އިނގިރޭސި ޕްރިމިއާ ލީގު ތައްޓާ މެދު އަދި ނުވިސްނާކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.
އެ ޓީމުގެ އަމިއްލަ ދަނޑުގައި ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ 2-1 ގެ ނަތީޖާއަކުން މޮޅުވެ, މީޑިއާއާ ވާހަކަދައްކަމުން ޓެން ހާގް ބުނީ ސަޕޯޓަރުން މި ސީޒަންގެ ތައްޓަށް އުންމީދު ކުރި ނަމަވެސް އެ ޓީމުން ލީގު ތައްޓާ މެދު ނުވިސްނާކަމަށެވެ.
އެ ޓީމުން ބޭނުން ވަނީ އަދިވެސް ކުޅުންތެރިންނަށް ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ދުވަހެއް ދުވަހަކަށް ޓީމުގެ ކުޅުން ރަނގަޅުކުރަންކަމަށް ހާގް ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށް ވުރެ ހަ ޕޮއިންޓު މަދުން ހޯދައިގެން ޔުނައިޓެޑު އޮތީ ތާވަލުގެ ތިންވަނައިގައެވެ.
މިހާރު ލީގު ތާވަލު އެތުރިފައިވާ ގޮތުން ޔުނައިޓެޑު ތިންވަނައިގައި އޮތީ ކުޅުނު 18 މެޗުން 38 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވިނަމަވެސް ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ 18 މެޗުން ހޯދި 39 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތީ 17 މެޗު ކުޅެ 44 ޕޮއިންޓު ހޯދައިގެންނެވެ.
ރޭގެ މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ މި ސީޒަނުގައި އެ ޓީމަށް ވެސް ޕްރިމިއާ ލީގު ކާމިޔާބު ނުކުރެވޭނެކަމަށް ބުނެފައެވެ.