ނުރަނގަޅު ފާޑުކިޔުންތަކުގެ ސަބަބުން ސިއްހީ ހިދުމަތްތެރީން ހާސްކަމެއްގައި!

މާލޭގެ ހެންވޭރު ގެއަކުން ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ބައެއް ދުވަސް ދުވަހު ޑިއުޓީ ނިންމާފަ ގެއަށް އާދެވުމުން ހިތަށް އަރާ ދެން ނުދާނަމޭ ވެސް. އަސްލު ގިނަ މީހުންނަށް ރިއަލައިޒް ނުވޭ މީ ކިހާ ބުރަ މަސައްކަތެއް ކަމެއް. މުޅި މީހާ އެއްކޮށް ހުސްވެގެން ނޫނީ މިކަހަލަ ފީލްޑެއްގަ މަސައްކަތް ނުކުރެވޭނެ ކަމެއް."

މިއީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ އަންހެނެއްގެ ނުތަނަވަސްކަމެވެ. އެންމެ ކުޑައިރުއްސުރެން ފެށިގެން އޭނާ އަދާ ކުރަން ބޭނުންވި ވަޒީފާއަކީ މިއީއެވެ. ނަމަވެސް ވަޒީފާގެ މަސްއޫލިއްޔަތުގެ ބުރަކަން އިހުސާސް ކުރެވުނީ ވަޒީފާގެ މައިދާނަށް ނުކުތުމުންނެވެ.

މުޅި ދުވަހު މަސައްކަތުގެ މާހައުލުގައި އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. ތަފާތު މިޒާޖުގެ މީހުންނާ ބައްދަލުވެއެވެ. ދުވާލެއްގެ ޑިއުޓީ ނިމިގެންދާއިރު ވަރުބަލި ކަމުގެ އިތުރުން ނަފްސާނީ ގޮތުން ކުރިމަތިވާ އުނދަގުލުގެ ވާހަކަ އޭނާ ކިޔައިދިނީ ފުން ހިތާމައާއެކުއެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާއިރު، މި މުޖުތަމައުގައި ނަފްސާނީ ބަލިތަކަކީ ސިއްހީ މައްސަލަތަކެއްކަން ގަބޫލު ނުކުރާ މީހުން ގިނަކަން ފާހަގަ ކުރެވެއެވެ. ޒަމާނާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާ އެކު ނަފްސާނީ ބަލިތައް އާންމުވެ، އެފަދަ މައްސަލަތައް ތަހައްމަލް ކުރާ މީހުންގެ އަދަދު ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.

އޭއެމްޑީސީން މީހަކު ފަރުވާ ހޯދަނީ --- ފޮޓޯ/ އޭއެމްޑީސީ

ނަފްސާނީ ބަލިތަކާއި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމާ މެދު ކުރިއަށް ވުރެ މީހުން ހޭލުންތެރިވަމުން އަންނައިރު، އަހަރެމެންނަށް ފަރުވާ ފޯރުކޮށްދޭ މީހުންގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ވާހަކަ ދެއްކުން މުހިންމު ކަމުގައި ދެކެމެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އާބާދީގެ ނިސްބަތުން ކޮންމެ ހަތް މީހަކުން އެކަކީ ނަފްސާނީ މައްސަލަތައް ތަހައްމަލު ކުރާ މީހެކެވެ. އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ) ގެ ދިރާސާތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ އާބާދީން ކޮންމެ ހަތަރު މީހަކުން އެކަކީ ނަފްސާނީ ބަލިމަޑުކަން ތަހައްމަލް ކުރާ މީހެކެވެ.

އާސަންދައިން އާންމުކޮށްފައިވާ ނިމިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2018 އަހަރުން ފެށިގެން ކޮންމެ އަހަރަކު 35،000 އަށް ވުރެ ގިނަ މީހުން އަންނަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންނެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ހިމެނެއެވެ.

ވަޒީފާގެ މާހައުލުން ނަފްސާނީ މައްސަލަތައް ދިމާވޭ

އެމެރިކާގެ ނިއުރޯޑައިވާސިޓީއިން ސްޕެޝަލިސްޓުން 2021 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ 'ރިސްކް ފެކްޓާޒެ'ގެ ތެރޭގައި އެހެން މީހެއް ނުވަތަ ބައެއްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގިނަ ވަގުތު ހޭދަ ކުރުން ހިމެނެއެވެ.

