"ހާޝިމްއަކީ އަހަރެންގެ ބައްޕަ..."

"ހާ.. ހާޝިމް އޭ؟ ކޮން ހާޝިމްއެއް؟" ލިބުނު ޝޮކެއްގެ ސަބަބުން ދެންމެ ކަންފަތަށް އަޑު އިވުނު ބަސްތައް ގަބޫލުކުރުން މާކިންއަށް ދަތިވިއެވެ. އެ ސުވާލުކޮށްލިއިރު އެ މޫނުމަތީގައިވަނީ ހައިރާންކަމުގެ އަސަރުތަކެކެވެ. ނާޒިލްއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ އަދިވެސް ޔަޤީންކޮށްދޭށޭ ބުނާފަދަ ގޮތަކަށެވެ.

"އާނ... އަހަންނަކީ މިޝްޔާގެ ދިރުއުޅުން ހަލާކުކޮށްލި އެ ހާޝިމްގެ ދަރިއެއް. ވީއިރު އަހަރެމެން ގުޅުމަކީ ނާދިރުކަމެކޭ މާކިން..." ނާޒިލް ބުނެލިއެވެ.

"އެކަމަކު އެހެން ކިހިނެއްވާނީ؟ ނާޒިލްގެ ބައްޕައަކީ ހާފިޒުއެއް ނޫންތަ؟"

"އާނ. އެއީ އަހަރެންގެ އަސްލު ބައެއްޕައެއް ނޫން." ނާޒިލް ބުނެލިއެވެ. އެއަޑުގައިވަނީ މާޔޫސްކަމެވެ. އެ ހަޤީގަތް ގަބޫލުކުރަން ޚުދު އޭނާގެ ޒަމީރު ދެކޮޅު ހަދާއިރު، އެހެން މީހުންނަށް ވާނެ ގޮތްވެސް އޭނާއަށް އަންދާޒާކޮށްލެވެއެވެ. އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެއީ ހަޤީގަތެވެ. ދެކޮޅުހެދެން ނެތް ހަޤީގަތެކެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް، އޭނާއަކީ ހާޝިމްގެ ލެއެވެ.

"ދެން އެ ހުރިހާކަމެއް އެނގިހުރެތަ ނާޒިލް މިޝޫއާ އެހާ ގާތްވީ؟" މާކިންއަށް ސުވާލުކޮށްލެވުނެވެ.

"އަހަރެން މިޝްޔާއާ އެންމެ ފުރަތަމަ ގަޔާވިއިރު މިޝްޔާއާ ހާޝިމްއާ އޮންނަ ގުޅުމެއް ނޭނގޭ... އެންމެ ފުރަތަމަ މިޝްޔާއާ ހާޝިމްއާ ދިމާވިއިރު، އަހަރެން އެތަނަށް ދިޔައިން. އޭރު ހާޝިމް މިޝްޔާއާ ދޭތެރޭ ކަންތައްކުރި ގޮތް އަހަންނަކަށް ނުވެސް އެނގޭ. މާފަހުން އެނގުނީ އެއީ ކާކުކަން. މިޝްޔާއާ ދޭތެރޭ މިހިތުގައި އިޙްސާސްތައް އިުފެދެން ފެށި އެންމެފުރަތަމަ ދުވަހުން ފަށައިގެންވެސް އަހަރެން މަސައްކަތް ކުރިން އެ އިޙްސާސްތަކަށް ފުރުސަތު ނުދޭތޯ. މާކް. އެދުވަހު އަހަރެން ފެނުމުން ހާޝިމްއަށް އަހަންނަކީ ކާކުކަން ވަކިކުރާކަށް ނޭނގުނު. އެ ދުވަހު އޭނާ ހުރީ ޝައްކެއްގެ މަތީގައި. އެހެންނަމަވެސް، ފަހުން އޭނާއަށް އަހަރެން އެނގުނީ. އަހަންނަށް މިޝްޔާއަށް އެ ހަޤީގަތް ކިޔައި ނުދެވި އުޅެނިކޮށް އޭނަ އެ ވާހަކަތައް މިޝްޔާގެ ކުރިމަތީގައި ދެއްކީ އަހަރެމެންގެ ގުޅުން ނިމުމަކަށް ގެންނަންވެގެން. އެއީ އަހަރެންގެ ބައްޕައަށް ވީ ކަމުގައި ވީނަމަވެސް، ބައްޕައަކާ ދަރިއަކާ ދޭތެރޭ އޮންނަން ޖެހޭ އެއްވެސް ކުލުނެއް އަހަރެމެން ދެމީހުން ދެމެދުގަ ނޯވޭ..." ނާޒިލް ވާހަކަ ހުައްޓައިލިއެވެ.

"އެކަންތައް އެނގުނީ ކޮން އިރަކުތަ؟ ކީއްވެތަ އަހަރެން ކައިރީގައި ނުބުނީ؟" އެހެން ބުނެލިއިރު، މާކިންގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމުގެ އަސަރެވެ.

"ބުނަން ނުކެރުނީ އަހަންނަށް. ކިހިނެއް އެ ހަޤީގަތް ފާޅުކުރާނީ... އަހަރެން އެންމެ ލޯބިވީ ކުއްޖާއާ ދުރަށް ދާނެހޭ ހިތްވަރެއް އަހަރެންގެ ވެސް ނެތީ. އަބަދުވެސް ބޭނުންވަނީ މިޝްޔާ އުފަލުގަ ހުންނަން. އެ ހިނިތުންވުން ފެންނަން. އެ ހަޤީގަތް ހާމަ ކުރާ ހިސާބުން ފެށިގެން މިޝްޔާއަށް ވާނެ ގޮތް އަހަންނަށް އެނގޭތީ މަޑުން ހުންނަން މަޖުބޫރުވީ އަދި ޚުދު އަހަންނަކީވެސް އިންސާނަކަށް ވީތީ، އަމިއްލަ އުފާތައް ގުރުބާން ކުރާނެހާ ހިތްވަރު ނެތީ... މިޝްޔާ ދެކެ ލޯބިވާތީ..." ނާޒިލް އިސް ޖަހައިލިއެވެ.

"އެކަމަކު ކިހިނެއް ތި ގުޅުމަށް ފުރުސަތު ދޭނީ... އެއީ ނާޒިލްގެ ބައްޕައޭ... އޭނަ މިޝްޔާ..." މާކިންއަށް ބޮލުގައި ހިފައްޓައިލެވުނެވެ.

"އަހަރެންގެ ހިތަށް އެތައް ފަހަރަކު އެރި އަހަރެންމީ އެ ހާޝިމްގެ ދަރިއަކަށް ނުވި ނަމައޭ. އޭނަ ހަމަ ރަނގަޅަށްވެސް އަހަރެންގެ ކިބައިން ބަދަލު ހިފައިފި." ނާޒިލްއަށް ބުނެވުނެވެ.

"ކީކޭ ތި ބުނީ؟" މާކިންއަށް އަހައިލެވުނެވެ.

"ކުޑައިރުއްސުރެ ވެސް އަހަންނަށް ފެންނަނީ އޭނަގެ އަނިޔާވެރިކަން. އަހަންނަށް އަނިޔާ ކުރަން އުޅޭ ކޮންމެ ފަހަރަކު މަންމަ އެ ދޭތެރެއަށް ވަދެ އަހަންނަށް ހިމާޔަތް ދޭތީ އޭނަ ބޭނުންހާ އަނިޔާއެއް އަހަންނަކަށް ނުދެވޭ... އެކަމަކު މަންމަ. އޭނަ މަންމައަށް ވަރަށް އަނިޔާވެރިވާނެ. މަންމަ އޭނަ ކައިރިން ވަރިވީ ވެސް ވަރަށް ހާލުން. ވަރިވުމަށްފަހު، ޑޭޑް ގެ އެހީތެރިކަމާއެކު އެ މައްސަލަ ފުލުހަށް ހުށައެޅީ. ހުށައަޅައިގެންވެސް އޭނަ ބަންދުގައި ބެހެއްޓުނީ ދުވަސްކޮޅަކު. ދެން މައްސަލަ ސާބިތުނުވެގެން ދޫކޮށްލީ. ޖަލަށް ގެންދިޔަ ދުވަހު ދަމުން ބުނި އަހަރެމެންގެ ކިބައިން ބަދަލު ހިފާނަމޭ... އެކަންތައް އޭނަ ވަރަށް ރަނގަޅަށް ކޮށްފި." ނާޒިލް ބުނެލިއެވެ.

