އައްޑޫ ފުލުހުންގެ މަރުކަޒުގެ ސަބަބުން ސިޔާދަތު ކަށަވަރުވެގެންދޭ: އިމްރާން

އައްޑޫ ސިޓީގައި ޤާއިމްކުރި ނޭޝެނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ބޭއްވި 34 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދާހިލީ ވަޒީރު އިމްރާން ވާހަކަދައްކަވަނީ -- ފޮޓޯ/ ޕޮލިސް

ފުލުހުންނަށް ތަމްރީނު ދިނުމަށްޓަކައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއިއެކު އައްޑޫސިޓީގައި ޤާއިމްކުރި މަރުކަޒުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ އަމާންކަމާއި ދިވެހި ޤައުމުގެ ސިޔާދަތު އިތުރަށް ކަށަވަރު ވެގެންދާނޭކަމަށް ދާޚިލީ ވަޒީރު، އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ޤާއިމްކުރި ނޭޝެނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ބޭއްވި 34ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތް ތައާރަފްވެ 18 އަހަރު ވެގެންދިޔައިރު، މިހާތަނަށް ކުރިމަތިވެފައިއޮތް އެންމެ ބޮޑު ދައްޗަކީ، ފުލުހުން ތަމްރީނުކުރާނޭ އަމިއްލަ މަރުކަޒެއް ނެތުން ކަމަށެވެ.

"ފުލުހުން މަދަނީ މުއައްސަސާއެއްގެ ގޮތުގައި ބަދަލުވެ، 18 އަހަރު ވެގެންދިޔައިރު، ބަދަލުވަމުންދާ ހާލަތާއި އެއްގޮތަށް ފުލުހުންގެ ޚިދުމަތް ދިނުމަށް އެކަށޭނަ ފުލުހުން ތަމްރީނުކުރާނެ އަމިއްލަ މަރުކަޒެއް ނެތުން. މިއީ ފުލުހުންގެ މުއައްސަސާއަށް މިހާތަނަށް އޮތް ވަރަށްބޮޑު ގޮންޖެހުމެއް" އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުންނާއި އަދުގެ ސަރުކާރުންވެސް ވަރަށްގިނަ މަސައްކަތްތަކެއް ކޮށްގެން މިދިޔަ އަހަރުގެ މާރިޗު މަހުގެ 27ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ކޮލެޖު އުފެދިގެން ދިޔައީ އަވައްޓެރި އިންޑިއާގެ ވަރަށް ބޮޑު ދީލަތި އެހީތެރިކަމަކާއިއެކުގައި ކަމަށެވެ.

އައްޑޫ ސިޓީގައި ޤާއިމްކުރި ނޭޝެނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ބޭއްވި 34 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ޕޮލިސް

މިއީ އަމާންކަމާއި ރައްކާތެރިކަމުގެ އިތުރުން ސަރަހައްދާއި ދުނިޔޭގެ ސުލްހަވެރިކަމަށް ދިވެހިންނާއިއެކު އިންޑިއާ ބާއްވާ ގުޅުމުގެ ރަމްޒެއްގެ އިތުރުން އެޤައުމުން ދިން ހަދިޔާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިރޭ ދަސްވެނިވާ ބެޗަކީ ވަރަށް ޝަރަފްވެރި ބެޗެއް. 21ވަނަ ޤަރުނަށް ރައްޔިތުނަށް ބޭނުންވާ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދޭނެ ފުރިހަމަ މަރުކަޒެއްގައި ތަމުރީނުވެގެން އަލަށް ނިކުންނަ ބެޗެއް" އިމްރާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ފުރިހަމަކުރެވޭނީ، ފުލުހުންނަށް ދޭ ތަމުރީނެއްގެ ފުރިހަމަކަމާއި ޤާބިލުކަމުގެ އިތުރުވެގެން ކަމަށެވެ.

އައްޑޫގައި ޤާއިމްކުރެވުނު ކޮލެޖުގެ ސަބަބުން ފުލުހުންނަށް ދެވޭ ތަމުރީނުތައް އިހުނަށްވުރެ ހަރުދަނާ ވެގެންދާއިރު، ރެކުރޫޓްކުރެވޭ އާ ފުލުހުންނަށްދެވޭ ތަމުރީނުތަކަކީ ޤައުމާއި ރައްޔިތުންނަށްޓަކައި ކޮނޑުގައި އެޅިފައިވާ އަމާނާތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަލަށް ރިކްރޫޓުވާ ފުލުހުން އެންމެ ހެޔޮގޮތުގައި ތަމްރީނު ކުރުމަށް ފުލުހުންގެ ލީޑަރުންނަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފައެވެ.

އައްޑޫ ސިޓީގައި ޤާއިމްކުރި ނޭޝެނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ބޭއްވި 34 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ޕޮލިސް

"މި ދުވަސްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ އިންސާނީ ހައްގާއި ކަރާމާތައް ރައްކާތެރިވެ އިންސާފާއި ހަމަހަމަކަމާއިއެކު އެބައިމީހުންގެ ހައްޤު އަދާކޮށްދީ ރާއްޖޭގެ އަމާންކަމާއި ސުލްހަވެރިކަން ކަށަވަރުކޮށްދިނުމަށް ތިޔަބޭފުޅުން ކުރައްވަންޖެހޭ މަސައްކަތްތަކުގެ ޒިންމާ ކިތަންމެހާވެސް ބޮޑު." އިމްރާނު ވިދާޅުވިއެވެ.

ފުލުހުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ވަކިފަރާތަކަށް ޖެހުމެއްނެތި، މުޅީގައުމުގެ މަސްލަހަތު އިސްކޮށް، ފުލުހުންގެ ވިސްނުމާއި ފިކުރު އިސްކޮށް ހެޔޮގޮތުގައި ސާބިތުވެތިބެ އޯގާވެރިކަމާއި ކުލުނާއިއެކު ޤާނޫނުގެ ކުރިމަތީ އެންމެން ހަމަހަމަކޮށް ޤާނޫނު ތަންފީޒްކުރަމުން ދިއުމަށް އިމްރާނު ވަނީ ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.

ދަސްވެނިވުނު ފުލުހުންގެ އަސާސީ ތަމްރީން ކޯހުގައި ފުލުހުންގެ ފަރާތރުން 197 ދަރިވަރަކު ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އޭޕްރިލްމަހު ފެށި ނޭޝެނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން މިހާތަނަށް 350އަށްވުރެ ގިނަ ދަރިވަރުން ތަމްރީނު ކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

comment ކޮމެންޓް