އައްބާސް އާދިލް ރިޒާ ބަންދުން ދޫކޮށްލައިފި

އައްބާސް އާދިލް ރިޒާ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލީ ޝަރުތުތަކަކަށް ފަހު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އައްބާސް އާދިލް ރިޒާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް އިތުރު ދިނީ ފަސް ދުވަހެވެ. އަދި ދެވަނަ ފަހަރަށް ހަތް ދުވަސް އިތުރުކުރި އިރު، މި މަހުގެ އަށްވަނަ ދުވަހު އަނެއްކާ ވެސް ހަތް ދުވަސް އޭނާގެ ބަންދަށް ވަނީ އިތުރުކޮށްފައެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމަށްފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ތުހުމަތު ކުރައްވައި އައްބާސް އާދިލް ރިޒާގެ ނަމުގައި ހިންގާ ޓުވީޓާ އެކައުންޓަކުން ވަނީ އެކަމުގެ ބަދަލު ހިފުމަށް ގޮވައިލައި ޓްވީޓެއް ކުރައްވާފައެވެ.

އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި، ރާއްޖޭގައި ހުންނަ އިންޑިއަން އެންބަސީގެ ކިބައިން އެކަމުގެ ބަދަލު ހިފަން ފަށަން ޖެހޭ ކަމަށް އެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން އިންޑިއާ އެމްބަސީގެ ސެކިއުރިޓީ ވެސް މިހާރު ވަނީ ވަރުގަދަކޮށްފައެވެ.

އައްބާސް އަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުގެ ކަމުގެ މަގާމާއި ޕީޕީއެމްގެ ސަރުކާރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އައްބާސްގެ ގޮވާލުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއަކުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވެފައިވަނީ ޓެރެރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ގޮވައިލާ އެފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތެކެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ.

comment ކޮމެންޓް