ނަރުހުންނާއި ޑޮކްޓަރުންނަކީ ބަލި މީހުންނާ އެންމެ ގާތުން މަސައްކަތްކުރާ މީހުންނެވެ. ވަޒީފާގެ މާހައުލުގައި ކޮންމެ ދުވަހަކު އެތައް ބަޔަކަށް ފަރުވާ ދޭއިރު، ތަފާތު މީހުންނާ ކުރިމަތިލާން ޖެހެއެވެ.

"ސަން" އާ ވާހަކަދެއްކި ނަރުހަކު ބުނީ ދުވާލެއްގެ މައްޗަށް 15 އަށް ވުރެ ގިނަ ޕޭޝެންޓުންގެ ހާލަތު ކައިރިން ބަލާ ކަމަށާއި، އޭގެ ތެރޭގައި ގަޑިން ގަޑިއަށް ބޭސް ދިނުމާއި، އިންޖެކްޝަން ދިނުމާއި، ވައިޓަލްސް ޗެކު ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

އޭނާ ބުނީ ގިނަ ދުވަސް ދުވަހު، ބަލި މީހުން ނުވަތަ ބަލި މީހުންގެ އާއިލާ މީހުންގެ ފަރާތުން ހިތްހަމަ ނުޖެހުން ފާޅުކުރުމާއި އިހާނެތި ކޮށް މުއާމަލާތް ކުރުމަކީ އާންމު ކަމެއް ކަމަށެވެ.

އެންމެ ޕޭޝަންޓެއް ނޫން ބަލަނީ. ބައިވަރު ޕޭޝަންޓުން ތިބޭ. ޑިއުޓީ ގަޑީގަ ބައެއް ދުވަސް ދުވަހު ކާއެއްޗެއް ކާން ބައިގަޑިއިރު ވަރު ވެސް ލިބޭ. އެކަމު ހިތްހަމަ ނުޖެހޭ ކަމެއް ދިމާވާއިރަށް އެއްޗެހި ކިޔާ މީހުން ވަރަށް ގިނަ. ހާއްސަކޮށް ޕޭޝަންޓުންގެ އާއިލާ މީހުން. ވަރަށް ގިނައިން ބުނާނެ ތިމީހުންނަކަށް ނޭނގޭނެއޭ. ތިމީހުން ފަރުވާ ކުޑަ ކުރަނީ އޭ. އެކަމަކު ވީ ޓްރައި އަވަ ބެސްޓް ހަމަ. އެކަހަލަ އެއްޗިހި ބުނީމަ ވަރަށް ދެރަވޭ. ނަރުހެއް

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ސޯޝަލް ސެންޓަރުގައި ފެށުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެފަދަ ބަސްތަކުގެ ސަބަބުން މި ހިދުމަތްތެރީންގެ ހިތްމަރުވާ ފަހަރު އާދެއެވެ. އިންތިހާއަށް ހިތްދަތިވެއެވެ. އޭގެ އިތުރުން ވެސް އިންތިހާއަށް ބުރަވުމާއި މަސައްކަތު މާހައުލުގައި ހުންނަ ދަތިތަކުގެ ސަބަބުން ވެސް މީހާއަށް ގިނަ އަސަރުތަކެއް ކުރުވައެވެ. އެންމެ ފަހުން ނަފްސާނީ ބައްޔަކާ ހަމައަށް ދަނީއެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭގޮތުން އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ވިދާޅުވީ، އެމީހުންނަކީ އެހެން މީހުންނަށް ފަރުވާ ދޭން ތިބޭ ބަޔަކަށް ވީތީ އާންމުންގެ ވަރަށް ބޮޑު އުއްމީދެއް އެމީހުންނާ ގުޅިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ސިއްހީ ދާއިރާގައި އޮންނަ މެންޓަލް ހެލްތު ސްޓިގްމާ ނައްތާލައި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށް، އެކަންތައްތަކާ ކުރިމަތިލެވޭނެ އެކި ގޮތްގޮތާ ބެހޭގޮތުން މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމުގައި އާންމުންގެ ހޭލުންތެރިކުރުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ފާއިތުވި ތިން އަހަރު ކުރިމަތިވި ކޮވިޑްގެ ބަލިމަޑު ކަމާއެކު ސިއްހީ ދާއިރާގެ މަސައްކަތްތެރީންނަށް ނަފްސާނީ ގޮތުން ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، އާންމު ދިރިއުޅުމުގެ ހިތްހަމަ ޖެހުމާ ދުރަށްގޮސް، ހާސްކަމާއި ނުތަނަވަސްކަމުގެ ތެރޭގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހުމުގެ ސަބަބުން ވަރަށް ގިނަ ސިއްހީ ޚިދުމަތްތެރިން ތިބީ ނަފްސާނީ ގޮތުން ވަރުބަލި ވެފައި ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ޖެނުއަރީ 25، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ބޭތިއްބުމަށް ޓަކައި ހޮސްޕިޓަލްތަކުގައި އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. އެއީ ރަނގަޅު ބަދަލެކެވެ. ހަމައެއާއެކު އެ ހިދުމަތްތެރީންނަށް އާއިލާއާއެކު އުޅެން އެކަށީގެންވާ ވަގުތު ލިބޭނެ ގޮތަށާއި ހާސްކަމާ ދުރުގައި މަސައްކަތް ކުރެވޭނެ މަގުތަކެއް ފަހިކޮށްދޭން ޖެހެއެވެ.

ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެއް

ނަފްސާނީ ބަލިމަޑު ކަމަށް މީހާ ހުށަހެޅޭ ބައިވަރު ސަބަބުތައް ހުރެއެވެ. އޭގެތެރޭގައި ކުޑައިރު ތަހައްމަލް ކޮށްފައިވާ އަނިޔާއާއި އިހުމާލާއި، ޖިސްމާނީ ބަލިމަޑުކަން އަދި ދިރިއުޅުމުގެ ޒާތީ ކަންތައްތައް ހިމެނެއެވެ. މަސައްކަތް ކުރަން ޖެހޭ ގޮތާއި މަސައްކަތުގެ މާހައުލު ހުންނަ ގޮތުގެ ސަބަބުން ވެސް އެފަދަ މައްސަލައެއް ކުރިމަތި ވެދާނެއެވެ.

ނަފްސާނީ ދުޅަހެޔޮކަން ގުޅިފައިވަނީ އަހަރެމެން ކަންކަމާ މެދު ވިސްނާ ގޮތާއި އަހަރެމެންގެ އިހުސާސްތަކާއެވެ. އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ނަފްސާނީ ދުޅަހެޔޮކަން މުހިންމެވެ. 'ރިސްކް ފެކްޓާޒް' އަށް އަހުލުވެރިވެ، ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަން ދުރާލާ ދެނެގަތުމަކީ ނަފްސާނީ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެޅޭ ފުރަތަމަ ފިޔަވަޅެވެ.

ސިއްހީ ދާއިރާގެ މަސައްކަތްތެރީންނަކީ އަހަރުމެންނަށް ފަރުވާ ފޯރުކޮށްދޭން ތިބޭ އެންމެ ފުރަތަމަ މީހުންނަށް ވީއިރު، އެމީހުންނާ މެދު އަހަރުމެން އަމަލުކުރާ ގޮތާ މެދުވެސް ވިސްނާލަން ޖެހެއެވެ. ނަފްސާނީ މައްސަލަތަކާ ބެހޭގޮތުން މައުލޫމާތު ހޯދައި އެކަންކަމާ މެދު ހޭލުންތެރިވެ، އަނެކާގެ އިހުސާސްތައް ދެނެގަތުމަށް މަސައްކަތް ކުރުން މުހިންމެވެ. ހަމައެކަނި އަމިއްލަ މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިސްކުރުމަކުން ނުފުދެއެވެ. އަނެކާގެ އިހުސާސްތައް ދެނެގަނެ، ތިމާއާ މެދު އެހެން މީހުންގެ އަމަލުތައް ހުންނަން އެދޭނެ ފަދައިން އެހެން މީހުންނާ މެދު އަމަލުކުރުން މުހިންމެވެ.

ބަލި މީހުންނާއި އެ މީހުންގެ އެހީތެރިން ބުނެލާ ބަސްތަކުގެ ސަބަބުން ހިތްމަރުވާ ކިތަންމެ ހިދުމަތްތެރީންނެއް ސިއްހީ ދާއިރާގައި އެބަތިއްބެވެ. އެމީހުން ހިދުމަތުން ދުރަށް ގޮސްފިނަމަ އެއީ ލިބޭނެ ބޮޑު ގެއްލުމެކެވެ. އެހެންކަމުން ސިއްހީ ހިދުމަތްތެރީންގެ ނަފްސާނީ ދުޅަހެޔޮކަމާމެދު މިވަނީ ވަރަށް ބޮޑަށް ވިސްނަން ވެފައެވެ.

comment ކޮމެންޓް