"ކީއްވެތަ ކުރިން އޭނަ ތި އާއިލާގެ އެއްވެސް ވާހަކައެއް ނުދައްކަނީ. އަހަރެން ކުޑައިރުވެސް، އޭނާގެ އާއިލާގެ އެއްވެސް މީހެއް ހުންނަކަމަކަށް ނުވޭ...." ނާޒިލް އަނެއްކާވެސް ބުނެލިއެވެ.

"އޭނަ އަހަރެމެންގެ ގެއަށް އައީ މީގެ ފަސް އަހަރު ކުރިން، އޭގެ ކުރިން އުޅުން ތަނެއް ނޭނގޭ. އިނގެނީ އެންމެ ކަމެއް. އެއީ މަންމައާ މައްސަލައެއް ޖެހިގެން ވާހަކަ ނުދައްކާ ހުރީކަން. އޭނަގެ ވާހަކަތައް ހުރި ގޮތުން އޭރު ބުނީ އިނދެގެން އުޅުނު މީހާ ވަރިކޮށްފައޭ އަހަަރެމެން ގެއަށް ބަދަލުވީ..." މާކިން ވިސްނައިލަމުން ބުނެލިއެވެ.

"އެހެންވީމަ އޭނަ ފަހުންވެސް އެހެން މީހަކާ އިނީ. މަގޭ މަންމައާ އޭނައާ ދެމީހުން ވަރިވީ އެއީ ހާދަ ކުރިއޭ..." ނާޒިލް ބުނެލިއެވެ.

"އަހަންނަކަށް ނޭނގެ ދެން ތިއަށް ބުނާނެ އެއްޗެއް. އެކަމަކު މިޝޫ... މިޝޫއަކަށް ނާޒިލްއާ އެކީ އުޅޭކަށް ކެތެއް ނުވާނެ. އޭނަ ވަރަށްވަރަށް ދެރަވެފަ ހުރީ... ކިހާ ލަދުވެސް ގަންނާނެތަ؟ ހުރިހާ ވާހަކައެއް އޭނަ ކިޔައިދިނީ ހާޝިމްގެ ދަރިއަކަށްވީމަ. އެގޮތަށް އޭނަ ރޮނިކޮށް އަހަރެން ދުށީ އެންމެ ފަހަރަކު، އެއީ މަންމަ ނިޔާވިއިރު." މާކިން ބުނެލިއެވެ. މާކިންގެ އެ ޖުމްލައާއެކު، ނާޒިލް މާޔޫސްވެ ގޮތްހުސްވާގޮތްވިއެވެ. ކިތަންމެ ލޯބި ވިޔަސް މިޝްޔާ މަތިން ހަނދާންނައްތައިލުން ނޫންގޮތެއް ނެތޭ އޭނާގެ ޒަމީރު ބުނަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މުޅި އެތެރެހަށީގައި މާޔޫސްކަން ދައުރުވެ އެ މާޔޫސްކަން އޭނާގެ ހަށިގަނޑުގެ ހުރިހާ ސެލްއަކަށްވެސް އަސަރުކުރުވަން ފެށިއެވެ. ކޮޅަށް ހުންނަން ދަތިވިއެވެ. މޭޒުގައި އަތް ޖައްސައިލަމުން މޭޒުގެ އެހީ ހޯދައިލި ނާޒިލް ފުންނޭވާއެއް ދޫކޮށްލިއެވެ.

"އައި އެމް ސޮރީ.." ނާޒިލް މާފަށް އެދުނެވެ.

"އަހަރެންވެސް މިހުރިހާކަމަކާ ވިސްނައިލަން ވަގުތުކޮޅެއް ބޭނުން." މާކިން ބުނެލިއެވެ. އޭނާ ފަސް އެނބުރިފައި ގޮސް ދޮރުގެ ތަޅުގައި ހިފައިލުމާއެކު، ނާޒިލް ވާހަކަ ދެއްކިއެވެ. މާކިން ފަސް އެނބުރިލިއެވެ.

"ޓޭކް ކެއަރ އޮފް ހާރ އިނގޭ... ޝީ ނީޑްސް ޔޫ... " ނާޒިލްގެ އަޑުގައި ހުރި ވޭނީ އަސަރުތައް މާކިންއަށް ފަހުމްވުމާއެކު، އޭނާއަށް ނޭނގޭ އުނދަގުލެއް ވިއެވެ. ނާޒިލްގެ ދެލޮލުން އޭނާއަށް ފެންނަނީ މިޝްޔާއަށްޓަކައި އެ ހިތުގައި ވާ ލޯތްބެވެ. މިޝްުޔާއަށްޓަކައި ބިރުގަތްފައިވާ މިންވަރެވެ. އެހެންނަމަވެސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ އެއްފަރާތުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަނެއް ފަރާތުގައި ހުރީ ފުރާނައަށްވުރެ ލޯބިވާ ކޮއްކޮއެވެ. ދެމީހުން ވެސް އެކަކު އަނެކަކު ދެކެ އިންތިހާ ލޯބިވީނަމަވެސް، އެ ގުޅުމަށް ހުރަސް އެޅީ ތަޤުދީރެވެ. ނާޒިލްގެ ވާހަކަތައް އަޑު އެހުމަށްފަހު، ނާޒިލްއާ މެދު އެއްވެސް ހިތްބުރަކަމެއް މާކިންގެ ނެތެވެ. އެހެންނަމަވެސް އެއީ ހާޝިމްގެ ދަރިއެއްކަން އޭނާ ހަނދާން ނައްތައިލާނީ ކިހިނެއްހެއްޔެވެ؟ ނާޒިލްއާ މިޝްޔާއާ ގުޅޭނީ ކިހިނަކުންހެއްޔެވެ؟ އެއީ ނާދިރުކަމެކެވެ.

ނާޒިލްއަށް ބަލައިލުމަށްފަހު، ބޯ ޖަހައިލި މާކިން ވާހަކަ ދެއްކިއެވެ.

"ޔޫ ޓޫ..." އެހެން ބުނެލާފައި މާކިން ނުކުމެގެން ދިޔުމާއެކު، ނާޒިލްއަށް ނިތުގައި އަތް ޖައްސައިލެވުނެވެ. ވިސްނަމުން ދިޔަ ވަރަކަށް އޭނާގެ ބޮލަށް މަޑުމަޑު ރިހުމެއް އަރަމުންދިޔައެވެ. ޑިއުޓީ ނިންމިގޮތަށް އޭނާ އަދިވެސް ހުރީ، ގެއަށް ދާނެހާ ހިތްވަރުވެސް ނެތުމުންނެވެ.

ފޯނުން ގަޑި ބަލައިލުމަށްފަހު، އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ގެއަށް ދާން އަވަސްވެގަތީ އަބަދު އެތަނުގައި ނުހުރެވޭނެކަން އެނގޭތީއާވެސް އެކުގައެވެ. ހޮސްޕިޓަލުން ނުކުމެގެން ޕާކިން އޭރިޔާއަށް ގޮސް ޕާކުކޮށްފައިވާ ކާރަށް އަރައިގެން ދުއްވައިލިއިރުވެސް، އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. އެހެން އިންއިރު ވެރިވާ ހަނދާނެއްގެ ސަަބަބުން އިރުއިރުކޮޅަކާ ފުންނޭވާއެއް ލާފާނެއެވެ. ގޮށްމުށުން ހުންގާނުގައި ޖަހައިފާނެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލަފާނެއެވެ.

ގެއަށް ދެވުމުން އޭނާ ކާރު ޕާކަށްޖަހާލާފައި ގޮސް ގޭތެރެއަށް ވަތްއިރު، ހާފިޒު ސިޓިން ރޫމުގައި އިންކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ފުން ވިސްނުމަކަށް ގެއްލިފައި ހުރެ ނާޒިލް ސިޑިއާ ދިމާލަށް ދާން ފެށުމުން ހާފިޒު ނާޒިލްއަށް ބަލަހައްޓައިގެން އިރުކޮޅަކު މަޑުކޮށްލިއެވެ. ނާޒިލް ހުރި ގޮތުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަމުގައި އޭނާއަށް ޔަޤީން ކުރެވުނު ނަމަވެސް، އެވަގުތު ނާޒިލް މަޑުކުރުވާ އެ ވާހަކަ އެހުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

އޭނާ އަތުގައި އޮތް ފައިލަށް ބަލައިލުމަށްފަހު، މަސައްކަތަށް ސަމާލުކަން ދޭން މަސައްކަތް ކުރިނަމަވެސް، ނާޒިލް ހުރި ގޮތް ސިފަވާން ފެށުމާއެކު ފައިލް ލައްޕައިލިއެވެ. އަނެއްކާ ނާޒިލްގެ އެ މާޔޫސްކަން ގުޅިފައިވަނީ ހާޝިމްއާ ބާއޭ އޭނާގެ ހިތަށް އެރިއެވެ.

ކޮޓަރިއަށް ވަނުމަށްފަހު، އެހުރިގޮތަށް ހުރެ އެނދުމައްޗަށް ވެއްޓިގަތް ނާޒިލް ސީލިންގަށް ނަޒަރު ހުއްޓައިލިއެވެ. ދެލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ތިރިއަށް ރޮނގުދެމިގެން ގޮސް ބާލީހުގެ ތެރެއަށް އޮބިގެން ދިޔައެވެ. ދެލޯ މަރައިލީ އެކަރުނަތަކަށް ފުރުސަތު ނުދޭން ވެގެންނެވެ. އެހެންނަމަވެސް، އެކަމުން ވެސް އޭނާއަށް ކާމިޔާބެއް ނުލިބުނެވެ. އެހެން އެތައް އިރަކު ނާޒިލް އޮތެވެ. ވިސްނެނީ މިޝްޔާއާ މެދުގައެވެ. މިޝްޔާއާ ވަކިވާން ކެތްވާނީ ކިހިނެއްހެއްޔެވެ؟ އެ ލޯބި ކަފުންކޮށް ވަޅުލާނީ ކިހިނަކުންހެއްޔެވެ؟

*****

ގެއަށް ދިޔުމަށްފަހު، މާކިން ގޮސް މިޝްޔާގެ ކޮޓަރިއަށް ބޯ ދިއްކޮށްލިއިރު، މިޝްޔާ އޮތީ ނިދާފައެވެ. ހަމަޖެހުމުގެ ނޭވާއަކާއެކު އޭނާ ގޮސް ކޮޓަރިއަށް ވަތްއިރު ނައިރާ ސޯފާގައި ނިދިޖެހިފައި އިނެވެ. އޭނާ ގޮސް ނައިރާގެ ގާތަށް ހުއްޓުމަށްފަހު، ގުދުވެލީ ނައިރާ ގެންގޮސް އެނދުގައި ބޭއްވުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް، ނައިރާ ގައިގައި ހަމަ އަތް ޖައްސައިލުމާއެކު، ނައިރާ ހޭލައިފިއެވެ.

"ކީއްވެ މިތާ ނިދީ؟" މާކިން ސުވާލުކޮށްލިއެވެ.

"ނިދީއެއް ނޫން. ނިދުނީ؟ ނާޒިކް ކީކޭތަ ބުނީ؟ ކިހިނެއްތަވީ؟" ނައިރާ ސުވާލުކޮށްލިއެވެ. މާކިން ސޯފާގައި ނައިރާގެ އެއްފަރާތުގައި އިށީނދެލުމާއެކު، ނައިރާ މާކިންގެ އަތުގައި ހިފައްޓައިލިއެވެ.

"އާރ ޔޫ އޯކޭ؟" މާކިން އެއްޗެއް ނުބުނުމުން ނައިރާ ސުވާލުކޮށްލިއެވެ.

"އެ ދެމީހުން ވެސް އެކަކު އަނެކަކު ދެކެ ލޯބިވޭ..." މާކިން ބުނެލިއެވެ.

"ނާޒިލްއާ މިޝޫއާ؟" ނައިރާ ޔަޤީންކޮށްލުމުގެ ގޮތުން ސުވާލުކޮށްލިއެވެ.

"އާނ... އެކަމަކު..." މާކިން ފަސްޖެހުނެވެ.

"އެކަމަކު..." ނައިރާ އިންތިޒާރުކުރަމުން ދިޔައީ މާކިންގެ ޖަވާބަކަށެވެ.

"ނާޒިލްއަކީ ބޮޑުބޭބެގެ ދަރިއެއް... ހާޝިމް... ހާޝިމްގެ" މާކިން އެހެން ބުނެލުމުން ނައިރާއަށް ޝޮކެއް ލިބިގެން ދިޔައެވެ. އޭނާ މާކިންގެ އަތަށް ބާރުކޮށްލަމުން ހުރިހާ ވާހަކައެއް އޭނާއަށް ކިޔައިދިނުމަށް އެދުނެވެ. މާކިން އެ ވާހަކަތައް ނައިރާއަށް ކިޔައިދިނުމުން ނައިރާ ހިމޭންކަމުގައި ހިނދުކޮޅެއް އިނުމަށްފަހު، މާކިންއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ.

"ނާޒިލްގެ ކުށަކީ ކޮބާ؟"

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު