އަލިފާން ކޮކާލެއްގެ ލޯބި 26

"ތިބާ ވިސްނައިލުމުން ދިރިއުޅެން ލިބެނީ ކިހާ ކުރު މުއްދަތެއްކަން އެނގޭނެއެވެ. އެ އުމުރުގެ ބޮޑު ބައި ހޭދަވެގެން ދަނީ ނިދުމާއި ކެއުމާއި ވަޒީފާ އަދި މުނިފޫހިފިލުވުމަށެވެ. ދުނިޔެއަށް ފޮނުއްވާފައިވަނީ އަޅުކަމަށް ކަމުގައި ވިޔަސް އަޅުކަމުގެ ނިޔަތުގައި ވަޒީފާ އަދާކުރަނީވެސް މަދުބަޔެކެވެ. ވުމާއެކު ވަގުތު ބޭކާރުނުކޮށް ލިބޭ ހުސްވަގުތު ޒިކުރުކުރުމާއި އެހެން އަޅުކަމުގައި ހޭދަކޮށްލުމަކީ ކަށްވަޅުގައި އެކަނިވެރިވާވަގުތު ލިބޭނެ ހިތްހަމަޖެހުމެކެވެ."

***

ނަބީލާ ނުކުތްތަން ފެނުމުން އަދާރާއާއި ދާނިޔާވަނީ ކޮޓަރިއަށެވެ. ބޭރުން ޒުވާން ފިރިހެނަކާއި ޔާސިރު ވާހަކަދައްކާ އަޑުއިވުމުން އައްޔާޝްކަން ޔަގީންވިއެވެ. އައްޔާޝް އެއައީ ހަމްދަރުދީ ފައުޅުކުރަންކަން ޔަގީނެވެ. އަވަށްޓެރިންނަށްވެފައި އޭނައަށް ކުށްވެރި އިހުސާސްތަކެއްކުރެވުނީއެވެ. ދެކުދިން ބުނާނެ އެއްޗެއް ނޭގިފައި ތިއްބާ ނަބީލާ ދޮރު ހުޅުވާލިއިރު ތުންފަތުގައި ފަނޑު ހިނިތުންވުމެއްގެ ކުލަވަރުވިއެވެ.

"އުފާވެރި ޚަބަރެއް ހިފައިގެން މިއައީ. މަންމަ ވަރަށް ހިތްހަމަޖެހޭ ކުއްޖެއް އައްޔާޝްއަކީ. އޭނަ ދާނިޔާއާއި ކައިވެންޏަށް އަހަން އައީ. ބައްޕަ ބުނެފި މާދަން ޖަވާބެއް ދޭނަމޭ................."

"ސުބުހާނަﷲ....އެކަމަކު..."ދާނިޔާގެ މޫނު ޖަންބެއްހެން ރަތްވިއެވެ.

"ބްލަޝްވާވަރެއް....." އަދާރާ ދާނިޔާގެ ކޮލުގައި ހިފައިލިއެވެ."ކާންޓް ވެއިޓް ވެޑިން ދުވަހަށް. އަހަރެމެން ދެމީހުން އެއް ގެއަކަށް ޅީދަރިންގެ ގޮތުގައި ދާން ޖެހުމަކީ ކޮންފަދަ އުފަލެއް..އައިމް ސޯ އެކްސައިޓެޑް ދާނީ..އާއެކޭ ބުނާތި. ޕްލީޒް ޕްލީޒް ޕްލީޒް ދޫނި..."

"އަދާ..."ދާނިޔާ ލޯ އަޅައިލިއެވެ.

"އައްޔާޝްއަކީ އެގޭގައި ހުންނަ އެންމެ އަޅުވެރި ބަސްއަހާ ކުއްޖާ. ހީޒް ގޮޓް އެވްރީންތިން އެ ގާލް ވޯންޓްސް ދޯ..."

"އިސްތިޚާރާކޮށްފައި ގޮތެއް ނިންމާނީ....."

