ހަނި ފުރުސަތެއް، އެކަމަކު އިދިކޮޅުން އުންމީދުގައި

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރަން ބޭއްވި ހަވާލޭ ވަތަން ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޖަލަށްލާން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އޮތީ ހަނި ފުރުސަތެކެވެ.

އެމަނިކުފާނު 11 އަހަރަށް ބަންދުކޮށް، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ދަށު ކޯޓުން ކުރި ހުކުމާއެކު ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ޓިކެޓު ދީފައިވާ ޔާމީނަށް އިންތިޚާބުގެ ވާދަކުރެއްވުމަށް ގާނޫނީ ޝަރުތެއް އުނިވީއެވެ. އެހެންވެ، ދެން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނީ މަތީ މަރުހަލާ ކޯޓަކުން އެމަނިކުފާނުގެ މައުސޫމްކަން ސާބިތުކޮށްގެންނެވެ.

އެކަމަކު، އިދިކޮޅުގެ އޮތީ އެންމެ ކަންބޮޑުވުމެކެވެ. އެއީ، ހައިކޯޓަށް އިސްތިއުނާފަށް ވެސް އަދި ހުށަހަޅާފައިނުވާ ޔާމީންގެ މައްސަލައިގެ ހައިކޯޓު މަރުހަލާ ވަގުތުގައި ނިމިދާނެތޯއެވެ. އަދި، ސުޕްރީމް ކޯޓަށް ދާން ޖެހިދާނެ ހާލަތެއްގައި އެކަން ކުރެއްވޭހާ ވަގުތު އޮތްތޯއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުޢާދު ތައުފީގު ވިދާޅުވި ގޮތުގައި އަންނަ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް އެކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ. އަދި، އެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އެކަމަށް އެދޭ ފޯމު، އޮގަސްޓް މަހުގެ ތިންވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ.

އެހެންވެ، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މައުސޫމްކަން ސާބިތުކުރުން ނޫން އިތުރު ގޮތެއް ޔާމީނަކަށް ނެތެވެ. ނޫންނަމަ، އިންތިޚާބުގައި ވާދަކުރެއްވުމުގެ ދޮރު އެމަނިކުފާނަށް ބަންދުވާނެއެވެ.

އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހުންނެވީ އުންމީދުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ހައިކޯޓުގެ މަރުހަލާ ނިމޭނެ ކަމާއި އެ މަރުހަލާއިން ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ޝަރީއަތަކީ ވަރަށް ގޯސްކޮށް ދަށު ކޯޓުން ނިމިފައި އޮތް ޝަރީއަތެއް. މި ޝަރީއަތް ހަމަ ހައިކޯޓުން އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ. ރައީސް ޔާމީންގެ ނަންފުޅު [އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި] އޮންނާނެ" ޖަމީލް ވިދާޅުވިއެވެ.

ސެޕްޓެމްބަރ 5، 2019:އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ގާނޫނީ ވަކީލު/ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އިސްތިއުނާފީ މަރުހަލާ ނިމިދާނެތޯ އެއީ އޮތް ސުވާލެއް ވެސް ނޫނެވެ. އޭނާ ވިދާޅުވީ ޝަރީއަތުގެ ތިން މަރުހަލާ ވެސް ނިންމޭހާ ވަގުތު އެބައޮތެވެ.

"އިސްތިއުނާފު އެއް އަޑުއެހުމުން ދެ އަޑުއެހުމުން ހަގީގަތުގައި ނިމިގެންދާނެ. އެހެންވީމާ އެހިސާބުން އިރާދަކުރެއްވިއްޔާ [ޔާމީންގެ ނަންފުޅު] އޮންނާނެ ކަމަށް ގަބޫލުކުރަނީ" އެމަނިކުފާނު ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ޖިނާއީ ދައުވާއެއް މީހަކާ ދެކޮޅަށް ހުށަހެޅުމުން، އެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި، ދަށު ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެކަށިގެންވާ ޝައްކެއް ނެތް މިންވަރަށް އެކުށް ސާބިތުވެގެން ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.

"ގާނޫނީ ގޮތުން އެންމެ ފެންވަރު ދަށް އެއް ޝަރީއަތް މިއީ. ޔަގީން އިސްތިއުނާފީ ކޯޓުން ޢަދުލުވެރި ނިޢާއަކުން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން މާފުށީ ޖަލަށް ގެންދަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިއީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ދަށު ކޯޓުން ޔާމީންގެ މައްޗަށް އިއްވި ދެވަނަ ހުކުމެވެ. ގއ. ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ފަސް އަހަރަށް ޖަލަށްލާން 2019 ވަނަ އަހަރުގެ ނޮވެމްބަރު 28ގައި ވެސް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އެފަހަރު އެމަނިކުފާނު މިނިވަންވެވަޑައިގަތީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ.

އެފަހަރުގެ އިސްތިއުނާފީ މަރުހަލާގައި ހައިކޯޓުން މައްސަލަ ނިންމަން އަހަރަކަށްވުރެ ގިނަ ދުވަސް ނެގިއެވެ. އެކަމަކު، އެފަހަރު އިސްތިއުނާފީ މަރުހަލާ ދިގުދެމިގެންދިޔައީ ކޮވިޑުގެ ސަބަބުން ދިމާވި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި 96،000އަށްވުރެ ގިނަ ވޯޓު ހޯއްދެވި ޔާމީނަށް މިފަހަރު ވާދަކުރެއްވޭނެތޯ އިސްތިއުނާފީ މަރުހަލާގައި ނިންމިގެންދާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ހުރިހާ ވެސް އުންމީދަކީ އެމަނިކުފާނަށް މިފަހަރުގެ އިންތިޚާބުގައި ވެސް ވާދަކުރެއްވުމެވެ.

comment ކޮމެންޓް