އިންޑޮނޭޝިއާއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ

އިންޑޮނޭޝިޔާގެ މޮލުއްކަސްއަށް 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް ---

އިންޑޮނޭޝިޔާގެ މޮލުއްކަސްއަށް މިއަދު އައި 7.1 މެގްނިޓިއުޑުގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އިންޑޮނޭޝިއާއަށް އެ ބިންހެލުން އައިސްފައި ވަނީ މާލެ ގަޑިން 11:06ގައެވެ.

މިކަމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ބިންހެލުން އައިސްފައިވަނީ މާލެއާ 5948 ކިލޯ މީޓަރު ދުރަށް ކަމަށެވެ.

މި ބިންހެލުމަކީ 7.1 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެކެވެ. ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ، 64 ކިލޯމީޓަރު އަޑިންނެވެ.

އިންޑޮނޭޝިޔާއަށް ދާދި ފަހުން ވެސް ދެ ބިންހެލުމެއް އައިސްފައިވެއެވެ.

މި މަހުގެ ނުވަވަނަ ދުވަހު އައި މި ބިންހެލުން އައިސްފައި ވަނީ، އިންޑޮނޭޝިޔާގެ ޓަނިންބާ އައިލެންޑްސްއަށެވެ. އެއީ 7.7 މެގްނިޓިއުޑު ބާރުމިނުގެ ބިންހެލުމެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ވެސް އިންޑޮނީޝިއާއަށް ވަނީ ބިންހެލުމެއް އައިސްފައެވެ. ބިންހެލުން އައީ ސުމަތުރާގެ ޕަރިއަމަން ސިޓީގެ ހުޅަނގު ދެކުނުން 170 ކިލޯމީޓަރު ދުރަށް ކަމަށް ގުދުރަތީ ހާދިސާތައް ބަލާ، އެކަމާ ބެހޭ މައުލޫމާތު ހިއްސާކުރާ ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް)އިން ބުނެފައިވެއެވެ. އަދި އެއީ 5.9 މެގްނިޓިއުޑުގެ ބާރު މިނުގައި، 18 ކިލޯމީޓަރު އަޑިއަށް އައި ބިންހެލުމެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ވެސް ކުރިއެވެ. އެގޮތުން މާލޭގެ ބައެއް އިމާރާތްތަކަށް ވަނީ ލޮޅުން އަރައިފައެވެ.

އިންޑޮނޭޝިޔާއަށް ބިންހެލުން އައުމަކީ ވަރަށް އާއްމު ކަމެކެވެ. މިހާތަނަށް ދިވެހި ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ކާރިސާ ކަމަށްވާ ސުނާމީ ވެސް 2004 ވަނަ އަހަރު އެރީ އިންޑޮނޭޝިޔާއަށް އައި ބިންހެލުމެއްގެ ސަބަބުންނެވެ.

comment ކޮމެންޓް