ކިޔަވާ ކުދިންނަށް ޑޮލަރު ލިބުމުގައި މިހާރު އޮތް ދަތިކަމަށް ހައްލެއް ގެންނާނަން: އެމްއެމްއޭ

މަރުކަޒީ ބޭންކް، އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ ފަސޭހަ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ.

ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޑޮލަރު ލިބުމުގައި މިހާރު ހުރި ދަތިތަކާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ބުނީ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ފަސޭހަކަމާއެކު ލިބޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ބޭންކުތަކާ ގުޅިގެން ކުރަމުންދާކަމަށެވެ.

އެ ބަދަލާއެކު ޑޮލަރު ދިނުމުގައި ބޭންކުތަކުން އަމަލުކުރަންޖެހޭ އުސޫލަށް އިސްލާހުތަކެއް ގެނެވިގެންދާނޭކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މި އުސޫލުތަކަށް އަމަލުކުރަން ފެށުމުން ލުއި ފަސޭހަ ގޮތެއްގައި އާއްމުނަށްވެސް ޑޮލަރު ލިބޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޑޮލަރު ލިބުމުގައި މިހާރު ހުރި މައްސަލަތައް ހައްލު ކުރާނޭ ކަމަށް މަރުކަޒީ ބޭންކުން ބުނެފައި މިވަނީ، ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް މިހާތަނަށް ވިއްކަމުން އައި 1000 ޑޮލަރު، މިއަހަރުން ފެށިގެން ވިއްކަމުންދާނީ، އޭލެވެލުން ފެށިގެން މައްޗަށް ކިޔަވާ ދަރިވަރުންނަށް އެކަނިކަމަށް ބޭންކުތަކުން ނިންމާފައިވަނިކޮށެވެ. ބޭންކުތަކުން ބުނާގޮތުގައި މިކަން މިގޮތަށް ނިންމީ މަރުކަޒީ ބޭންކުން އަންގައިގެންނެވެ.

ބޭންކުތަކުގެ މި ނިންމުމާއި ގުޅިގެން, އޭލެވެލުން ދަށުގެ ދަރިވަރުންނަށް މިހާރު ފައިސާ ފޮނުވަން ބޭނުންނަމަ ޖެހެނީ ސީދާ އެމެރިކާ ޑޮލަރުން ފައިސާ ފޮނުވާށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް އައި ހީނަރުކަމުގައި 2020 ވަނަ އަހަރު ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ކާޑުތަކުން ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ލިމިޓް 750 ޑޮލަރަށް ލިމިޓުކޮށްފައެވެ. ރާއްޖޭގައި އޮންލައިން ޕޭމަންޓުތަކަށް އެންމެ ގިނަވެގެން ބޭނުންކުރެވޭނެ ލިމިޓަކަށް ކަނޑައަޅާފައިވަނީ، 250 ޑޮލަރެވެ.

comment ކޮމެންޓް