ސިޓީއަށް ޕްރިމިއާ ލީގު ކާމިޔާބެއް ނުކުރެވޭނެ، އެކަމުގެ ފަރުވާލެއް ނެތް: ގާޑިއޯލާ

ގާޑިއޯލާ---

އެންމެ ފަހުގެ އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް މި އަހަރުގެ ޕްރިމިއާ ލީގު ކާމިޔާބު ނުކުރެވޭނެކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ރޭ މެންޗެސްޓާ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ޔުނައިޓެޑު އަތުން ސިޓީ ބަލިވި މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ލީގު ކާމިޔާބު ނުކުރެވުނަސް އެކަމުގެ ފަރުވާލެއް ނެތްކަމަށެވެ.

ސިޓީއަށް މިހާރު ވެސް ގިނަ އަހަރުތަކެއްގައި ލީގު ކާމިޔާބު ކުރެއްވިއްޖެކަމަށް އޭނާ ބުންޏެވެ. ސިޓީ ވަނީ ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ހަތަރު ފަހަރެއްގެ މަތިން އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި އުފުލާލައިފައެވެ.

ގާޑިއޯލާ ސިޓީގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން 2017/18 ވަނަ އަހަރުން ފެށިގެން ސިޓީއަށް ޕްރިމިއާ ލީގުގެ ތަށި ގެއްލުނީ 2019/20 ސީޒަންގެ ތައްޓެވެ. އެ ސީޒަންގެ ތަށި އުފުލާލީ ލިވަޕޫލުންނެވެ.

މިހާރު ލީގު ތާވަލު އެތުރިފައިވާ ގޮތުން ޔުނައިޓެޑު ތިންވަނައިގައި އޮތީ ކުޅުނު 18 މެޗުން 38 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވިނަމަވެސް ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ 18 މެޗުން ހޯދި 39 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތީ 17 މެޗު ކުޅެ 44 ޕޮއިންޓު ހޯދައިގެންނެވެ.

ސިޓީ ވަނީ މިދިޔަ ހަފުތާގައި އިނގިރޭސި ލީގު ކަޕުން ވެސް ކަޓައިފައެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ސައުތު އެމްޓަން އަތުން ބަލިވެ އެ ޓީމު ކެޓުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސިޓީއަށް އަމާޒުވެފައެވެ.

އެ މެޗަށްފަހު މީޑިއާއާ ވާހަކަދައްމުން ގާޑިއޯލާ ބުނީ އެ މެޗަށް ސިޓީ އެންމެ ރަނގަޅަށް ތައްޔާރު ނުވާކަމަށެވެ. މެޗުން އަބަދުވެސް މޮޅުވާނީ މޮޅަށް ކުޅޭ ޓީމުކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް