އަލިފާން ކޮކާލެއްގެ ލޯބި 27

"މީސްތަކުންގެ ރުހުން ހޯދުމަށްވުރެ ﷲ ސުބުހާނަހޫ ވަތައާލާގެ ރުއްސެވުން ހޯދުމަށް ކުރާ މަސައްކަތަކަށް ވެއްޖެއްޔާ މީސްތަކުން އެކަމުގެ އަގު ވަޒަން ނުކުރިޔަސް ތިބާއަށް މާޔޫސްކަމާއި ހިތާމަ ލިބުމެއްނުވާނެއެވެ."

***

"މީހަކާއި އިންނަން މިއުޅެނީ..."

"ކާކުތަ؟"ޝުވޭކާރު ތުން ފިތައިލިއެވެ.

"ދާނިޔާ.....މަންމަގެ ކުރީގެ ފްރެންޑް ނަބީލާގެ ދަރިފުޅު...." އައްޔާޝްގެ އެ ޖުމްލައިން އަދާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީއިރު އެހެން އެންމެނަށް ސިހުމެއްލިބުނެވެ. ސަބަބަކީ ޝޭޚު ޔާސިރު މައިމޫން ދެކެ ކުރާ ނަފްރަތާއި ސަރުކާރަށް ގޮވާ އެއްޗިއްސަކީ ރާއްޖޭގެ ކުދިބޮޑު އެންމެން ދަންނަ ހަގީގަތެކެވެ.

""އޯ...ވެލް....އެރެންޖް މެރިޖެއްތަ؟ ނޫނީ އަޔާ އަމިއްލައަށް ނިންމި ނިންމުމެއްތަ؟"

"އަމިއްލައަށް ބޭނުންވީ. ދާނިޔާއަކީ އަޅުވެރި ރަގަޅު ކުއްޖެއްކަމަށް އެނގުމުން ހަޔާތުގެ ބައިވެރިޔަކަށް ޚިޔާރުކުރަން ރަގަޅުކަމަށް ދެކުނީ. އެނީ އޮބްޖެކްޝަންސް؟"

"އައި ތިންކް ރިވެންޖެއްހެން...ޝޭޚު ދާއޫދު ޖަލަށް ލީމަ އޭގެ ބަދަލުގައި އެގޭ އަންހެންދަރިއަކާއި އިނީމަ މިޖެހެނީ ކޮންތާކު؟ އެއާއިލާއިން އެކަމާއި ދެކޮޅު ނަހަދާތަ؟" ހުސާމް ޒާތަކަށް ހިނިއައިސްފަ އިނދެ ބިސްގަނޑުކަމުން ދިޔައެވެ.

"މާ އަވަސް އަރައިގެން ކަންތައް ކުރުން ރަގަޅުނޫންހެން ބައްޕައަށް ހީވަނީ..."މައިމޫން ހިމޭނުން އިރުކޮޅަކު އިނީ ވިސްނުމެއްގެ ތެރޭގައެވެ. "މިގޭ އެއްވެސް ކުއްޖަކު ހަޔާތުގެ ބައިވެރިޔަކަށް ހޯދާ ކުއްޖަކަށް އަހަރެމެން ރުހުން ދޭނަން.. ދިރިއުޅުމަކީ ތަފާތު ވައްތަރުގެ މީހުންނާއި ދިމާވެ އެކި ކަންތައް ތަޖުރިބާ ކުރުމުުގެ ދަތުރެއް. ދުޝްމިނެއްގެ ދަރިއަކާއި ކައިވެނިކުރިޔަސް ބައްޕަގެ މައްސަލައެއްނެތް...."

ޝުވޭކާރު އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް ލެއްޕިއެވެ. ދަރިންގެ ކަންތައްތަކުގައި އެންމެފަހު ބަސް ބުނާ މީހާއަކީ މައިމޫންއެވެ. ސަބަބަކީ މައިމޫންގެ ވިސްނުމާއި ޚިޔާލު ފުރިހަމަކަމަށް ޝުވޭކާރު ގަބޫލުކުރާތިއެވެ. މިފަހަރުވެސް ދުޝްމިނެއްގެ ދަރިއަކާއި އެންމެ ދޮށީދަރިފުޅު ކައިވެނިކުރަން ހުއްދަދޭނީ ކޮންމެވެސް ފޮރުވިފައިވާ ސަބަބަކައި ހުރެކަން އޭނަ ދެނެގަތީއެވެ.

***

ރަންކުލައިގެ ސަދުވާ ދަމާލާފައިވާ އެނދު ބޮޑުވެފައި ޝާހީގޮތެއް ހުއްޓެވެ. ކަންނޭލާއި ބާލީސްތަކާއި ރަޖާގެ ހިމާޔަތުގައި އަރާމުކުރަން އޮށޯވެލައިގެން ތިބި މައިމޫންގެ ދެމަފިރިންގެ މިރޭ މައުޟޫއަކަށްވީ ދަރިފުޅު އައްޔާޝްއެވެ.

"އަޅުގަނޑުމެންގެ ދަރިފުޅު އައްޔާޝް އަށް ވެގެން އުޅޭގޮތެއް ނުވިސްނޭ.........."

"ބްރެއިންވޮޝްކޮށްފައި ހުރީ..."

"ޔާސިރުގެ ދަރި ހަގީގަތުގައިވެސް ބޮމެއް ގޮއްވާލަން އުޅުނީ؟"

"ނޫން. އިންޓެލްއަށްވެސް އެމީހުން އެކަހަލަ ކަމަކާއި ނޫޅޭކަން އެނގޭ. އެކަމަކު އެގޮތަށް ސްޓަންޓް ޖައްސައިގެން އާއްމުން އޮޅުވާލާފައި ވަކި ބޭނުމެއްގައި އެފަދަ މީހުން ހައްޔަރުކުރަންޖެހޭ. ނޫނީ ތަނުގެ އަމަންއަމާންކަން ގެއްލިގެން ހިގައިދާނެ. މިފަހަރު އެކުއްޖާ ހައްޔަރުކުރަން ޖެހުނީ އަޔާގެ ބޮލަށް އެރިގެން ދިރިއުޅުން ހަލާކުކޮށްލަން އުޅުނީމަ............"

"އޯވހް...." ޝުވޭކާރު ހީގަތެވެ.

"އެކައިވެނި ހުއްޓުވާނީ ކިހިނެއް؟ އެހާ އަވަހަށް ރުހުން ދިނީމަ އޭގެ ކޮންމެވެސް މަގުސަދެއްވާނެކަން އެނގުނު...."

މައިމޫން ރިމޯޓުން ޗާންދަލިޔާގެ އަލި ފަނޑުކޮށްލުމަށްފަހު ޝުވޭކާރުގެ އަތްތިލަ އޭނަގެ އަތުގެ ތެރެއަށް ލަމުން ހިނިތުންވެލިއެވެ. "ޝުވޭއަށްވެސް އަމިއްލަ ދަރިފުޅު ސަލާމަތްކުރަން ޕްލޭންތައް ރާވަން ނޭގޭނެއޭ އަހަރެން ނުބުނާނަން. އެއަށްވުރެ ޝުވޭ މާ ހުޝިޔާރުު އަދި ވިސްނުންތެރި. ކައިވެނިކުރިއިރު ހަމައެެކަނި ރީތިކަމަށް ނޫން ބެލީ. ވިސްނުންތޫނުކަމާއި ތޫނުފިލިކަމަކީ އަހަރެންގެ ގާތުގައި ކިހާ މުހިއްމު ސިފަތަކެއްކަން އެނގޭނެ. ވީމަ ދަރިފުޅު ސަލާމަތްކުރޭ........"

މައިމޫންގެ ތައުރީފުން ލިބުނު އުފަލަކުން ޝުވޭކާރުގެ މޫނަށް ފިނިފެންމާކުލަ ވެރިވެގެންދިޔައީ އަލަތު އަންބެއް ފަދައިންނެވެ.

***

ހުސާމް ގަވައިދުން ނަމާދުކޮށްގެން ގުރުއާން ކިޔަވަން އިނދެ ސޯޝަލްމީޑިއާއަށް ލާފައި ހުންނަ ފޮނި ފޮޓޯތައް ފެނުމުން އަދާރާ ފޫހިވެގެން މަރުވާވަރުވިއެވެ. ހުސާމްފަދަ ދީނާއި ދުރު ޒުވާނަކު މިގޮތަށް އިޝްތިހާރުވުމުގެ މަގުސަދަކީ ކޮބާހެއްޔެވެ؟ ދެއްކުންތެރިކަމުގެ ހައްދެއްނެތެވެ. އެހެންނޫނަސް ހުސާމް ފެންނައިރަށް އަދާރާގެ ކަންފަތުގައި ގުގުމަނީ މިނަލްގެ ޖުމްލަތަކެވެ. ހުސާމްގެ ރީތިކަމާއި އެ ފޮނި ބޮޑާ މޫނުމަތިގަނޑު ނެއްޓުމުން އެހެރީ ހަމަ ރަގަޅަށްވެސް ޝައިތާނެކެވެ. ރީތި މާސްކެއްގެ ފުރަގަހުގައި މިހިރީ ކާކުކަން އޭނަގެ އަންހެނުންނަށްވެސް ރޭކާލާހެން ހިޔެއްނުވެއެވެ.

"ﷲއަށް ހަމްދުކުރަން. ލޯބީގައި ކަނުވެގެން މޮޔަވެގެން އުޅުނަސް ހަގީގަތުގައި އޭނަ ދުރަށް ދިޔަކަމީ ލެއްވި ރަހުމަތެއް. ހިޑެން ބްލެސިންގްސް އަކީ އެއީއޭ ބުނެވޭނީ. ހިތާމަކޮށް ރޮއި ހެދިޔަސް ސަލާމަތްކުރެއްވީ އެއަށްވުރެ ފުން ހިތާމައަކުންކަން މިހާރު ޔަގީންވެއްޖ..........." އަދާރާގެ ޟަމީރު ވިސްނާދެމުން ދިޔަވަރަކަށް ހުސާމްދެކެ ހިތުގައި އޮތް ލޯބި ފަނޑުވެ ހަމަޖެހުން ލިބެމުން ދިޔައެވެ. ހުސާމްއާއި ނުލާ ދުނިޔޭގައި ނޫޅެވޭނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. އޭނަ އެއަށްވުރެ ހިތްވަރުގަދައެވެ. ދާނިޔާ ބުނިފަދައިން މާޔޫސްކަމުން އަރައިގަންނަން ހެއްދެވި ފަރާތް އެންގެވިގޮތަށް އުޅުމަކީ ހިތުގެ ބަލިތަކަށް ފަރުވާއެކެވެ. ހިތުގެ ބަލީގެ ޝިފާއަކީ ހުސާމްއެއް ނޫނެވެ.

***

ހުސާމްގާތު އައްޔާޝް ބުނީ މިނަލްއާއި ދުރުން އުޅުމަށެވެ. ހުސާމްއާއި މިނަލްގެ ލޭގެ ގުޅުމެއް ނެތުމުން ދީނީ ނަޒަރަކުން އެގުޅުން ހުއްދަ ނޫންކަމަށާއި ސަމާސާކޮށް އެކީގައި ވަގުތު ހޭދަކުރުން އޭނަ ހިތްހަމަނުޖެހޭކަމުގައި ބުނެލީވެސް ތަންކޮޅެއް ރީތިކޮށެވެ. ހުސާމްއަށް ވިސްނައިދޭގޮތަކަށެވެ. ހުސާމް ހިނިގަނޑެއް ޖަހައިލިއެވެ.

"ދޮންބެ ތިވާހަކަ މިނޫއާއި ދެއްކިއްޔާ ބޮޑަށް ރަގަޅީ. އައި ތިންކް މިނޫހެން މަގޭ ފަހަތުން އުޅެނީ...މިނޫއަށްވެސް ބޭބެއެއް ނޫންކަން އެނގުނީމަ އެހެންކުދިންފަދައިން ފޭންއަކަށްވެފައި ހަމަ ލޯބިވެސް ވާންފެށީ. ކީއްކުރާނީ؟ އަންހެންކުދިންނާއިހެދި ދިރިއުޅުން ބޮޑު ވޭނަކަށްވެއްޖެ....." ހުސާމް ކާރުގެ ލޯގަނޑުވެސް އޭނަގެ މޫނަށް ބަލައިލީ ތައުރީފުގެ ނަޒަރަކުންނެވެ. "މިހާ ރީތިވުމަކީވެސް ބިރެއް ކަން ނޭގޭ...ހެންޑްސަމް ޑެވިލްއެއް....."

"ސޭމް ރަގަޅު މުސްލިމަކަށްވެއްޖެއްޔާ ވަރަށް ގިނަ ބަޔަކަށް ރަގަޅު އަސަރުތައް ކޮށް ސޭމް ފޮލޯކުރާނެ. މިސާލަކަށް މިއުޒިކް ކުޅުން ހުއްޓާލައިފިއްޔާ...ﷲއަށްޓަކާ. ހުރިހާ ނޫސްތަކެއްގައި އެވާހަކަ ލިޔާނެ. ސޭމްގެ ސަބަބުން އެހެން ބަޔަކަށް ހިދާޔަތް ލިބިއްޖެއްޔާ ކިހާ ގިނަ ސަވާބުލިބޭނެ. އަދި ޚާއްސަކޮށް ﷲ ހަރާމްކުރެއްވި ކަމެއް ކުރަމުން އެތައް ބަޔަކު އެމަޅީގައި ޖެއްސުމަށްފަހު މަރުވެގެން ދިޔަސް ދާއިމީ ފާފައަކަށް ވާނެ. އެކަމަކު ގާރީންނާއިމެދު ވިސްނާލަބަލަ. ހުސަރީ މިންޝާވީ އަބްދުލްބާސިތު އަލީ ޖާބިރުމެންފަދަ ގާރީން ދުނިޔެއަށް ދޫކޮށްފައި އެދިޔައީ އެބޭކަލުންގެ ރީތިއަޑުން ﷲގެ ބަސްފުޅު އެހެން މީހުންނަށް އިއްވާދީފައި. އެތައް ބަޔަކަށް އޭގެ ފައިދާކުރޭ. އަދި އޭގެ ސަބަބުން އެ ގާރީންނަށް ކިތައް ސަވާބުލިބޭނެ. އެހެންވެ ހިތަށް އަރަނީ ސޭމްވެސް އެފަދަ ގާރީއަކަށް ވާނެނަމައޭ. އެތައް ކުދިންނެއް އިންސްޕަޔާވާނެ..."

"އޯ.....ތެންކިއު ދޮންބެ..ތިކަމާ ވިސްނާނަން..."

"ޗޭންޖްވާން ހުއްޓާ ވަގުތު ފާއިތުވެދާނެ. މަރު އަންނާނީ އިންޒާރު ދީފައެއްނޫން...."

"ދޮންބެ. އަހަންނަށް އެނގޭ. މިވާހަކަ ބުނީމަ ރުޅި އަންނާނެކަން. ދެރަވެސް ވާނެކަން. ނުބުނަން ހުރީ އެކަމަކު މިނޫގެ ސީރިޔަސް މައްސަލައެއް އެބައުޅޭ....ޝީޒް ޕްރެގްނެންޓް......."

"ޕްރެގްއޭ؟" އައްޔާޝް ސިހިގެން ދިޔައެވެ.

"އާނ.....އެހެންވެ މަންމަ އެހާވަރުން ރާއްޖެ ދޫކޮށް ބޭރަށް ދާން ނިންމީ....."

"ސުބުހާނަﷲ..."އައްޔާޝް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލުމާއެކު ކާރުގެ މަތީބައިގާ ބޯ އަޅައިލިއެވެ. މިނަލް އެފަދަ ހާލަތަކަށްދިޔައީ މައިންބަފައިންނާއި އާއިލާގެވެސް އިހުމާލުންނެވެ. ރަގަޅުގޮތުގައި އަންހެންދަރިން ތަރުބިއްޔަތުކުރަން އިސްލާމްދީން ބާރުއަޅައެވެ. އެކަމަކު މަންމަގެ ދުވާލުގެ ބޮޑުބައި އޮންނަނީ ވަޒީފާއާއި ސިޔާސީ ކަންތައްތަކުގައެވެ. ދަރިންނަށް މިނިވަން ދެވިފައިވާލެއް ބޮޑުކަމުން އެކުދިންނަށް ބޭނުންގޮތަކަށް އުޅެވޭނެ ފުރުސަތު އެބައޮވެއެވެ. މިނަލް އެކަންޏެއްނޫނެވެ. މާކްގެ ހާލެއްވެސް ނޭގެއެވެ. ހަތަރުދަމު ޕަބްޖީއާއި ގޭމްކުޅޭއިރު ދިމާވެދާނެ މީހުންނާއި އޭނަ ކުރާކަމެއް ބަލާނެ މީހެއްވެސް އެގެއަކު ނެތެވެ. އެ އުމުރުގެ ފިރިހެންކުދިން އަތުން ބީވެގެން ހިގައްޖެއްޔާ އުމުރު ދުވަހު ހިތާމަކުރަން ޖެހޭފަދަ ރާސްތާއެއް ޚިޔާރުކޮށްފާނެއެވެ. އައްޔާޝްއަށްވެސް ގިނަ ވަގުތު ހޭދަކުރެވުނީ ދީން އުނގެނުމުގައެވެ. އޭނައަށްވެސް ވިސްނައިލެވުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. ދީނީ އިލްމު އުގެނެމުންވެސް ކޮއްކޮމެންނަށް ހިމާޔަތާއި ރައްކާތެރިކަން ދީ އެކުދިންނަށް ރަގަޅު މަގުދެއްކުމަކީ އޭނަވެސް ޒިންމާއެކެވެ. އެކަމަކު އެކަމުން ފެއިލްވީއެވެ.

***

މިނަލްގެ ގާތުން އައްޔާޝް ކުރި ސުވާލުން ޝޮކެއް ލިބި އިރުގަނޑެއްވާން ލޯބޮޑުކޮށްލައިގެން އިނެވެ. ފަހުން އެއްބަސްވެފައި ދަރިފުޅުގެ ބައްޕައަކީ ކާކުކަން ބުނުމާއެކު އައްޔާޝްގެ ލޭވެސް ކެކިގެން ދިޔައެވެ. އެދިޔަ ބާރުމިނުގައިގޮސް ހުސާމްގެ ކޮޓަރީގެ ދޮރުގައި ތަޅައިގަތުމުން ފާރުތަކަށްވެސް އެނގުންވިއެވެ. ހުސާމް ދޮރު ހުޅުވާލުމާއެކު ޓީޝާޓުގައިި ހިފާ ދަމައިގަތްގޮތަށް ގަންނަވައިލިގޮތަށް ފާރުބުޑަށް ގުޅައަކަށް ޖެހުނެވެ. އޭރުވެސް އޭނަގެ ލޯ ރަގަޅަށް ނުހުޅުވެއެވެ. ހީވަނީ މަސްތުގެ ހާލުގައި ހުރިހެންނެވެ. ނޫނީ ނިދީގެ އަސަރުތައް ނުފިލާ ހުރީއެވެ. ހުސާމް ތެދުވުމަށްފަހު އަތް އުފުލުލައިލީ އަމާންދޭފަދަ ގޮތަކަށެވެ.

"ކިހިނެއްވީ؟" ހުސާމް އަމިއްލަ ދިފާއުގައި މާބޮޑު މަސައްކަތެއް ނުކޮށް އޭނަގެ މޫނު ސަލާމަތްކުރަން އަތް ހުރަސްކުރުމުން އެތިފަހަރު އެރީ ކަންކަށި މައްޗަށެވެ. ހުސާމްގެ އެހިމޭންކަމާއި އައްޔާޝްއާއި ދެކޮޅަށް އަތް ނުއުފުލުމުން ހައްތަހާ ރުޅިގަދަވެ ހައްތާ އަނިޔާކުރެވެމުން ދިޔައެވެ. އަތުގެ އެތައް ހަމަލާއަކުން ޒަޚަމްވެ ހުސާމް ލައިގެން ހުރި ހުދު ޓީޝާޓްވެސް ލެއިން ފޯވިއެވެ. އައްޔާޝްގެ ރުޅި ތަންކޮޅެއް ފިނިވީވެސް އެ މަންޒަރު ފެނިފައެވެ.

"އަހަރެންގެ އަތުން މަރުނުވަނީސް ކުރިމަތިން ދުރަށް ދޭ...."އައްޔާޝް ހަޅޭއްލަވައިގަތެވެ.

"އޯލްރައިޓް..."ހުސާމް ބަސްއަހާ ކުޑަކުއްޖެއްހެން ކޮޓަރިން ނުކުތެވެ. ކާކޮޓަރިއަށްގޮސް ދުޅަވެފައި ހުރިތަނުގައި ގަނޑުފެން އަޅަން ހުއްޓާ ޖުއާނާއަށް ފެނިގެން ރޮއިގަނެވުނެވެ. "ކިހިނެއްވީ ސޭމް؟ވަޓް ހެޕެންޑް؟ ޔޫ އާ ހާޓް.....ބޭޑްލީ..."

"ވެއްޓުނީ....ބޯ ޖެހިފައި..." ހުސާމް ކުޑަކޮށް ހީލިއެވެ. "ދުނިޔޭގައި އުޅޭއިރު އަނިޔާވެސް ވާނެ ޖޫނީ...މަންމަ ބުނޭ އަހަރެން ހަލަނިކަމުން ކުޑައިރު ސިޑިމަތިންވެސް ވެއްޓި ބޯ ފަޅައިގެންދާވާހަކަ...ހިނގަން ދަސްވަނީވެސް އެތައް ފަހަރު ވެއްޓިފައެއްނޫންތަ؟ ބަސްނާހާ ކުދިންނަށް ދިމާވާނެ ހުރިހާ ކަމެއް....ހެހެ..."

ޖުއާނާ ފަސްޓްއެއިޑް ފޮށި ހިފައިގެން އައިސް ހުސާމްގެ ބޮލުގައިވާ ޒަޚަމްތައް ސާފުކޮށް ބޭސްއަޅާދޭންފެށިއެވެ.

***

އަދާރާއާއި ދާނިޔާ ކައިވެނީގެ ފޯމް ހިފައިގެން ފުރަން ތިއްބެވެ. ދާނިޔާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެންމެ ފުރަތަމައަށް ލޯބިވެވުނު ޒުވާނާ ހަޔާތުގެ ބައިވެރިޔަކަށްވުމަކީ ނަސީބެވެ. އޭނަ އެތައްފަހަރު ﷲއަށް ހަމްދުކުރިއެވެ.

"ޢަދި ފޮޓޯ ނަގަންވެސް ދާންޖެހޭ. ފޫހިކަމެއް.."

"ހޫމް. އަހަރެންވެސް ފޮޓޯ ނަގާދީފާނަން. ކޮންމެހެން ސްޓޫޑިއޯއަކަށް ދާކަށް ނުޖެހޭނެ ދާނީ......"

"އަލްހަމްދުލިﷲ. ވީއިރު ހާސްވާކަށް ނުޖެހޭނެ..."

"މިރޭ މުޒާހަރާގައި އަނެއްކާ ދާނީގެ ބައްޕައާއި އައްޔާޝް ހައްޔަރުނުކުރާނެތަ؟"

"ނޭގޭ. ދޮންބެވެސް އައީމަ މެރީކުރަން ބޭނުމީ. ހަޔާތުގައި އަންނަ އެންމެ ޚާއްސަ އެއް ދުވަހު ދޮންބެ ބައިވެރިނުވަންޏާ ކިހާ ދެރަ. ދޮންބެވެސް ވާނުވާ ގައި ހުރީ. ވާނުވާގައި ހުރީމަ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަނީޔޯ... އެންމެ ހައިރާންވަނީ ނިރުބަވެރިއެއްގެ ގޮތުގައި ނިރުބަވެރި ޖަމާއަތެއްގެ ބޮސްއެކޭ ޓެރަރިޒަމް ހަމަލާއެއްދޭން އުޅޭތީއޭ ކިޔާފައި ހައްޔަރުކުރީމަ. އެއްވެސް ކުށެއްނެތި އެރެސްޓްކުރީ..." ދާނިޔާގެ އަތުގެ ހަރަކާތް ހުއްޓުނެވެ. "ރަން ކިޔާ ބައި ކިހިނެއް ހަދަނީ؟"

"ކޯނޗެއް ދާނީ ބޭނުމީ؟ އެެއް މިލިއަން ރުފިޔާއަށްވެސް ރަން ކީދާނެ. އެމީހުންނަށް އެއީ ބޮޑު އަދަދަކަށްނުވާނެ..."

"އެއްމިލިއަން ރުފިޔާއަށްވުރެވެސް އަގުބޮޑު އެއްޗެއް ރަނަކަށް ކިޔާނީ..."

"އެއީ ކޯންޗެއްތަ؟"

"ގުރުއާންގެ ތަފްސީރު..."

"މާޝާﷲ. ދާނީ ހާދަ ރަގަޅޭ. އަހަރެންވެސް ތިހާ އަޅުވެރިކުއްޖަކަށްވާނެ ނަމަ......"

"އަޅުވެރިވެ ތަގުވާވެރިވާން މަސައްކަތްކުރަނީ އެކަމަކު އަދި އަދާ ފަހުން މާ ރަގަޅު ތަގުވާވެރި ކުއްޖަކަށް ނުވާނެކަމެއް ނޭގެއެއްނު. ބޭނުމިއްޔާ އެންމެނަށްވެސް ފުރުސަތު އެބައޮތް. އަދާވެސް މަސައްކަތްކުރޭ. ﷲގެ ރުހިވޮޑިގަތުން ލިބި އެ ގުޅުން ރަގަޅުވުމަށްވުރެ އުފާވެރިކަމާއި ހަމަޖެހުން ލިބޭނެ އެހެން ކަމެއްނެތް....."

ދެކުދިން ވާހަކަދައްކަން ތިބެ ފޯމުވެސް ފުރާލައިފިއެވެ.

އެރޭ ދާނިޔާއާއި ނަބީލާއާއެކު ފޮޓޯނަގާ ހެދުން ފަހަން ފޮތިގަންނަންވެސް އަދާރާ ދިޔައެވެ. ގެއަށް އާދެވުނުއިރު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. އެންމެންހެން ތިބީ ސިޓިންރޫމްގައެވެ. ޓީވީއިން ދައްކަމުން ދިޔައީ މުޒާހަރާއެވެ. އައްޔާޝްގެ މޫނު ބޮޑުކޮށް ދެއްކިއެވެ. އޭނަ ހުރީ ފުލުހުކާއި ޒުވާބުކުރާށެވެ.

"އަދާ ކޮންތާކުން ތިއައީ؟" ޝުވޭކާރު އަތުކުރީގައިވާ ގަޑިއަށް ބަލައިލަމުން ކުޑަކޮށް ހީލިއެވެ.

"ދާނިޔާއާއެކު ޝޮޕިންއަށް ދިޔައީ.." އަދާރާގެ ޖުމްލައިން ޝުވޭކާރުގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނަސް އެހެން ދިމާލަކަށް ވާހަކަ އަނބުރާލައިފިއެވެ.

"އަޅުގަނޑުމެންގެ ދަރިފުޅު އެކްޓިިވިސްޓަކަށްވެއްޖެ..."

"މާ ބޮޑަށްވެސް. ބަހައްޓާ. އެހެން އުޅެފައި އިސްލާހުވެސް ވެދާނެ."

***

އާރިސް އަމިއްލައަށް މަރުވި ވާހަކަ އައްޔާޝްއަށް އިވުނީ އޭނަ މުޒާހަރާގެ ތެރޭގައި އުޅެނިކޮށެވެ. އައްޔާޝްއަށް ލިބުނު ޝޮކާއިއެކު ވަގުތުން ދުއްވައިގަނެވުނީ ގެއާއި ދިމާލަށެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު