މާލޭގެ މަގުތަކަށް ކުނި އަޅާ މީހުންނަށް ހުކުރު ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅު އަޅަނީ

ކުނި އެޅުން މަނާ ސަރަހައްދަކަށް ކުނި އަޅާފައިވަނިކޮށް --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭގެ މަގުތަކަށް ކުނިއަޅާ މީހުން ދެނެގަނެ އެފަދަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މާލޭގެ މަގުތަކަށް ކުނި އަޅާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނަށް ރިއާޔަތްކޮށް ކަމަށެވެ.

"އަންނަ ހުކުރު ދުވަހުން ފެށިގެން ފިޔަވަޅުތައް އަޅަން ފަށާނެ،" ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ޚިދުމަތް" ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އަހަރު ވަނީ ޚާއްސަ އުސޫލެއް އެކުލަވާލައިފައެވެ.

އެ އުސޫލު އާންމުކުރިތާ ފަސް މަސް ވެފައިވާއިރު އެ ކައުންސިލުން ވަނީ ރައްޔިތުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ނަމަވެސް އެފަދަ އަމަލުތައް ތަކުރާރުވަމުންދާތީ އެ ކައުންސިލުން ވަނީ މަގުމައްޗަށް ކުނިއަޅާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މީގެކުރިން ދީފައެވެ.

ކުނިއަޅައިގެން ޖޫރިމަނާކޮށްފައިވާ މީހަކު އެ ފައިސާ ނުދައްކާހާ ހިނދަކު އެ ކައުންސިލުން ފޯރުކޮށްދޭ އެއްވެސް ޚިދުމަތެއް އެމީހަކަށް ނުލިބޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

އެއްވެސް ސަރަހައްދަކަށް ކުނި އަޅަނިކޮށް ފެނިއްޖެނަމަ ނުވަތަ އާންމު އިޖްތިމާއީ މިންގަނޑާ ޚިލާފު އެއްވެސް އަމަލެއް ހިންގާނަމަ ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައި ރިޕޯޓް ކުރުމަށް މާލޭ ސިޓީ ކައުންސިލުން އެދެއެވެ.

މިދިޔަ އަހަރުން ފެށިގެން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި މައިޒާންތައް މާލޭ ސިޓީ ކައުންސިލުން އަންނަނީ ސާފުކޮށް ބަލަހައްޓަމުންނެވެ. ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުނި އެޅުން މަނާ ސަރަޙައްދުތައް ފާހަގަވާނެހެން ބޯޑުތައް ވެސް އެ ކައުންސިލުން ހަރުކުރިއެވެ. ނަމަވެސް އެ ސަރަޙައްދުތައް ހިމެނޭހެން މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއަޅާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް