ޑިއޯ ބްރޭންޑް އެމްބެސެޑަރަށް ޖިމިން

މަޝްހޫރު ލަގްޒަރީ ފެޝަން ބްރޭންޑު ޑިއޯގެ އެމްބެސެޑަރަކަށް މަޝްހޫރު ކޭޕޮޕް ގްރޫޕް ބީޓީއެސް މެމްބަރު ޕާކް ޖިމިން ހަމަޖައްސައިފިއެވެ.

ފްރެންޗު ބްރޭންޑުން ޖިމިން އެ ކުންފުނީގެ އެމްބެސެޑަރަކަށް ހަމަޖައްސައި އެކަން އިއުލާނުކޮށްފައިވަނީ އިއްޔެއެވެ. ޑިއޯއިން އެ އިއުލާނުކޮށްފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

ޑިއޯއިން ބުނެފައިވަނީ ބްރޭންޑް އެމްބެސެޑަރުކަމާއެކު ޖިމިން އާއި ބީޓީއެސް އާއެކު އޮތް ގުޅުން މިހާރު އެ ބްރޭންޑުން ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

އެ އިއުލާނާއެކު ޑިއޯއިން ވަނީ އާ ފޮޓޯތަކެއް އާންމުކޮށްފައެވެ. މި ފޮޓޯތަކަކީ ޑިއޯގެ މިއަހަރުގެ ސަމާ ކަލެކްޝަންގައި ހިމެނޭ ބައެއް ޕްރޮޑަކްޓުތަކާއެކު ޖިމިން އާއެކު ނަގާފައިވާ ފޮޓޯތަކެކެވެ.

ޑިއޯގެ އިތުރުން ވެސް ޖިމިން ވަނީ ބޮޑެތި ލަގްޒަރީ ބްރޭންޑުތަކަށް މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި ޕްރާޑާ އާއި ގޫޗީ އަދި ޖިވޯންޗީގެ އިތުރުން އެލެގްޒެންޑްރާ މެކުއީން ފަދަ ބްރޭންޑުތައް ހިމެނެއެވެ.

ޑިއޯގެ ބްރޭންޑު އެމްބެސެޑަރުންގެ ލިސްޓުގައި ޖިމިންގެ އިތުރުން ކޭޕޮޕް ގްރޫޕް ބްލެކްޕިންކްގެ ޖިސޫ އާއި އެކްސޯގެ ސޭހުން ހިމެނެއެވެ.

ޑިއޯއިން މި އިއުލާނުކޮށްފައިވަނީ ޑިއޯގެ އައުޓްލެޓުތައް ދެކުނު ކޮރެއާއަށް ފުޅާ ކުރުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ދެކުނު ކޮރެެއާއަކީ ޑިއޯގެ ވަރުގަދަ މާކެޓަކަށް ވުން އެކަށީގެންވެއެވެ.

ރޮއިޓާސް އިން ދާދިފަހުން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނާގޮތުން ދެކުނު ކޮރެއާގެ ކޮންމެ މީހަކު އެވަރެޖް ގޮތެއްގައި އަހަރެއްގެ މައްޗަށް 325 ޑޮލަރު ހޭދަކުރަނީ ލަގްޒަރީ ޕްރޮޑަކްޓުތައް ގަތުމަށެވެ. މިއީ މުޅި ދުނިޔޭގައި ވެސް ކޮންމެ މީހަކަށް އެވަރެޖްކޮށް އެ އަދަދު އެންމެ ބޮޑުކޮށް ޖެހޭ ގައުމެވެ.

comment ކޮމެންޓް