"ދާނީ ހާދަ ދީންވެރިވެއްޖެއޭ. އަހަރެންވެސް ޖޭވެއްޖެ...."

"މިހާރު އެންމެ ދެރަވަނީ ބުޚާރީ ހަދީސްތައްވެސް ސިފައިން ގެންދިޔައިމަ. އެ އަނބުރާ ބޭނުން. ބޮމެކޭ ކިޔައިގެން އެވަރަށް އޮޅުވާލިޔަސް ހަގީގަތް އަހަރެމެންނަށް އެނގޭ. ދޮންބެއަކީ މީހުން މަރާފަދަ އެއްވެސް ވިސްނުމެއް ހުރި މީހެއްނޫން. އެހާވަރުން ހައްޔަރުކުރި ސަބަބެއްވެސް ނޭގޭ....."

"މަޑުކޮށްބަލަ. އެބަގުޅަން. އެއީ ދާނީގެ ފޮތްތަކޭޭ ބުނާނަން. ރަގަޅު ފައިޓަކަށްނުގޮސް މިކަންތައް ހައްލުވާކަށް ދެން ނެތް.ދާނީއަށް ނުކެރުނަސް އަހަންނަށް އެމީހުންނާއި ވާހަކަދައްކަން ކެރޭނެ............"އަދާރާ ދާނިޔާގެ ފޯނު އަތުލައިގެން ފުލުހުންގެ މަރުކަޒަށް ގުޅިއެވެ.

އަދާރާ އާއި ފުލުހުންނާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވުނެވެ. އާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ހަދީސް ފޮތްތަކުގެ ސަފުހާތަކުގެ ތެރެއަށް ލެވޭފަދަ ކުދި ބޮން ތަކެއް ހެދީ ތޯއާއި މީހެއްގެ ފޮތްތަކެއް އަތުލައިގަނެގެން ބޮންތަކޭ ކިޔާފައި އެގޮތަށް އޮޅުވައިލާއިރު ހެއްދެވި ފަރާތަށްވެސް ބިރުނުގަންނަނީތޯއެވެ. އަދި އެ ސަފުހާތަކުގެ ތެރޭގައި ޑޮކްޓަރ ދާއޫދު ބޮން ފޮރުވައިގެން އުޅުނިއްޔާ އެނަގާފައިވެސް ދާއޫދުގެ ކޮއްކޮގެ ފޮތްތައް އަނބުރާ ރައްދުކޮށްދޭން އެދުނެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލާނެކަމުގައެވެ. އަދާރާ ނިންމައިލަމުން ބުނީ އެއްވެސް ކަމެއް ނުކުރެވެންޏާ ހަދީސް ފޮތްތައް ކިޔައިގެން އިސްލާހުވުމަށެވެ. އަބަދަށް ޔުނިފޯމްގައި މަތީ އޯޑަރަށޭ ކިޔާފައި ކުށެއްނެތް އިންސާނުން ހައްޔަރުކުރާއިރު އަދި ކޮންމެވެސް ދުވަހަކުން އެންމެ މަތީ ފަރާތުގެ ހަޟުރަތަށް ޖަވާބުދާރީވާން ޖެހޭނެކަމަށާއި ހަގީގީ މުޖުރިމުން ހައްޔަރުކުރުމަށެވެ. ދާނިޔާގެ ކުޑަ ވިދާ ދެލޮލުން ހައިރާންކަން ފައުޅުވިއެވެ. އަދާރާ މިހާ ޖެހިލުންކުޑަގޮތަކަށް ފުލުހުންނާއި ކުރިމަތިލަފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ.

" އަދާ ތިގޮތަށް އެމީހުންނާއި ޗެލެންޖުކުރަންޏާ ހައްޔަރުކޮށްފާނެ..އެމީހުން ބުނާނެ މައިކްރޯބޮން ލެވިދާނެއޭ......."

"ދާނީ ބުނީ ދީނަށްޓަކާ ކޮންމެފަދަ ކަމެއް ކުރަން ފަސްޖެހެން ނުވާނެއޭ. އެންމެ އިސްކަންދޭންވާނީ ދީނަށޭ. އެހެންވީމަ ފައިޓްމިކުރަނީ؟ ޝޭޚަކު ހައްޔަރުކުރުމުން ކިތަންމެ މީހުން ރުޅި އަންނާނެ..މިގެއަށް ހެދިގޮތްވެސް ބަލައިލަބަލަ..އިރާގުގައި ކެމިކަލް ހަތިޔާރުހުއްޓޭ ކިޔާފައި ދުނިޔެއަށް އޮޅުވާލާފައި ގޮސް އެމެރިކާ އިރާގަށް އަރާ ސުންނާފަތިކޮށްގެން ހޯދީމަވެސް އެބުނާ ހަތިޔާރެއްހުރިމަކަށް ނުވި. ހަމަ އެގޮތަށް މި މީހުންވެސް ކަންތައްކުރަނީ ދޯ.އެމެރިކާއާއި އިޒްރޭލެކޭ އެއްވެސް ތަފާތެއްނެތް. އިންސާފުގެ ކަންފުޅެއްވެސް ނެތް.. އެމީހުން ޖެހޭނީ ދާއޫދު ދޫކޮށްލަން. ދާނީ. ދެން ބުނެބަލަ. ކޮން ޖަވާބެއްދޭނީ؟އައިމް ކިއުރިއަސް..."

"ލައިކް އައި ސެޑް އިސްތިޚާރާކޮށްފައި ގޮތެއް ނިންމާނީ." ދާނިޔާގެ ހިތް ތެޅިގަތެވެ. މޫނު އަނެއްކާވެސް ރަތްވާން ފެށީ އެހިތުގައި އައްޔާޝްއަށް އޮތް ލޯބި ހާމަކުރަމުންނެވެ.

"ވަރަށް އުފާވާނެ މި ކައިވެނި ކުރެވިއްޖެއްޔާ............"އަދާރާ ދާނިޔާގެ ކޮލުގައި ހިފައިލިއެވެ." އަވަހަށް ޗެރީވުޑް ޕެލެސްއަށް އާދޭ. އޭރުން އެކަނިވެރިކަން ފިލާނެ..ކިހާ މަޖާވާނެ. އައި ކޭންޓް ވެއިޓް............"

"މީ ޓޫ..."ދާނިޔާ އަމިއްލަ ނަފުސަށް ބުނެލިއެވެ.

***

ޝޭޚު ޔާސިރުގެ ޕާޓީއިން އިންތިޒާމްކުރި މުޒާހަރާއަށް އެއްވި ގިނަ އަދަދެއްގެ މެންބަރުންގޮސް މަޑުކޮށްލައިގެން ތިބީ އާޓިފިޝަން ބީޗް ސަރަހައްދުގައެވެ. އެތަނުގެ ސްޓޭޖަށް އަރާ އިސްވެރިން ދެއްކި ވާހަކަތަކުން އާއްމުންގެ ހިތުގައި ފޯރިއާއި ޖޯޝް ހިނގައިގަތެވެ. ޝޭޚު ޔާސިރު ގެ ވާހަކަތަކުން އިތުރަށް ފޯރިގަދަވިއެވެ. އެވާހަކަކޮޅު ނިމުމުން އާއްމުން މަގުތަކަށް ނުކުތީ ދާއޫދުއާއި އެހެން ކުށެއްނެތް ޒުވާނުން ދޫކޮށްލުމަށާއި ސަރުކާރާއި ދެކޮޅު ޝިއާރުތައް ފާޅުކޮށްފައިވާ ބޯޑުތަކާއި އެ ޕާޓީގެ ދިދަތައްހިފައިގެންނެވެ. ރައީސް ހުންނަވާ ގެކޮޅާއި ކައިރިވުމުން ސިފައިން ޕެޕާ ސްޕްރޭ ޖެހިއެވެ. ބައެއްމީހުން ހައްޔަރުވެސް ކުރިއެވެ. އޭގެ ތެރޭގައި ޝޭޚު ޔާސިރު ހިމެނުނެވެ. ގަޑިއެއްހާއިރުފަހުން ސަރުކާރަށް ތާއީދުކުރާ މީހުން އެއްވެ ދެބައިމީހުންގެ ދެމެދުގައި ކޮންމެވެސް ވަރަކަށް ތަޅާފޮޅުން ހިނގައިގަތްއިރު އައްޔާޝްއަށްވެސް އަނިޔާވިއެވެ.

އައްޔާޝްއަށް ފަރުވާދެވުނީ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ލޮލަށް އަނިޔާވުމުގެ އިތުރުން ގާގަނޑަކުން ނިތްކުރީގައި ޖެހި ނިތްކުރިވެސް ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ. އައްޔާޝް ހޮސްޕިޓަލަށް ގެންދެވުނު ޚަބަރު އިވި ޝުވޭކާރު އަވަސްވެގަތީ ދަރިފުޅުގެ ހާލު ބެލުމަށެވެ. ބޭސް އަޅާނިމުމުން ޝުވޭކާރު އައްޔާޝްއާއެކު ހިނގަމުންގޮސް ކާރާއި އަރާ ހަމަވިއެވެ.

"އަޔާ. ކީއްތިކުރީ؟" ޝުވޭކާރު ގެ އަޑު ހިތާމައިން ފޯވެފައިވިއެވެ.

"މުޒާހަރާގައި ބައިވެރިވީ...."

"އިދިކޮޅު މީހުންނާއެކު ނުކުތީމަ އެންމެނަށް އެކަން ފާހަގަވެ ރައީސްގެ ދަރިއޭ ކިޔައިގެން ހުރިހާ ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާފައި އޮތީ. އަދި އެވެސް ޒަޚަމްވެފައި ހުރެގެން. އެމީހުން ކިހާ އުފާވާވަރުގެ ހަދިޔާއެއް ތިދިނީ؟ ރަގަޅަށްވިއްޔާ ސަރުކާރަށް ތާއީދުކުރާ މީހުންނޭ ކިޔާފައި އެބައިގަނޑުގެ މީހުން ގޮސް އަޔާއަށް ހަމަލާދިނީ. ގަސްތުގައި............" ޝުވޭކާރު ހަށަން ބަދެލައިގެން ހުރިއިރު މޫނުމަތީގައިވަނީ ހަރުކަށިކަމެވެ. ތުންފިތާލައިގެން ނުރުހުމުގެ ނަޒަރަކުން އޭނަ ބަލަމުން ދިޔައީ އައްޔާޝްގެ މޫނާއި އަތަށެވެ. މޫނާއި އަތުގައި ބެންޑޭޖް އޮޅާފައިވުމުން އަނިޔާލިބިފައިވާ ވަރު އެނގި ހިތަށް އުދަގޫވިޔަސް އެކަން ދައްކައެއްނުލިއެވެ.

"މަންމާ. ދާއޫދުއާއި އެކުވެރިން ހައްޔަރުކުރީ އެއްވެސް ކުށެއްނެތި. ސަރުކާރުން އެންމެން ދޫކޮށްނުލަނީސް މި މުޒާހަރާ ނުހުއްޓޭނެ އިންޝާﷲ...."އައްޔާޝް ދުރަށް ބަލަންފެށިއެވެ.

"ހެޔޮނުވާނެ. ބައްޕަގެ އިއްޒަތާއިމެދު ވިސްނާލަބަލަ. އެމީހުން ދަރިފުޅު ޔޫޒް އެކުރަނީ ބައްޕައާއި ދެކޮޅަށް. އެކަމަކު އަޔާއަށް އެކަމެއް ނުވިސްނޭ. އެހާވެސް ބޮޑަށް ސިކުނޑި ދޮވެލީތަ؟

"ނާއިންސާފާއި ދެކޮޅަށް ތެދުވާނެ ބަޔަކު ތިބެން ޖެހޭނެ މަންމާ.."

"އެމީހުންގެ ހިތް ހެވެއްނުވާނެ. ހެޔޮނުވާނެ ދަރިފުޅު. ތިކަން ހުއްޓާލާ. މަންމަމެންނަށް ދެކެން ކުޅަދާނަ މަންޒަރުތަކެއްނޫން. ބަލާލަބަލަ ވެފައި ތިހިރަ ވަރު..." ޝުވޭކާރު ބޭރުފުށުން ދެއްކި ހަރުކަށިކަން މަޑުމަޑުން ނެތެމުންދާންފެށިއެވެ.

"މަންމަ ކަންބޮޑުނުވޭ. އަޅުގަނޑު މިހިރީ އަދި ސަލާމަތުން.އެމީހުން އަނިޔާވެރިކަމާއިއެކު މުޒާހަރާ ރޫޅާލައިފި. އެތައް ބަޔަކު ހައްޔަރުކޮށްފި. ނޫސްތަކުގައި ސަރުކާރުގެ އަނިޔާވެރިކަން އިޒްރޭލާއި އެއްހަމައެއްގައި ސިފަކުރާނެކަން ޔަގީން. އެކަމަކު އިންސާފު ނުލިބެނީސް މި މުޒާހަރާ ނުވެސް ހުއްޓޭނެ. އަޅުގަނޑު ނެތަސް އެމީހުންގެ ހިތްވަރު އެލިގެން ނުދާނެކަން ޔަގީން...................."

"ހިނގާ ގެއަށް ދާން.."ޝުވޭކާރު އެދުނެވެ.

"އެންމެ ރަގަޅު......" އައްޔާޝް ބަސްއަހާ ކުޑަކުއްޖެއްހެން ކާރުގެ ފަހަތު ސީޓަށް އެރިއެވެ.

***

އަދާރާއަށް މިނަލް ކިޔާދެމުން ދިޔަ ވާހަކަތައް އިވުމުން އަދާރާ ލަދުންގޮސް މަރުވާވަރުވިއެވެ. އެވިއްސާރަ ރޭގެ މަންޒަރުތައްވެސް އޭނަގެ ކުރިމަތީގައި ފިލްމެއްގެ މަންޒަރުހެން ސިފަވާވަރަށް މިނަލް ކިޔާދީފިއެވެ.ހުސާމްއާއި މިނަލްގެ ލޯބީގެ ހާދިސާތައް މިނަލްގެ ދުލުން އަޑުއެހުން ފަސޭހަނުވިޔަސް މިނަލް އެކުއްޖާގެ ސިއްރު އެކުވެރިޔަކަށް އޭނަ ހެދީކަން ނޭގެއެވެ. އޭނައަށް އިތުބާރުކޮށް އެވާހަކަ ކިޔައިދޭ އޭނަގެ ލަފާއަކަށްވެސް އެދުނެވެ. އޭނަ ގުޅެންވީ ހުސާމް ނޫނީ ލިއަމްއާއި ތޯ އެހިއެވެ. ލިއަމްއާއި ހުސާމްވެސް އޭނައާއިހެދި ދީވާނާވެފައިވާ ކަމަށާއި ދެމީހުންކުރެ ހޮވަންވީ ކާކުކަން ނޭގިގެން އޭނަ އެތައް ފަހަރު ފައިސާ ފޮތްޗެއް އެއްލާލައިގެންވެސް އެކަން އޮތީ ނޭގުމެއްގެ ތެރޭގައި ކަމުގައި ބުންޏެވެ.

"މިނޫއާއި އެކަށީގެންވަނީ ލިއަމް. ދެކުދިން ވަރަށް ގުޅޭ..."

"ހުސާމް ކަމަކުނުދޭ؟"

"މީހެއްގެ ފިރިއެއްވީމަ..."

"ސޭމް ބުނީ މަޖުބޫރުވެގެން ކުރި ކަމެކޭ............."

"އެހެންތަ؟ދެން ޖުއާނާ ވަރިކޮށްލާގޮތަށް އެހެރީ؟ ކުޅަދާނަ ފިރިހެނެއްނު..ހީކުރިވަރަށްވުރެވެސް ކާމިޔާބު. އޭނަ ލިބޭނީ ހަމަ ނަސީބުވެރިއަކަށްކަން ޔަގީން...."އަދާރާ އަނގަޔަށް ގޮތެއް ހަދައިލިއެވެ. އެ އަޑުގައިވި މަލާމާތުގެ ރާގު މިނަލްއަކަށް ނަގައެއް ނުގަނެވުނެވެ.

"އާނ. އެހެންވެ މިހާވަރުން އުޅެވެނީ. ރޮމެންޓިކްކަމުންގޮސް...."މިނަލް ކޯތާފަތުގައި ދެއަތްތިލަ ޖައްސައިލިއެވެ.

"ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން އެއްޗެކޭ ބުނީމަ މިނޫ ރުޅިވެސް އަތުވެދާނެ. އޭނަ ކިތަންމެ ހޮޓްވެފައި ރޮމެންޓިކްވިޔަސް ތެދަށް ބުނަންޏާ ހަަޒްބެންޑް މެޓީރިއަލްއެއްނޫން. ޖުއާނާއަށް ބޭވަފާތެރިވާއިރު އެހެން އަންހެންކުއްޖަކަށް ލަނޑުނުދޭނެކަން އެނގެނީ ކިހިނެއް. ޑޯންޓް ޓްރަސްޓް މެން މަޗް. އެމީހުންގެ ސްވީޓް ބަސްތަކަށް ހެއްލިގެން ހިގައްޖެއްޔާ ފަހުން ހިތާމަކޮށްފާނެ..މިނޫ މިއަދު ތި ހާލުގައި އިނީވެސް އޭނަގެ ސަބަބުން. ޓީން ޕްރެގްނެންސީއަކީ އަދި މިނޫއަށް ކޫލް އެއްޗަކަށްވިޔަސް އެހެން ކުދިންނަށް ނައިޓްމެއާއެއް..މިނޫ ސޭމްދެކެ ތިވާ ބްލައިންޑް ލަވް އަހަންނަށް އަންޑަސްޓޭންޑްވޭ އެކަމަކު ވަގުތީ ފީލިންގްސްތަކެކޭ ބުނެވިދާނެ. ސްޓޭ އަވޭ ފްރޮމް ހިމް ސްވީޓްގާލް....." އަދާރާ މިނަލްގެ ކޯތާފަތުގައި މަޑުމަޑުން ހިފައިލިއެވެ.

މިނަލްގެ މޫނުމަތި ބަނަވެގެން ދިޔައެވެ.

"އޭނަވެސް ޖެލަސްވީ.." އެލަފުޒުތައް އޮތީ މިނަލްގެ ހިތުގައެވެ.

***

ޖެހިގެން އައި ދުވަހު ޝޭޚު ޔާސިރު ދޫކޮށްލުމުން އެނބުރި ގެއަށް އައުމުން ދާނިޔާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ދެރަވަނީ ދޮންބެއަށް ފުލުހުން އަނިޔާކޮށްފާނެތީއެވެ. ނިރުބަވެރިކަމުގެ ދައުވާކުރުމަކީ އާދައިގެ މައްސަލައެއް ނޫނެވެ. ގާނޫނީގޮތުން ބޮޑު ހުކުމް އަންނަވަރުގެ ކުށެކެވެ. ދާނިޔާ ގާތުން އޭނަގެ ބައްޕަ ސުވާލުކުރުމުން ލަދުން ހުރެ ބުނީ އޭނަ ގަބޫލުކަމަށާއި އިސްތިޚާރާ ނަމާދުވެސް ކޮށްފިކަމުގައެވެ.

"އެ އާއިލާ މިކަމާއި ދެކޮޅުހަދާނެ. އެކަމަކު އައްޔާޝްފަދަ އަޅުވެރި ޒުވާނަކީ ދަރިފުޅާއި އެކަށީގެންވާ ފިރިއެއްކަމަށް ބައްޕަވެސް ގަބޫލުކުރަން........."

ދާނިޔާ ވަގުތުން އަދާރާއަށް ގުޅިއެވެ. ކޮފީއަކަށްގޮސް ޚަބަރެއްދޭން ބޭނުންވާ ކަމުގައި ބުނުމުން އަދާރާއަށް ޝައްކުވިއެވެ.

***

އައްޔާޝް ފަތިސްނަމާދުކޮށްލައިގެން އިރުއަރާންދެން މިސްކިތުގައި އިނުމަށްފަހު ކަސްރަތުކޮށްލާ ހެދުމަށްފަހު ގެއަށް ވަނެވެ. ފެންވަރާ ތާޒާވެލުމުން އޭނަގެ އަލި މޫނު ވަކިން ރީތިކަމަށް ދައްކައެވެ. ހުދުކުލައިގެ ޓީޝާޓަކާއި މަޑުނޫކުލައިގެ ޖިންސެއްލައިގެން ތައްޔާރުވެލީ އާއިލާއާއެކު ހެނދުނުގެ ނާސްތާއަށެވެ. އާދައިގެ މަތިން އާއިލާގެ އެންމެން އެކީ ނާސްތާ ކުރުމަކީ މާ ކުރީއްސުރެ ގޭގައި އޮންނަ އާދައެކެވެ. އައްޔާޝް ސަލާމް ގޮވައިލުމުން އޭނަގެ މަންމައާއި އަދާރާ ސަލާމް ބަލައިގަތެވެ. އެހެން މީހުން ދެނެހުރިކަމަށްވެސް ހަދާނުލިއެވެ.

"ގޭގައި ހުރިނަމަ ތިހެނެއް ނުވީސް ދޮންބެ. ކޮންމެހެންޖެހޭތަ އެ ހައްދުފަހަނަޅާފައިވާ ޖަމާއަތާއެކު ނިކުންނަން؟"ހުސާމް ދިމާކޮށްލިއެވެ.

"ހުސާމް އާއި ދައްކަން ޖެހޭ އެހެން ވާހަކައެއްވެސް އެބައޮތް. އެހެންވީމަ ދެމީހުން އެކަނިވީމަ ތި ސުވާލުގެ ޖަވާބުވެސް ދޭނަން. އޭގެ ކުރިން އުފާވެރި ޚަބަރެއް އެބައޮތް.."

ޝުވޭކާރު ގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ ކުލަވަރެވެ.

"އަޔާ މިދުވަސްކޮޅު އުފާކުރާ ޚަބަރުތަކަކީ ބައްޕަމެންނަށް ބިރުވެރި ހުވަފެނަކަށްވުން އެކަށީގެންވޭ.........."

"މީހަކާއި އިންނަން މިއުޅެނީ..."

"ކާކުތަ؟"ޝުވޭކާރު ތުން ފިތައިލިއެވެ.

"ދާނިޔާ.....މަންމަގެ ކުރީގެ ފްރެންޑް ނަބީލާގެ ދަރިފުޅު...." އައްޔާޝްގެ އެ ޖުމްލައިން އަދާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީއިރު އެހެން އެންމެނަށް ސިހުމެއްލިބުނެވެ. ސަބަބަކީ ޝޭޚު ޔާސިރު މައިމޫން ދެކެ ކުރާ ނަފްރަތާއި ސަރުކާރަށް ގޮވާ އެއްޗިއްސަކީ ރާއްޖޭގެ ކުދިބޮޑު އެންމެން ދަންނަ ހަގީގަތެކެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު