.

އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މިމަހު 28ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިއަދު އެރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް