އަލިފާން ކޮކާލެއްގެ ލޯބި 25

"ގިނަ ގިނައިން ގުރުއާން ކިޔެވުމުން ހިތް އަލިވާނެއެވެ."

***

"އަޔާ....ވަޓްސް ރޯންގް ވިތް ޔޫ؟ ދަރިފުޅަކީ ކުރިން ބައްޕައާއި ދެކޮޅަށް ދުވަހަކުވެސް އެއްޗެއް ބުނި ކުއްޖެއްނޫން...ބައްޕައަށް ގަދަރުނުކުރަން ދީނުގައި އޮވޭތަ؟" ޝުވޭކާރުގެ އަޑުގައި ހަރުކަށިކަމެއް އެކުލެވުނެވެ. އޭނަގެ އާއިލާއަށް އެސްފީނާއެއް ޖެހުނީހެއްޔެވެ؟ އެތައް އަހަރެއްވާންދެން ބިނާކުރި އުފާވެރި އާއިލާއަށް ކޮންމެވެސް މީހެއްގެ ސުންޕާކަމުގެ ހިޔަނި އެޅިއްޖެއެވެ.

"ސިމްޕަލް ކަމަކަށް އަޅުގަނޑު ރިކުއެސްޓްކުރީ. އެންމެ ކަމަކަށް...."

"ދެޓްސް ނޮޓް ޕޮސިބްލް އައްޔާޝް........." މައިމޫންގެ ބަދަލުގައި ޖަވާބުދިނީ ޝުވޭކާރުއެވެ." ސަބަބަކީ ގައުމުގެ އިސްވެރިޔާގެ ގޮތުގައި ހުރެ ބައްޕަ އަދާކުރައްވާ ވާޖިބު އެހެންމީހަކަށް އަދާނުކުރެވޭނެކަން ރައްޔިތުންވެސް ގަބޫލުކުރާތީ. ކޮރަޕްޝަނާއި ރިޝްވަތުފަދަ ކަންތައްތައް ހުއްޓުވާ އިންސާފު ގާއިމުކުރަން އެހާ މަސައްކަތްކުރޭ. ހަމަޖެހޭ އަމާން މާހައުލެއް ގާއިމުކުރުމާއި ރައްޔިތުންގެ ސަލާމަތަށްޓަކާ ކިތަން މަސައްކަތް މި ޕާޓީއިން އެކުރަނީ؟ ޑްރަގްގެ ވަބާ ވެސް ނައްތާލެވޭނެކަން ޔަގީން އަދި ގައުމު ތަރައްގީކޮށް އިގުތިސާދުކުރިއަރުވާ އެހެންގޮސް ނެތްކަމެއް އަޔާ ނިކަން ދައްކަބަލަ..."

"ނިމޭއިރު ދީނީ މިނިވަންކަންވެސް އޮންނާނެހެން ހީވޭ. ހުޅަގުގައި އޮތްގޮތަށް ހުރިހާ ވައްތަރެއްގެ ފާހިޝް އަމަލެއް އާއްމުވެ ލާދީނީ ޖީލެއް އަންނަން މަޑުމަޑުން މަގު ކޮށާލަދެވެނީ. އިސްލާމީ ޝަރީއަތެއް ނެތް ވެރިކަމެއްގައި ބައްޕަ ހުންނަވަން އަޅުގަނޑު ބޭނުމެއްނޫން. ދިސް ޝުޑް އެންޑް..ހުޅަގުގެ ޕަޕެޓެއްހެން ނޫނީ އެހެން ކާފަރުންގެ ނުފޫޒުގައި ވެރިކަން ކޮށް ދީނާއި ދުރަށް މީހުން ގެންދާތަން ފެންނަނީ...އެމެރިކާގެ ރައީސްވެސް ނިއު ވޯލްޑް އޯޑާ އޭ ބުނެފި. އެމީހުންގެ ވިސްނުން ހުރީ އެގޮތަށް. ހުރިހާ އެންމެން އަޅުވެތިކުރުމުގެ ޕްލޭން މަޑުމަޑުން ރާވަމުން އެދަނީ..........." އައްޔާޝް ވާހަކަދެއްކީ ވިސްނުންތެރިކަމާއެކުގައެވެ.

"އެއީ ކޮންސްޕިރަސީ ތިއަރީއެއް.."

"މައިންޑް ކޮންޓްރޯލް އާބާދީ ކޮންޓްރޯލްކުރުންފަދަ ހުރިހާ އެއްޗެއް އޭގެ ތެރެއަށް ފިޓްވޭ. ޚާއްސަކޮށް ބްރެއިންވޮޝްކޮށް އާ ޖީލް ދީނާއި ދުރުކުރުވުމަށް އެންމެ އިސްކަން ދޭނީ. އެހެންވެ އެންމެ ރަގަޅުވާނީ ތަންކޮޅެއް އެކަހަރި ދިމާލަކަށްގޮސް ދީނީ އިލްމު އުނގެނެން ތިބުން. އަޅުގަނޑަށް ވަރަށް ކަމުދާ ތަނެއް ފެނިއްޖެ. ޔަމަންގެ އެކަނިވެރި ވާދީއެއް. އެތަނަށް ހިޖުރަ ކުރަން ނިންމައިފިން......"

"އައްޔާޝް...ދަރިފުޅަށް ކިހިނެއްވެގެން ތިއުޅެނީ؟"މައިމޫންގެ ލޮލުންވެސް ފެނުނީ ހިތްހަމަނުޖެހުމާއި ނުރުހުން އަދި ސީރިޔަސްކަމެވެ."ތިބުނަން އުޅޭ އެއްޗެއް ރީތިކޮށް ބުނެބަލަ. ދީނީގޮތުން ހައްދުފަހަނަޅާވަރަށް ބަޔަކު ސިކުނޑި ދޮވުނީތަ؟"

"އަނެއްކާ އާރިސްގޮތަށް އަޔާވެސް ނަފްސާނީ މައްސަލައެއް ޖެހުނީކަމަށްވާނީ.."

"އަޅުގަނޑު ބޭނުމީ އިސްލާމީ ސަރުކާރެއް. ﷲގެ ޝަރީއަތް ހިންގުން..." އައްޔާޝް އޭނަގެ ބައްޕައާއި ނަޒަރު ބައްދަލުކުރިިއިރު ޖެހިލުންކުޑަކަމައި ސާބިތުކަން ފެންނާން ހުއްޓެވެ.

"އެހެންނޫންތަ ވެރިކަން މިކުރަނީ؟"

"ދުނިޔެއާއިހެދި ކާފަރުންގެ ފައިބުޑަށް ވެއްޓި މުސްލިމުންނަށް އުދަގޫކޮށް ދިރިއުޅުން ދަތިކުރާ ސަރުކާރުތައް ނޫނީ އަޅުގަނޑަކަށް ނުފެނޭ..."

މައިމޫން ރުޅި މައިތިރިކުރަން މަސައްކަތްކުރިއެވެ.

"ޔޫ އާ ރޯންގް...މި ސަރުކާރުން އަރަބި ގައުމުތަކާއި ގުޅުން ބަދަހިކޮށް ދީން ކުރިއަރުވާ ހިމާޔަތް ކުރަން މަސައްކަތްކުރޭ. އަޔާގެ ބޮލަށް ވައްދާފައިވާ ވާހަކަތަަކަކީ އަސްލެއްނެތް ފިތުނަވެރި ޚިޔާލުތަކެއް..އައްޔާޝް ތި ފިކުރު ދޫނުކޮށްފިއްޔާ ފިޔަވަޅު އަޅަން މަޖުބޫރުވާނެ އިނގޭ..."

އައްޔާޝް އިތުރު އެއްޗެކޭ ނުބުނެ ދުރަށް ބަލަންފެށިއެވެ.

***

އައްޔާޝް އޭނަގެ އާއިލާގެ ވައިބާ ގްރޫޕަށް ފޮނުވަމުން ދާ ދީނީ ވީޑިއޯތަކާއި މެސެޖްތައް އެމީހުންނަށް ރައްދުވާކަމަށް ހީކުރެވޭފަދަ ކިތަންމެ އެއްޗެއް ވިއެވެ. އަންހެނުން އައުރަ ނިވާނުކޮށް ތިބެ މަރުވުމުން ދާއިމީ ފާފައަކަށް ވާނެކަމަށް ބުނުމުން ޖުއާނާއާއި މިނަލްދެކުނީ އެކުދިންނަށް ދޫކޮށްލި ތީރެއްކަމުގައެވެ. ޝުވޭކާރަށްވެސް މެއެވެ. މިއުޒިކާއި ބެހޭގޮތުން އަންނަ ކޮންމެ ދީނީ ޕޯސްޓެއް ހުސާމްއަށް އަމާޒުވެއެވެ. ވެރިކަމާއި ނާއިންސާފުގެ ވާހަކައަކީ މައިމޫންގެ މައްސަލަތަކެވެ. ދީނީ ދަރުސްތައް ބަލާނެ ވަގުތެއް އެއާއިލާ މެމްބަރަކަށްނުވެއެވެ. އައްޔާޝްގެ ޕޯސްޓްތަކުން ބައެއްފަހަރު ކޮންމެވެސް ވަރެއްގެ އަސަރެއްކޮށް ދެތިން ނަމާދުކޮށްލެވެއެވެ.

އައްޔާޝް ދާއޫދުއާއިއެކު މިސްކިތު މަގުގައި މަޑުކޮށްލައިގެން ހުރީ ދާއޫދުގެ ދަރުހަކަށްފަހުގައެވެ. ދީނީ ދަރުހަކަށްވިޔަސް ސިޔާސަތަށް ނުރުހުން ފާޅުކޮށްފައިކަން ދީނާއި ދެކޮޅު ފިކުރެއް ގެންގުޅޭކަމަށް ބުނެ ދެއްކި އަޑުއެހި ގިނަބަޔަކު ދެނެގަތެވެ. ފާޅުކަންބޮޑު ގޮތެއްގައި ދާއޫދު ސޯޝަލްމީޑިއާގައިވެސް އޭނަގެ ޝުއޫރުތައް ފައުޅުކޮށް ފޭސްބުކް ޕޭޖެއް ހަދާފައި އޭގައިވެސް ސަރުކާރަށް ފާޑުކިޔަން ފެށިއެވެ. ގިނަ މީހުން ދަންނަ މަގުބޫލު ޑޮކްޓަރެއް އަދި ޝޭޚެއްކަމުން އެތައް ބަޔަކު އޭނައަށް ތާއީދުކޮށް ވާހަކަދެއްކިޔަސް ސަރުކާރަށް ތާއީދުކުރާމީހުން ހުތުރުބަހުން އެއްޗެކި ކިޔާ ކުރެއެވެ. މަރާލާނެކަމުގެ އިންޒާރުވެސް ދޭތެރެއަކުން ލިބެއެވެ. ނަމަވެސް ދާއޫދު ހުރީ ނުގުޑާ އަޒުމެއްގައެވެ.

"މިރޭ ސްޕީޗްއިން ވަރަށް މޯޓިވޭޓްވެއްޖެ. އިތުރަށް ލޯ ހުޅުވިއްޖެ. ޔޫ އާ ދަ ބެސްޓް މާޝާﷲ ދާއޫދު.... ދީންދެކެ ލޯބިވާ މީހުންގެ ލިސްޓްގައި ނަން އޮތުމަށްވުރެ ބޭނުން އެއްވެސް ކަމެއް މިހާރު ނެތް..............."

"އަލްހަމްދުލިﷲ..ﷲ އެކަމަށް މަގުފަހިކޮށްދެއްވާނެ އިރާދަކުރެއްވިއްޔާ.."

ދާއޫދު އޭނަގެ ބެކްޕެކް ބުރަކަށީގައި އެޅުވުމަށްފަހު އައްޔާޝްއާއިއެކު ގެއާއި ދިމާލަށް ދާން މިސްރާބުޖެހިއެވެ.

"ހާދަ ބަރު ދަބަހެކޭ.."

"ބުޚާރީ ހަދީސްފޮތްތައް. ކޮއްކޮ އަށް ސަޕްރައިޒެއްދޭންވެގެން މިއުޅެނީ..ކުރިން ހޭލާ ހުރެގެން ވާހަކަފޮތްތައް ކިޔާހެން މިހާރަކަށް އައިސް ދީނީ ފޮތްތަކާއި އިސްލާމީ ތާރީޚުވާހަކަތައް ކިޔަން ދާނިޔާ ފޯރިހުރޭ..."

"އަހަރެންވެސް ބުޚާރީ ހަދީސް ކިޔައިލަން ވަރަށް ބޭނުންވެފައި މިހިރީ.."

