ތަރުހީބު ނުލިބުމުން އަނެއްކާވެސް ޓީބިލްސް ވިއްކުމަށް ހުޅުވާލައިފި

ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ހަފުތާގައި ޓީބިލްސް ވިއްކުމަށް ހުޅުވާލި ފުރުސަތުގައި، އިންވެސްޓަރުންގެ މާބޮޑު ޝައުގުވެރިކަމެއް ނެތިގެން، އަނެއްކާވެސް ޓީބިލްސް ވިއްކުމަށް ސަރުކާރުން ހުޅުވާލާފިއެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައިވާގޮތުން މިފަހަރު ވިއްކުމަށް ހުޅުވާލުމަށް ނިންމާފައިވަނީ، 2.2 ބިލިއަން ރުފިޔާގެ ޓީބިލްސް އެވެ.

މިފަހަރު ވިއްކުމަށް ނިންމާފައިވަނީ، މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް 453 މިލިއަން ރުފިޔާގެ ޓީބިލާއި، ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް 333.7 މިލިއަން ރުފިޔާގެ ޓީބިލާއި، ހަ މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް 999.8 މިލިއަން ރުފިޔާގެ ޓީބިލުގެ އިތުރަށް އެއް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް 1.7 ބިލިއަން ރުފިޔާގެ ޓީބިލެވެ.

މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 453 މިލިއަން ރުފިޔާގެ ޓީބިލްގެ އިންޓަރެސްޓް ރޭޓަކީ 3.50 އިންސައްތައެވެ. ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 333.7 މިލިއަން ރުފިޔާގެ ޓީބިލުގެ އިންޓަރެސްޓް ރޭޓަކީ، 3.87 އިންސައްތައެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 999.8 މިލިއަން ރުފިޔާގެ ޓީބިލުގެ އިންޓަރެސްޓް ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 4.23 އިންސައްތައެވެ. މީގެ އިތުރުން އެއް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 1.7 ބިލިއަން ރުފިޔާގެ ޓީބިލްގެ އިންޓަރެސްޓް ރޭޓަކީ 4.6 އިންސައްތައެވެ.

މިއީ ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ޓީބިލްސް ގައި އިންވެސްޓްކުރުމަށް މި އަހަރު ހުޅުވާލި ދެވަނަ ފަހަރެވެ. މީގެ ކުރިން ފިނޭންސުން ވަނީ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައިވެސް ޓީބިލްސް ވިއްކުމަށް ހުޅުވާލާފައެވެ. އެފަހަރު ހުޅުވާލި ޖުމްލަ އަދަދަކީ 3.4 ބިލިއަން ރުފިޔާއެވެ. މިފަހަރު ހުޅުވާލި 2.2 ބިލިއަން ރުފިޔާގެ ޓީބިލްސް ވިއްކުމަށް ނިންމާފައިވަނީ ޖެނުއަރީމަހުގެ 15 ވާ އާދިއްތަ ދުވަހެވެ. ސެޓްލްމަންޓް ޑޭޓަކަށް ކަނޑައަޅާފައިވަނީ ޖެހިގެން އަންނަ ހޯމަ ދުވަހެވެ.

ސަރުކާރުން ވިއްކާ ޓީބިލްސް އާއްމުގޮތެއްގައި ގަންނަނީ، ނުވަތަ އިންވެސްޓްކުރަނީ، ރާއްޖޭގެ ބައެއް ބޭންކްތަކުންނާއި، ޕެންޝަން އޮފީހުންނާއި، ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކެވެ. މީގެއިތުރުން ބައެއް އަމިއްލަ ކުންފުނިތަކުންވެސް ސަރުކާރުގެ ޓީބިލްސްގައި އިންވެސްޓްކުރެއެވެ.

ސަރުކާރުން ޓީބިލްސް ވިއްކުމަށް ހުޅުވާލާފައިވާއިރު މިހާރުވެސް ޓީބިލު ވިއްކުމަށްފަހު ނުދައްކާ 66.9 ބިލިއަން ރުފިޔާ އެބައޮތެވެ. ރާއްޖޭގެ ދަރަނި އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ބޭރުގެ ދަރަނި ނަގާފައި އެތެރޭގެ ދަރަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ސަރުކާރުން ވިއްކާ ޓީބިލާއި ބޮންޑެވެ.

comment ކޮމެންޓް