ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފި

ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނުކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު އިއުލާނު ކޮށްފިއެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޝަރުތު ހަމަވާ، އެކަމަށް ޝައުގުވެރިވެވަޑައިގަންނަވާ މީހުން މި މަހުގެ 30 ވަނަ ދުވަހުގެ 12:00ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާއިން ޑިގްރީ ހާސިލްކޮށްފައިވާ މީހުންނަށެވެ. އަދި ގާޒީއެއްގެ ގޮތުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މީހުންނަށެވެ.

މީގެ އިތުރުން ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހަކީ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވުމާއި އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ ޢަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރި ކަމަށް ސާބިތުވެފައިނުވުމާއެކު އެފަދަ ކުށެއް ކޮށްފައިވާނަމަ ހުކުމެއް ތަންފީޒުކޮށް ނިމިފައިވާތާ ހަތް އަހަރު ވާންޖެހެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 36،000 ރުފިޔާ ލިބޭއިރު ލިވިން އެލެވެންސެއްގެ ގޮތުން 15،000 ރުފިޔާއާއި ރިސްކް އެލަވަންސަކަށް 3300 ރުފިޔާ ދެއެވެ. އަދި ފޯނު އެލަވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއެވެ.

comment ކޮމެންޓް