ހުކުރު ޚުތުބާގެ އިނގިރޭސި ތަރުޖަމާ ނެރެން ފަށައިފި

އިމާމަކު ޚުތުބާ ދެނީ، - ފޮޓޯ: އިސްލާމިކް އެފެއާޒް

ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގައި ކިޔާ ޚުޠުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ފަށައިފިއެވެ.

މީގެ ކުރިން އެ މިނިސްޓްރީގެ ވެބްސައިޓުގައި ހުކުރު ޚުތުބާ ޝާއިއު ކުރަނީ ހަމައެކަނި ދިވެހި ބަހުންނެވެ.

ނަމަވެސް މިއަދުން ފެށިގެން ޚުތުބާގެ އިނގިރޭސި ތަރުޖަމާވެސް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުކުރު ޚުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިރު ކުރުމަކީ އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ މައުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި ޚުތުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިއުކުރަން ނިންމުމުގެ މަގްސަދަކީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ގައުމަކަށްވެފައި، އިސްލާމްދީނުގެ މައުލޫމާތު އެ މީހުންނަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމެވެ.

އެގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެފަހުން ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެކަމަކީ އިސްލާމީ ދައުވަތު ފެތުރުމުގެ ބޭނުމުގައި އިސްލާމިކް މިނިސްޓްރީން ކުރާ ކަމެއް ކަމަށާއި ކުރިއަށް އޮތްތާނގައި ވެސް އެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް