ސައުދީން ބޭރުގެ އުމްރާވެރިންނަށްދޭ އިންޝުއަރެންސްގެ އަގު ހެޔޮކޮށްފި

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެހެނިހެން ޤައުމުތަކުން އަންނަ ހައްޖުވެރިންގެ ކޮމްޕްރެހެންސިވް އިންޝުއަރެންސް އަގުގެ 63 ޕަސެންޓް ދަށްކޮށްފި -- ފޮޓޯ/ ސައުދީ ގެޒެޓް

ސައުދި އަރަބިއާއިން ބޭރު ގައުމުތަކުގެ އުމްރާވެރިންނަށްދޭ އިންޝުއަރެންސްގެ އަގު 63 ޕަސެންޓު ކުޑަކޮށްފިއެވެ.

ސައުދީ ގެޒެޓުން އިއްޔެ ރިޕޯޓުކުރި ގޮތުގައި، ބޭރުގެ އުމްރާވެރިންނަށް ދޭ އިންޝުއަރެންސް ކުޑަކޮށްފައިވާކަން އެގައުމުގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން އަގު ދަށްކޮށްފައި ވަނީ 235 ސައުދީ ރިޔާލް (963.58 ރުފިޔާ)އިން 87 ރިޔާލް (356.73 ރުފިޔާ)އަށެވެ.

ސައުދީ އަރަބިއާއިން ބޭރު ގައުމުތަކުގެ އުމްރާވެރިންނަށް ފޯރުކޮށްދޭ އިންޝުއަރެންސް، އެގައުމަށް ދަތުރުކުރުމުގެ ކުރިން ވިސާ މަރުހަލާގައި ހިމަނައެވެ.

އެ އިންޝުއަރެންސްގެ ދަށުން ކުއްލި ފަރުވާ ލިބޭނެއެވެ. އެގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއި ބަލިވެ އިނުމާއި ކުއްލިއަކަށް ވިހެއުމާއި ކުއްލިއަކަށް ދިމާވާ ދަތުގެ މައްސަލަތަކާއި ޓްރެފިކް އެކްސިޑެންޓުން ލިބޭ އަނިޔާތަކާއި ޑައިލިސިސް އާއި ފަރުވާއަށް އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގެ ޚަރަދުތައް ފަދަ ހޭދަތައް އެ އިންޝުއަރެންސްއިން ކަވަރު ކުރާނެއެވެ.

މީގެ އިތުރުން، ގުދުރަތީ ކާރިސާތަކުގެ ސަބަބުން މަރުވުމާއި ދާއިމަށް ނުކުޅެދުންތެރިވުމަށް މަގުފަހިވާ ހާލަތެއް ދިމާވުމާއި އުމްރާއަށް ގޮސް ހުއްޓާ މަރުވި މީހުންގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވުމާ ގުޅުން ހުރި ޚަރަދުތައް ވެސް އެ އިންޝުއަރެންސްގެ ދަށުން ކުރެވޭނެއެވެ. އަދި ފްލައިޓް ލަސްވެއްޖެ ނަމަ ނުވަތަ ކެންސަލްވެއްޖެ ނަމަވެސް އެ އިންޝުއަރެންސްއިން ގެއްލުމުގެ ބަދަލު ދެވޭނެއެވެ.

ސައުދީ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ އެ އިންޝުއަރެންސްގެ މުއްދަތަކީ އުމްރާއަށް ދާ ދުވަހުން ފެށިގެން ޖުމްލަ 90 ދުވަސް ކަމަށެވެ. އަދި އެއީ ހަމައެކަނި ސައުދީގައި ބޭނުން ކުރެވޭ އިންޝުއަރެންސެއްކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ޙައްޖުގެ އަޅުކަމަށް ދެވޭ މީހުންގެ އަދަދު ސައުދީ ސަރުކާރުން ވަރަށް ބޮޑަށް މަދުކޮށްފައި އޮތުމަަށްފަހު، މިދިޔަ އަހަރު އަނެއްކާވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މިއަހަރު ޙައްޖަށް ދިޔުމުގެ ފުރުސަތު ދިނުމުގައި އަމަލުކުރާނީ ކޮވިޑްގެ ކުރިން އަމަލުކުރަމުން އައި ގޮތަށްކަން އެ ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި އިއުލާންކޮށްފައެވެ.

comment ކޮމެންޓް