މާލެއަށް "މަގު ފާރަވެރިން" ތައާރަފްކުރަނީ

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 84 ވަނަ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް މަގު ފާރަވެރިން އުފައްދާ އެކަމަށް މުވައްޒަފުން ނަގަން މިއަދު ނިންމައިފިއެވެ.

މާލޭގެ މަގުތައް ބެލެހެއްޓުމަށް މަގު ފާރަވެރިން ނެގުމަށް ނިންމާފައި ވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 84ވަނަ ޖަލްސާގައެވެ.

މަގު ފާރަވެރިން މަސްއޫލިއްޔަތުގެ ތެރޭގައި މަގުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ޕާކު ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި މަގުމައްޗާއި ޕޭވްމެންޓްގައި ބަހައްޓާފައިވާ ތަކެތި ހުންނަނީ އާންމުންނަށް އުނދަގޫވާގޮތަށްތޯ ބެލުމާއި ރިޕޯޓް ކުރުން ފަދަ ކަންކަނަ ހިމެނެއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 84 ވަނަ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ސިޓީ ކައުންސިލް

އެކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ މަގު ފާރަވެރިން ތައާރަފް ކުރުމުގެ ސަބަބުން މާލޭގެ މަގުތައް ފުރިހަމަ ގޮތެއްގައި ބެލެހެއްޓުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

ހަމައެއާއެކު މަގު ފާރަވެރިން ތައާރަފު ކުރުމުން، ޕޮލިސް ކޮންސްޓަބިއުލަރީގެ މީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކުރިން މަގުމަތީގެ ކަންކަން ރަނގަޅު ކުރުމަށް ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެ އާއި ވިލިމާލެ މޮނިޓާ ކުރުމަށްޓަކައި ސިޓީ ކައުންސިލުން ވަނީ ފުލުހުންނާއި ގުޅިގެން ސްޕެޝިއަލް ކޮންސްޓެބިއުލަރީގެ ނަމުގައި މިދިޔަ އަހަރުގެ އޯގަސްޓު މަހު ޚިދުމަތެއް ފަށައިފައެވެ.

comment ކޮމެންޓް