ކުއްލިއަކަށް ފުލުހުންގެ ޖިޕް މަޑުކޮށްލުމަށްފަހު ހަތިޔާރު އަޅައިގެން ތިބި ފުލުހުންތަކެއް ފޭބިއެވެ. ދާއޫދު ބިންމައްޗަށް ވައްޓާލައިގެން ހައްޔަރުކުރަން އުޅުމުން އައްޔާޝް އެދޭތެރެއަށް ވަދެ އެމީހުން ހުއްޓުވަންވެސް މަސައްކަތްކުރިއެވެ.ޓެރަރިޒަމްއަށް ހިތްވަރުދޭ އަމަލަކާއި ގުޅިގެން ހައްޔަރުކުރަނީކަމުގައި ބުނެ ކޯޓު އަމުރު ދެއްކުމުން އައްޔާޝް ހައިރާންވެ އަންތަރިސްވިއެވެ.

"ތިބޭފުޅުންގެ ގެވެސް ފާސްކުރަން ޖެހޭ. އަޅުގަނޑުމެނާއެކު ގެއަށް ދުރުވޭ..."

އައްޔާޝްގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނަސް ހިތްވަރުކުރިއެވެ. ކުށެއްނެތި އެގޮތަށް ހައްޔަރުކުރިޔަސް ދާއޫދު ސަލާމަތްވާނެކަމާއިމެދު އޭނަ ޝައްކެއްނުކުރެއެވެ.

މަގުމައްޗަށް ކޮންމެވެސް ވަރަކަށް މީސްތައް އެއްވެފައި އޮތީ ވާނުވާ ނޭގިގެންނެވެ.

ސިޓިންރޫމްގައި ޔާސިރުއާއި ނަބީލާ އަދި ދާނިޔާ ވާހަކަދައްކައިލަން ތިއްބާ ފުލުހުން ވަނުމުން ސިހުމެއް ލިބުނެވެ. ޝޭޚު ޔާސިރުގެއަތަށް ދިއްކޮށްލީ ކޯޓުގެ އަމުރެވެ. ބޮން ސްކޮޑާއި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަދެގަތްގޮތަށް މުޅިގެ އެފުށް މިފުށަށް ޖަހަމުން ދިޔައީ ސޯފާތަކަށް ދާންދެން ކަފާ ކުދިކުރަމުންނެވެ. ދާނިޔާ ބިރުން އެއްފަރާތުގައި ހުރީ ޝޮކެއްގައެވެ. ނަބީލާވެސް އަނގަމަތީގައި އަތްއެޅިގޮތަށް ދާނިޔާ ގަޔާއި ކައިރިކޮށްލިއެވެ. ދާއޫދު ފުލުހުންނަށް އެއްބާރުލުންދިނަސް ޔާސިރު އެމީހުންނާއި ދެކޮޅަށް ވާހަކަދެއްކިއެވެ. އެއްވެސް ހައްގަކާއި ނުލާ އަންހެނުން ތިބި ގެއަކަށް ވަދެ އަނިޔާ ކުރަނީ ކޮން ކުށެއްކޮށްގެން ހެއްޔޭ އެހިއެވެ. ކޮޓަރިން އެއްވެސް ކަހަލަ ހެއްކެއް ގަރީނާއެއް ނެތުމުން ދޫކޮށްލާނެކަމުގެ ޔަގީންކަން ދާއޫދަށް އޮތެވެ. ދާއޫދު ދަމުން މަންމަމެންނަށް ބަލައިލުމަށްފަހު ހިތްވަރުކުރަން އެދުނެވެ.

"އާނ މަންމަމެންނަށް އެނގޭ ދަރިފުޅުގެ ކުށެއްނެތްކަން. ސަލާމަތްވާނެ އިންޝާﷲ. ﷲއަށް ދުޢާކޮށް ކެތްތެރިވޭ. ﷲވޮޑިގެންވަނީ ކެތްތެރިންނާއެކުކަން އެންމެ ފަހަރަކުވެސް ހަނދާން ނައްތައިނުލާތި....."

"ދާނީ. ދޮންބެ ދާނީއަށް ދޭން ގެނައި ހަދީސްފޮތްތައް ބެކްޕެކްގައި އެކަމަކު ފުލުހުންގެ އަތުގައި މިހާރުވީ.....ވަރަށް އަވަހަށް ލިބޭނެ އިރާދަކުރެއްވިއްޔާ.."ދާއޫދު ހިނިތުންވެލިއެވެ. ދޮންބެގެ އަތުގައި ބިޑި އަޅުވައިގެން ގެންދިޔަ މަންޒަރު ދާނިޔާގެ ހިތަށް އިންތިހާއަށް އަސަރުކުރުވިއެވެ. އޭނައަށް އިހުސާސްކުރެވުނީ ފަލަސްތީނުގައި ހުރެވުނުހެންނެވެ. ޚަބަރުތަކުން ފެންނަމުން ދިޔަ މަންޒަރު އޭނަގެ ގޭތެރެއިން ފެނިދާނެ ދުވަހެއް އަތުވެދާނެކަމަށް ހިޔެއްނުކުރެއެވެ.

***

އައްޔާޝް އެނދުގައި އޮށޯވެލާފައި ޓީވީ ހުޅުވައިލިއިރު ފެނުނު ޚަބަރަކުން ލޭ ހޫނުވާގޮތްވިއެވެ. އެމްއެންޑީއެފްއާއި ގުޅިގެން ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް ހިންގާ ގޮވާ ތަކެއްޗާއެކު އައިއެސްއަށް ތާއީދުކުރާ ބަޔަކު ހައްޔަރުކުރިކަމުގެ ކުއްލި ޚަބަރެވެ. ޝޭޚެއްގެ އަތުން ގޮވާ ސާމާނު ފުރާ އަޅާފައި ހުރި ބެކްޕެކެއް ފެނުނުކަމަށާއި އޭނަވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެއީ އެ ޖަމައާތުގެ އިސްމީހެއްކަމުގައިވެސް ބުނެލިއެވެ. ހައްޔަރުކުރި އެންމެނަކީ ހަރުކަށި ފިކުރަށް ތާއިދުކޮށް ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސްއާއި ގުޅިގެން ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއް ދީ ގައުމީ ސަލާމަތަށް ނުރައްކާކޮށް އެތައް ބަޔެއްގެ ފުރާނަ ނައްތާލަން މަސައްކަތްކުރާމީހުން ކަމުގައެވެ.

"ޑޭމް. ކިހިނެއް ކެތްކުރާނީ. ބައްޕައަކީ ވެރިމީހާއަށް ވިޔަސް.........."އައްޔާޝް ވަގުތުން ޓީވީ ނިވާލަމުން ރިމޯޓް އެނދުމައްޗަށް އެއްލައިލިއެވެ. އޭނަ ބާރު ހިނގުމެއްގައިގޮސް ސިޓިން ރޫމަށް ނުކުތްއިރު މަންމައާއި ބައްޕަ އަދި ހުސާމްއާއި މާކްވެސް ސޯފާތަކުގައި ތިއްބެވެ. ޓީވީ ހުރީ ޖައްސާފައެވެ.

"އިޒް އިޓް ބިކޯޒް އޮފްމީ؟ ބައްޕަ އޯޑަރކޮށްގެން ދާއޫދު އެއްވެސް ކުށެއްނެތި ހައްޔަރުކުރީ؟" އައްޔާޝްގެ އަޑުު ތަންކޮޅެއް ބާރުވިއެވެ.

"ކާމް ޑައުން އަޔާ..." ހުސާމް ބުމަ އަރުވައިލިއެވެ." ބައްޕައަށް އެގޮތަށް އޯޑަރުކުރެވޭނެތަ؟"

"އަޔާއަށް އޭނަގެ ކުށެއްނެތްކަން އެނގެނީ ކިހިނެއްތަ؟ ކޯޓުން ކުށެއްނެތްކަން ސާބިތުވީމަ ދޫކޮށްލާނެ. އެއީ ގާނޫނުގައި އެކަން އޮންނަގޮތް. އަޔާގެ އެކުވެރިއަކަށްވިޔަސް ގާނޫނުއަރާ ހަމަކުރާނެ. އޭނަގެ ބެކްޕެކްގައި ހުރީ ބޮން ހަދާ ތަކެތި............" މައިމޫން އޮފީހުން ދުރުވިގޮތަށް އަދިވެސް ހުންނެވީ ގަމީހާއި ފަޓުލޫނުގައެވެ. އިސްތަށިގަނޑު މައްޗަށް ފުނާއަޅާފައިވާއިރު ހައިބަވަންތަކަމާއި ޝަޚުސިއްޔަތު ވަރުގަދަކަން ފެންނާން ހުއްޓެވެ. މޫނުމަތިން ސަމާސާގެ ކުލަވަރެއްނެތެވެ.

"ދާއޫދުގެ ބެކްޕެކްގައި ހުރީ ބުޚާރީ ހަދީސް..."އައްޔާޝްގެ ކޯކަށިގަނޑަށްވެސް ވާންވެލިއެވެ. މަޑުމަޑުން މުށްކެވުނު އަތް އޭނަ ޖިންސްގެ ޖީބަށް ކޮށްޕައިލިއެވެ.

"އަޔާދެކުނިންތަ؟ ސިފައިން އެބުނަނީ ޓެރަރިސްޓުންގެ ބޮޑެކޭ. ޑޮކްޓަރެއް އަދި ޝޭޚެއްގެ ލަގަބުގެ ނިވަލުގައި އެހެރީ އިންސާނުންނަށް ބޮޑުބިރެއް.....ނިރުބަވެރިއެއް. އެ ޖަމާއަތަށް ތާއީދުކުރުމަކީ ގާނޫނީ ކުށެއްކަމާއި ޖަލު ހުކުމެއް އަތުވެދާނެކަން އަޔާއަށް ހަނދާންކޮށްދެން.........."

"ތޭންކްސް ޑޭޑް. ދާއޫދު ޖަލަށް ދަންޏާ އަޅުގަނޑުވެސް އެކީ ދާނަން...ހީޒް މައި އައިޑޮލް..........."އައްޔާޝްގެ އަޑުގައިވި ސާބިތުކަމާއި ލޮލުގައި ހުރި ނުރައްކާތެރި ވިދުވަރުން ޝުވޭކާރުވެސް ކަންބޮޑުވިއެވެ. އައްޔާޝް އެކުވެރިޔާއަށްޓަކާ ތިމާގެ އިއްޒަތާއި އަބުރަށް ފަރުވާލެއްނެތި ޖަލުގެ ހަތަރުފާރު ޚިޔާރުކޮށްފާނެކަމަށް އޭނަވެސް ކުރިން ހިޔެއްނުކުރެއެވެ." މި ސަރުކާރުން އުޅެނީ ދީނަށް ފުރައްސާރަކުރާ މީހުން ހިމާޔަތްކޮށް ދީނަށް އުޅޭ މީހުންނަށް ދަތިކުރަން..."

"އަޔާ.....ރިލެކްސް...އިހަށް ދުވަހު ފެނިގެން އުޅޭ އެކުވެރިޔަކަށްޓަކާ އާއިލާއާއި ގުޅުން ކަނޑަން އަޔާ ތި ވިސްނަނީ؟" މައިމޫން ތެދުވެގެންގޮސް އައްޔާޝްގެ ކޮނޑުގައި އަތް ބޭއްވިއެވެ." މައި ސަން.......މާތްރަސްކަލާނގެ އިންސާނާއަށް ސިކުނޑި ދެއްވީ އޭގެ ބޭނުން ހެޔޮގޮތުގައި ހިފަން. ގައުމީ މަސްލަހަތަށްޓަކާ ކުރަން ޖެހޭ ކަންތައް ކުރަން ސިފައިން އެތިބީ. ބައްޕަމެންނަށް އެކަންތައްތަކުގެ ތެރެއަށް އަތް ނުބޭނޭނެ. ތިންބާރު ވަކިކޮށްފައިވާއިރު ބައްޕަމެންނަށް ކިހިނެއް އެކަހަލަ ކަންތައްތަކަށް ގޮތްކިޔޭނީ؟ ކުށްވެރިން ހައްޔަރުވެސް ކުރާނެ. އަދަބުވެސް ލިބޭނެ....................."

"ވަކިބަޔަކަށް އެކަނި އަދަބުލިބޭތަނެއް...އެކަނި ނިކަމެތިންނަށް އޮތްތަނެއް.."

"އައްޔާޝް.....ޑޯންޓް ޓެސްޓް މައި ޕޭޝަންސް..." މައިމޫންގެ މޫނުމަތި ރަތްވިއެވެ.

"އައިމް ސޮރީ ޑޭޑް. ބަޓް ޔޯ ގަވަމެންޓް އިޒް ސޯ ބްރޫޓަލް އީވިލް ޔޫޒްލެސް އެންޑް ކޮރަޕްޓެޑް......އަދި ލާދީނީ...."އައްޔާޝްގެ ހިތުގެ ޝުއޫރުތައް ބަންޑުންކޮށްލުމުން އެތަނަށް ވެރިވި ހިމޭންކަން މުގުރައިލީ މާކްގެ މަޑުމަޑު ހުނުމުންނެވެ. ހުސާމް ދަތްދޮޅީގައި އަތްވިއްދާލައިގެން ބަލަން އިނީ ބައްޕަގެ ރުޅިވެރި ޖަވާބެއް ނޫނީ ހޫނު އެތިފަހަތެއްގެ އިންތިޒާރުގައި ނޭވާ ހިފަހައްޓާލައިގެންނެވެ. އައްޔާޝް މިހާ ނުރުހުމާއި ނަފްރަތާއެކު އޭނަގެ މައިންބަފައިންނާއި ވާހަކަދެއްކި ދުވަހެއް ހަޔާތުގައި އަދި ނާދެއެވެ. އަބަދުވެސް އިހުތިރާމްއާއި ގަދަރުއެކުލެވޭގޮތަށް ވާހަކަދައްކަން އާދަވެފައި ހުއްޓަސް އައްޔާޝްއަށް ލިބިފައިވާ ހިތާމައާއި މޮޅިވެރިކަން އޭނަގެ މިޒާޖަށް ނުބައި އަސަރުތަކެއްކުރުވައިފިއެވެ.

"އައި ޑެސްޕައިސް ޔޯ ގަވަމެންޓް..އައި ކާންޓް ސްޓޭންޑް ދިސް ބްރޫޓަލް ރެޖީމް. ޖަސްޓިސްއަކީ ކޯނޗެއްކަމެއް ނޭގޭ އެހާ އަނިޔާވެރިވެ އެއްވެސް ކުށެއްނެތް އާއިލާއެއްގެ ދިރިއުޅުން ބަރުބާދުކޮށްލީމަ ބައްޕަމެންނަށް ލިބޭނެ އެއްޗެއް ނޭގޭ....އެނީވޭސް އައި ވިލް ފައިޓް ފޯ ޖަސްޓިސް..ޔޫ ނޯވަޓް....ދީނަށްވުރެ މުހިއްމު އެއްވެސް އެއްޗެއް ނެތް.....އާއިލާއާއި ހަގުރާމަކުރަން ޖެހުނަސް ހެޔޮ......."ޢައްޔާޝް ބާރުބާރަށް ނުކުމެގެން ދާންފެށުމުން މައިމޫން ބޯ ހޫރައިލިއެވެ. އޭނަގެ ދަރިފުޅު އެހެރީ ރަގަޅަށްވެސް މޮޔަވެފައެވެ.

***

އަދާރާއަށް އެ ޚަބަރުލިބުމާއެކު އަވަހަށް ދާނިޔާއާއި ބައްދަލުކުރަން އެގެއަށް ދިޔައެވެ. އޭރު ގޭގައި ތިބީ ނަބީލާއާއި ދާނިޔާއާއި ދެމައިންނެވެ. ޔާސިރު ހުރީ ވަކީލަކާއި ބައްދަލުކުރަން ގޮސްފައިކަން އެނގުނެވެ. ގޭތެރެއަށް ކުޑަވަރެއްގެ ޒަލްޒަލާއެއް އައިސްފައިވާފަދައެވެ. ފަރުނީޗަރުތައް ހަލާކުކޮށްލާފައެވެ. ކުޝަންތަކާއި ގޮދަޑިތައް ކަފާފައިވާ ސޯފާއެއްގައި ނަބީލާ އޮށޯވެލައިގެން އޮތްއިރު ރޮއިރޮއި މޫނު ދުޅަވެފައިވިއެވެ. ދާނިޔާ ތަންކޮޅެއް ހިތްވަރުގަދައެވެ. ދޮންބެގެ ކުށެއްނެތްކަން ޔަގީންވާތީއާއެކު ﷲއަށް އިތުބާރުކުރާކަން އެ އަލިގަދަ ތަރިއެއްފަދަ ރީތި ދެލޯ ބުނާފަދައެވެ. އަދާރާ ސަލާމް ގޮވާލާފައިގޮސް ދާނިޔާގެ ގައިގާ ބައްދައިލިއެވެ.

"ޢައިމް ސޯ ސޮރީ..."

"ދެރަނުވޭ އަދާ. އެނގޭތަ؟ ދޮންބެގެ ބެކްޕެކްގައި ހުރި އެއްޗެއް؟ ބުޚާރީ ހަދީސްފޮތްތައް. އެމީހުންނަށް ގޮވާތަކެތިކަމުގައި ފެނުނީ އެފޮތްތައް.އެހެންވީމަ ދެން މުޅިންވެސް ތާކުންތާކުނުޖެހޭ އިންޓެލް ރިޕޯޓަކަށް ބިނާކޮށް ދޮންބެ އެގެންދިޔައީ..."

"ޗީޒްކޭކާއި ޕިއްޒާ ހިފައިގެން މިއައީ. ހިނގާ ކޮފީހަދަން. މަންމަ ވަރަށް ރޮއިފަ އެހެރީ..............." އަދާރާ ދަބަސް އެއްފަރާތުގައި ބެހެއްޓިއެވެ.

"މަންމަ ތަންކޮޅެއް އިމޯޝަނަލްވާނެ. އެހެންނޫނަސް މަންމަގެ ކުރިމަތީގައި ޒުވާން ދަރިފުޅު ބިޑިއަޅުވައިގެން ގެންދިޔައީމަ އަސަރުވެސް ކުރާނެ...ވަރަށް އަންފެއާ....ދުޢާކުރުން ހަމަ އޮތީ. ﷲ ކާމިޔާބުދެއްވާނެ އިންޝާﷲ..ހީޒް މާސިފުލް..."

ދެކުދިން ކޮފީހެދުމަށްފަހު ނަބީލާވެސް ގެނެސް އެކީގައި ސައި ބޯންފެށިއެވެ. ނަބީލާ ތަންކޮޅެއް އަވަސްކޮށްލާފައި ސައިބޮއިގެން ނަމާދުކުރާށޭ ކިޔާފައި އެތަނުން ދިޔައެވެ.

"މަންމަގެ ކަމަކީ ނަމާދުކޮށް ދުޢާކުރުން. އޭރުން ސްޓްރެސްވެސް ފިލާނީ..."ދާނިޔާ ޗީޒްކޭކުން އެތިކޮޅެއް އަނގަޔަށް ލުމަށްފަހު ލޯ މަރައިލަމުން ކުރި ހަރަކާތުން އޭނައަށް އެވަރު އެއްޗެއްނެތްކަން ބުނިފަދައެވެ.

"ޔަޕް...އަހަރެންވެސް ޑިޕްރެޝަންވަނީ ހެއްދެވި ފަރާތާއި އޮންނަ ގުޅުން ކުޑަވީމަ. ނަމާދުކުރަން އެކަމަކު ފަރުޟަކަށްވީމަ ނޫނީ މަޖުބޫރުވީމަ އަރާހެން މުސައްލަމައްޗަށް އަރާފައި އެހެން ޚިޔާލެއްގައި ހުރެ ނަމާދުގައި ވާނުވާ ނޭގި ނިންމައިލެވެނީ. އޭރުން ކުރާނީ ކޮންފައިދާއެއް ދޯ........."އަދާރާ ކޮފީނިމިގެން ތަށި ދޮންނަން ސިންކްކައިރިއަށް ދިޔައެވެ."މީހަކު ބެލް އެބަ ޖަހާ........."

ނަބީލާ ނުކުތްތަން ފެނުމުން އަދާރާއާއި ދާނިޔާވަނީ ކޮޓަރިއަށެވެ. ބޭރުން ޒުވާން ފިރިހެނަކާއި ޔާސިރު ވާހަކަދައްކާ އަޑުއިވުމުން އައްޔާޝްކަން ޔަގީންވިއެވެ. އައްޔާޝް އެއައީ ހަމްދަރުދީ ފައުޅުކުރަންކަން ޔަގީނެވެ. އަވަށްޓެރިންނަށްވެފައި އޭނައަށް ކުށްވެރި އިހުސާސްތަކެއްކުރެވުނީއެވެ. ދެކުދިން ބުނާނެ އެއްޗެއް ނޭގިފައި ތިއްބާ ނަބީލާ ދޮރު ހުޅުވާލިއިރު ތުންފަތުގައި ފަނޑު ހިނިތުންވުމެއްގެ ކުލަވަރުވިއެވެ.

"އުފާވެރި ޚަބަރެއް ހިފައިގެން މިއައީ. މަންމަ ވަރަށް ހިތްހަމަޖެހޭ ކުއްޖެއް އައްޔާޝްއަކީ. އޭނަ ދާނިޔާއާއި ކައިވެންޏަށް އަހަން އައީ. ބައްޕަ ބުނެފި މާދަން ޖަވާބެއް ދޭނަމޭ................."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު