މިސް ޔުނިވާސް މިފަހަރު އެމެރިކާއަށް!

މިއަހަރުގެ މިސް ޔުނިވާސްގެ މަގާމު، އެމެރިކާއަށް ނިސްބަތްވާ ފިލިޕީނޯ އާބަނީ ގެބްރިއަލްއަށް ލިބިއްޖެއެވެ.

އުމުރުން 28 އަހަރުގެ އާބަނީ މިސް ޔުނިވާސްގެ ތާޖު ހޯދީ މުބާރާތުގައި ވާދަކުރި 84 ގައުމުގެ ބައިވެރިންގެ ތެރެއިން ހޮވިގެންނެވެ. މިއީ މިސް ޔުނިވާސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފިލިޕީނޯއަށް ނިސްބަތްވާ އެމެރިކަން އަކަށް އެ މަގާމު ލިބުނު ފަހަރެވެ.

މިސް ޔުނިވާސްއަކަށް އާބަނީ ހޮވުނުއިރު ދެވަނައަށް ހޮވުނީ މިސް ވެނެޒުއޭލާ އެމެންޑާ ޑޫޑަމެލް އަދި ތިންވަނަ އަށް ހޮވުނީ ޑޮމިނިކަން ރިޕަބްލިކް އެންޑްރީނާ މާޓީނޭޒްއެވެ.

އިއްޔެ ނިމިގެން ދިޔަ މިސް ޔުނިވާސް އިވެންޓް ކުރިއަށް ދިޔައީ އެމެރިކާގެ ނިއު އޯލީންސްގައެވެ.

ފެޝަން ޑިޒައިނަރު އަދި ތިމާވެއްޓާ ގުޅޭ އެކި ކަހަލަ މަސައްކަތް ވެސް ކުރާ އާބަނީއަށް މިފަހަރުގެ މުބާރާތުގައި ބޮޑު ސުވާލަކަށް ކޮށްފައިވަނީ މުބާރާތަށް ގެންނާނެ ބަދަލަކާ ގުޅޭ ގޮތުންނެވެ.

އެ ސުވާލަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ މުބާރާތުގައި ބައިވެރިވެވޭ އުމުރު އިތުރު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. މުބާރާތުގައި ބައިވެރިވެވޭ އެންމެ މަތި އުމުރަކީ 28 އަހަރެވެ. އަދި އާބަނީ އަށް މިހާރު އެ އުމުރު ވެފައިވާއިރު އެ އުމުރަށް ވުރެ މަތިން ބައިވެރިން ފެންނަން ބޭނުންވާ ކަމަށް އާބަނީ ބުނެފައިވެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި މިސް ޔުނިވާސްގެ ފޯމިއުލާއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މީގެކުރިން، މީހުންނާ ކައިވެނި ކޮށްގެން ތިބޭ އަންހެނުންނާއި މައިންނަށް ވެފައި ތިބޭ އަންހެނުންނަށް މި މުބާރާތުގައި ބައިވެރިވުން މަނާ ވާނެއެވެ. ނަމަވެސް އެ ގަވާއިދުތަކަށް ވަނީ މިހާރު ބަދަލު ގެނެސްފައެވެ.

މިއަހަރުގެ މިސް ޔުނިވާސް އެމެރިކާއަށް ލިބުނު އިރު ދެން އެންމެ ފަހުން މިސް ޔުނިވާސް ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެ ފަހަރުގެ މިސް ޔުނިވާސް ހޯދާފައިވަނީ އިންޑިއާގެ ހަރުނާޒް ސިންދުއެވެ.

comment ކޮމެންޓް