ހަނިމާދޫ އެއާޕޯޓު މަސައްކަތް ފަށަން ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ

ފެބްރުއަރީ 21، 2021: ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ޓަކައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖީއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 136.6 މިލިއަން އެމެރިކާ ޑޮލަރަށެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "ސަން"އަށް ވަނީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާނެކަން ޔަގީންކޮށްދެއްވާފައެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެހެން ނަމަވެސް އަދި މި ރަސްމިއްޔާތު އޮންނާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރެވޭނެއެވެ.

ހަމައެއާއެކު ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެއެވެ.

އެ މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދޭނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބޭނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ މުހިއްމު މަޝްރޫއުގެ ތެރެއިން އެއް މަޝްރޫޢެވެ.

އެ މަޝްރޫޢަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކޮށް، އެ ސަރަޙައްދުގައި ވިޔަފާރިއާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށޭނެކަމަށާއި 2024 ގައި މަޝްރޫޢު ނިމި އެއާޕޯޓްގެ ޚިދުމަތް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް