ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދޭން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ބުނީ، އާރުޓީއެލް ބަހުގެ ޚިދުމަތް މާލެ ސިޓީއަށް ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް ބޭނުންކޮށްގެން ވިލިމާލޭގައި ބަހުގެ ޚިދުމަތްދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމުގައި ބޭނުންކުރުމަށް ނިންމާފައިވަނީ ކަރަންޓުން ޗާޖުކޮށްގެން ދުއްވާ ވައްތަރުގެ ހަ ބަހެވެ. އެމްޓީސީސީން ބުނީ މި ބަސްތަކުގައި 11 މީހުންނަށް އިށީނދެގެން ތިބެވޭނޭހެން ސީޓު ހަރުކޮށްފައި ހުންނާނޭކަމަށެވެ. އަދި ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގައާއެކު ޖުމްލަ 15 މީހުންނަށް އެއްފަހަރާ މި ބަހުގައި ދަތުރުކުރެވޭނޭކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ވިލިމާލެއަށް ބަހުގެ ޚިދުމަތް ފުޅާކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، އުއްމީދަކީ މިމަސް ނިމުމުގެ ކުރިން ބަހުގެ ޚިދުމަތް ފެށުންކަމަށެވެ. އެ ބަހުގެ ޚިދުމަތާ ގުޅޭ ރޫޓް މެޕާއި ޝެޑިއުލް ކުރިއަށް އޮތް ދުވަސްތަކުގައި އާއްމުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ވިލިމާލެއަށް ބަހުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ބުނެފައިވާއިރު، މާލެސިޓީ ކައުންސިލުން މިއަދު ވަނީ ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ބުނެފައެވެ.

މާލެސިޓީ ކައުންސިލުން ވިލިމާލޭގައި ބޭނުން ކުރާނެ ބަގީތައް --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
މާލެސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ ޖުމުލަ 10 ބަގީކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އެއީ ހަތަރު ސީޓުގެ ތިން ބަގީ އާއި ހަ ސީޓުގެ ތިން ބަގީ އާއި 12 ސީޓުގެ އެއް ބަގީގެ އިތުރުން މުދާ އުފުލުމަށް ޚާއްސަ ދެ ބަގީ އާއި ބަލި މީހުންނަށް ޚާއްސަ އެއް ބަގީއެވެ. މި ހުރިހާ ބަގީއަކުން ވެސް 24ގަޑި އިރު ޚިދުމަތް ލިބޭނޭކަމަށް މާލެސިޓީ ކައުންސިލުން ބުނެއެވެ.
ވިލިމާލޭގައި މީގެކުރިން އަމިއްލަ ބައެއް ފަރާތްތަކުން ބަގީގެ ދަތުރުތައް ކުރިނަމަވެސް، ބެޓްރީ ސައިކަލްތައް ގިނަވެ، ބަގީގެ ޚިދުމަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ވިލިމާލޭގައި އެކަށޭނަ ބަގީގެ ޚިދުމަތެއް ނެތުމަކީ، އެރަށަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ މީހުންނާއި، ހުކުރާއި ހޮނިހިރު ދުވަހު އެރަށަށް ދަތުރުދާ ވަރަށް ގިނަ އާއިލާތަކެއްގެ ޝަކުވާއެކެވެ.