ކްރިސްޓަލް ޕެލެސް އަތުން ޗެލްސީއަށް ހަނި މޮޅެއް

ޗެލްސީން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ----

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއަތުން ޗެލްސީ ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިން ޗެލްސީން ކުޅުނު ނަމަވެސް ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މެޗުގެ ވަރަށް ކުރީކޮޅު ކްރިސްޓަލް ޕެލެސްއަށް ވެސް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެ ޓީމުގެ ވިލްފްރެޑް ޒަހާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ޗެލްސީގެ ކީޕަރު ކެޕާއެވެ.

މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ މެޗުގެ 63ވަނަ މިނެޓުގައެވެ. ޗެލްސީގެ ހަކީމް ޒިޔާޝް ނެގި ހުރަހަކުން ބޮލުން އެ ގޯލު ޖެހީ ކައި ހަވާޓްޒްއެވެ.

އެ މޮޅާއެކު ޗެލްސީ ވަނީ ތާވަލުގެ 10ވަނައަށް ޖެހިލައިފައެވެ. އެ ޓީމު 10ވަނައިގައި އޮތީ ކުޅުނު 19 މެޗުން 28 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ކްރިސްޓަލް ޕެލެސް ތާވަލުގެ 12ވަނައިގައި އޮތީ ކުޅުނު 18 މެޗުން 22 ޕޮއިންޓު ހޯދައިގެންނެވެ.

ޗެލްސީ މިވަގުތު އޮތީ ނާޒުކު ފައްތަރެއްގައެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ މިރޭގެ މެޗުން އެކަންޏެވެ.

މި ސީޒަންގައި އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީ ވަރުގަ ކުރުމަށް މި ޓްރާންސްފާ މާކެޓުގައި ވަނީ މޮނާކޯގެ ބެނޯއީ ބަޑިއާޝިލޭއާއި، މޯލްޑޭ އަށް ކުޅޭ އައިވަރީ ކޯސްޓުގެ ފޯވާޑް ޑޭވިޑް ޑާޓްރޯ ފޮފާނާއާއި، ބްރެޒިލްގެ ވަސްކޮޑަގާމާގެ ޒުވާން މިޑްފީލްޑަރު އަންޑްރޭ ސަންޓޯސްގެ އިތުރުން އެތުލެޓިކޯ މެޑްރިޑުގެ ޔާއޯ ފެލިކްސް ގެނެސްފައެވެ.

comment ކޮމެންޓް