މަތީ ސާނަވީ އިމްތިހާންތަކުގެ ނަތީޖާ ދޫކުރަން ފަށައިފި

އޭލެވަލް ކިޔަވާ ދަރިވަރުންތަކެއް-- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި އެޑެކްސެލް އޭލެވެލްއާއި އައިއޭއެލްގެ އިތުރުން އެޗްއެސްސީ އިމްތިހާނުގެ ޕްރޮވިޝަނަލް ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނީ މަތީ ސާނަވީގެ އެކި އިމްތިހާންތަކުގެ ނަތީޖާތައް މިއަދުން ފެށިގެން އެދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ދޫކުރަމުން ދާނެ ކަމަށެވެ.

އެގޮތުން، މިއަދު މެންދުރު 12:00 އިން ފެށިގެން ނަތީޖާ ދޫކުރަން ފަށާފައިވާއިރު، އިމްތިހާނު ކަރުދާސްތައް އަލުން ބެލުމަށް ރީޗެކް އަށް ފޮނުވުމުގެ ފުރުސަތު މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށްވެސް އެޑިއެކޭޝަނުން ބުނެއެވެ.

އިމްތިހާނު ކަރުދާސް ރީޗެކް ކުރަން ބޭނުންވާ ދަރިވަރުން އެދަރިވަރެއްގެ އިމްތިހާން ސެންޓަރަށް އެކަމަށް އެދި ފޮނުވޭނެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖުމްލަ 40 ސެންޓަރެއްގައި މަތީ ސާނަވީ އިމްތިހާނު ކުރިއަށް ގެންގޮސްފައިވެއެވެ.

މި އިމްތިހާނުގައި ޖުމްލަ 2،849 ދަރިވަރުން ބައިވެރިވެފައިވާއިރު، މީގެތެރެއިން 2،785 ދަރިވަރުންނަކީ އެޑެކްސެލް އޭލެވެލްގެ މާއްދާތަކުން އިމްތިހާނު ހެދި ދަރިވަރުންނެވެ. އަދި، 1،299 ދަރިވަރުންނަކީ އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނެވެ.

comment ކޮމެންޓް