"މިޝް... މިޝްޔާ... ދަރިފުޅާ!" ރިފްއަތު ގޮވައިލުމާއެކު. މިޝްޔާއަށް އޭނާގެ އަތް މަޑުމަޑުން ދުރުކޮށްލާ ރިފްއަތަށް ބަލަިއލެވުނެވެ. ރިފްއަތުގެ ދުލުން ބޭރުކޮށްލި 'ދަރިފުޅު' އެ ލަފްޒަކީ އޭނާ އެ ލަފްޒެއް އަޑުއެހުމަށްޓަކައި ހާދަ ދުވަހަކު އިންތިޒާރުކޮށްގެން ހުރި ކަމެކެވެ.

ރިފްއަތުގެ އެ ލަފްޒާއެކު މިޝްޔާގެ ހިތުގައި ގަނޑުފެން އަޅައިލަދިންފަދައެވެ. ރިފްއަތުގެ މޫނުމަތިން ފެނުނު އަސަރުތައް މިޝްޔާއަށް މާނަކުރާކަށް ނޭނގުނެވެ. މިރޭ އެ މޫނުމަތީގައި ހިތްހަމަނުޖެހުމުގެ އަސަރުތަކެއް ނުވެއެވެ. އެ މޫނުމަތިން އޭނާއަށް ފެންނަނީ އޭނާއަށްޓަކައި ކަންބޮޑުވެފައިވާ ކަމުގެ އަސަރުތަކެވެ. ދެރަވެފައިހުރިކަމުގެ އަސަރުތަކެވެ. ރިފްއަތުގެ އެ ޖުމްލައާއެކު, މިޝްޔާ އިތުރަށް ޖަޒުބާތުގައި ޖެހުނެވެ. މި ހުރިހާ ދުވަހު އެކަމަކަށް އެދިއެދި ހުރި އަމަލެއް ރިފްއަތުގެ ކިބައިން ފެނުމުން ހަޤީގަތުގައި ކަންތައްކުރާނެ ގޮތެއް ވެސް އޭނާއަކަށް ނޭނގުނެވެ. ކަންފަތަށް އިވުނު އަޑު އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އެއީ ފަސް އަހަރުގެ އުންމީދެވެ. މަންމަ ނިޔާވުމަށްފަހު، އޭނާއަށް ދަރިފުޅާއޭ ކިޔާފައި ގޮވާލާނެ އިތުރު މީހަކު ނުހުރެއެވެ. އޭނާގެ ކުރިމަތީގައި ރިފްއަތު މާކިންއާ އެގޮތަށް މުޚާތަބު ކުރާ ކޮންމެ ފަހަރަކު މިޝްޔާގެ ހިތް އެތި އެތިކޮޅުތަކަށް ބުރައިގެން ދެއެވެ. އެހެންނަމަވެސް، އެ ޝަކުވާ އޭނާ ކުރާނީވެސް ވަކި ކާކާ ހެއްޔެވެ؟ ކިތަންމެ ބޭނުންވިޔަސް ޝަކުވާ ކުރާނެ އިތުރު މީހަކު ނެތެވެ.

ރިފްއަތަށް ބަލަހައްޓައިގެން މާކިންއަށް އިނދެވުނުއިރު، އޭނާއަށް ހައިރާންކަން ލިބުނު ނަމަވެސް، އެހިތުގައި އުފާވެރިކަން ދައުރުވިއެވެ. މިޝްޔާއަށް ބަލައިލިއިރު، މިޝްޔާގެ މޫނުމަތިން އޭނާއަށް ފެނުނީ އެކަމަށްޓަކައި ފެންބޮވައިގަނެފައި އިން ފަދަ އަސަރުތަކެކެވެ. ރިފްއަތަށް މާކިންއަށް ބަލައިލެވުނީ ހަދާނެ ގޮތެއް ނުވިސްނުމުންނެވެ. އެގޮތަށް ގޮވައިލިކަމުގައި ވީނަމަވެސް، އޭނާ ހުރީ ކުރިއަށް ފިޔަވަޅެއް އަޅަން ޖެހިލުންވެފައެވެ. މިޝްޔާއަކީ އޭނާގެ އަމިއްލަ ދަރިއެއްނަމަވެސް، އެ ދެމެދުގައި ވަނީ ބޯ ފާރެކެވެ. ކުއްލިއަކަށް އެ ފާރު ފުނޑުފުނޑުކޮށްލުމަކީ ފަސޭހަކަމަކަށް ވެދާނެހެއްޔެވެ؟ އެހެންނަމަވެސް، މިހާރު ރިފްއަތު ބޭނުންވަނީ މިޝްޔާއާ އޭނާއާ ދެމެދު އޮތް ގުޅުން ރަނގަޅުކުރާށެވެ. މިޝްޔާއަށް ދިމާވާ ކޮންމެ ކަމެއްގައި މިޝްޔާއާއެކު ހުންނާށެވެ. މާކިންއަށް ދިން ފަދަ ސަމާލުކަމެއް މިޝްޔާއަށް ވެސް ދިނުމަށެވެ. ހިތްވަރުގަދަކަން ދައްކަމުން ދިޔަ މޫނެއްގެ ފުރަގަހުގައި ފޮރިވިގެން ހުރީ ނާޒުކު މިޝްޔާއެކެވެ. އެކަން އޭނާއަށް ކުރިން ނޭނގުނީ ކީއްވެހެއްޔެވެ؟ މިޝްޔާގެ ހިމޭން އާދޭސްތަކުގެ އަޑު އޭނާއަށް ނީވުނީ ކީއްވެހެއްޔެވެ؟ އެ ރުއިމުގެ އަޑު އޭނާއަށް ނީވުނީ ކީއްވެހެއްޔެވެ؟ މިޝްޔާގެ އިޙްސާސްތައް ނޭނގޭ ވަރަށް އޭނާގެ ހިތް ހަރުހިލަގަނޑަކަށް ވީ ކީއްވެހެއްޔެވެ؟ ޑްރަގްގެ ވަބާގެ ތެރެއަށް މިޝްޔާ ޣަރަގުކޮށްލީ، މިޝްޔާގެ އެ އެކަނިވެރިކަންކަމުގައި އޭނާއަށް ނުވިސްނުނީ ކީއްވެހެއްޔެވެ؟ އާއެކެވެ. މިޝްޔާއަށް އެންމެ ބޭނުންވި ދުވަހު އެއްވެސް މީހެއްގެ އެހީތެރިކަމެއް މިޝްޔާއަކަށް ނުލިބުނެވެ. އެ އެކަނިވެރިކަން ފޫބެއްދުމަށްޓަކައި މިޝްޔާ އެހީތެރިކަން ހޯދީ ޑްރަގުންނެވެ. ނުބައި މަގަކުން ހިނގަން ފެށިއިރު، ނަސޭހަތްދީ އެކަމުން މިޝްޔާ ދުރުވުމަށް އެހީތެރިވެދޭނެ މީހަކުވެސް ކައިރީގައި ނެތީއެވެ. މާކިން ފުރައިގެން ދިޔުމުގެ އިތުރުން އޭނާ ވެސް އޮފީހުގައި ބިޒީވީއެވެ. ޒިޔާނާގެ ހަނދާންތަކުން ދުރުވުމަށްޓަކައި ރިފްއަތު އެގޮތަށް އަމަލުކުރިއިރު، އެ ހަނދާންތަކުން ހިތާމައިގެ ކަނޑަކަށް ޣަރަގުވަމުންދިޔަ އޭނާގެ އަންހެން ދަރިއެއް ހުރިކަން އޭނާގެ ހަނދާނުން ކައްސައިލީއެވެ. ބޭއިޚްތިޔާރުގައި ރިފްއަތުގެ، ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެ ހުރިހާ ހަނދާންތަކެއްގެ ސަބަބުން އޭނާގެ މޭގައި ރިއްސައިލިއެވެ.

މާކިން މަޑުމަޑުން ބޯ ޖަހައިލުމުން ރިފްއަތު ކުރިއަށް ފިޔަވަޅެއް އަޅައިލިއެެވެ. މާކިން ނައިރާއަށް އިޝާރާތްކޮށްފައި ތެދުވެލީ މިޝްޔާއާއި ރިފްއަތަށް އެކަނި ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައެވެ. މާކިން ރިފްއަތާ އަރާ ހަމަވުމާއެކު، ރިފްއަތު މާކިންގެ ކޮނޑުގައި އަތް ޖައްސައިލުމާއެކު، މާކިން ބޯ ޖަހައިލިއެވެ. އޭނާ ނައިރާއާއެކު ކޮޓަރިން ނުކުމެލުމަށްފަހު، ކޮޓަރީގެ ދޮރުފަތް ކުޑަކޮށް ކައިރިކޮށްލިއެވެ. ރިފްއަތު، މިޝްޔާއާ ދައްކަން ބޭނުންވާ ބައިވަރު ވާހަކަތައް ހުރިކަން، މާކިންއަށް އެނގުނެވެ. އޭނާ އެތަނުން ނުކުތީ އެމީހުން ތިބި ނަމަ، ވާހަކަ ދައްކަން ރިފްއަތަށް އުނދަގޫވެދާނެތީއެވެ.

"ބައްޕަ މިޝޫއާ ދިމާލަށް..." ނައިރާއަށް އަހައިލެވުނެވެ.

"ނޫން. އިޓްސް ގޮނަ ބީ އޯކޭ..." މާކިން ނައިރާ އޭނާގެ ގަޔާ ކައިރކޮށްލިއެވެ.

މިޝްޔާ އިސްޖަހާލައިގެން އިންއިރު ރިފްއަތު އިނީ މިޝްޔާގެ އެއްފަރާތުގައި އިށީނދެލައިގެންނެވެ.

"ދަރިފުޅާ!" ރިފްއަތު އަނެއްކާވެސް މިޝްޔާއަށް ގޮވައިލިއެވެ. މިޝްޔާ އެ އިންގޮތަށް އިންނަން ފެށުމުން އަނެއްކާވެސް ރިފްއަތު މިޝްޔާއަށް ގޮވައިލަމުން ވާހަކަ ދެއްކިއެވެ.

"ބައްޕައާ ދިމާލަށް ހަމަ ނުބަލާލާނަންތަ؟" ރިފްއަތު ސުވާލުކޮށްލުމާއެކު، މިޝްޔާއަށް އިސް އުފުލައިލަން މަޖުބޫރުވިއެވެ. މިޝްޔާގެ ދެލޮލުން ރިފްއަތަށް ފެނުނު ވޭނާއެކު، އޭނާގެ ހިތުގެ ހިނގުން ވެސް މަޑުޖެހިލިފަދައެވެ.

"ބައްޕައަށް މާފުކުރާނަންތަ؟" ރިފްއަތު މިޝްޔާގެ ގާތުން ސުވާލުކޮށްލިއެވެ. މިޝްޔާ އެއްވެސް އެއްޗެއް ނުބުނެއެެވެ. ހަޤީގަތުގައި އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ. ތުރުތުރު އަޅަމުން ދިޔަ ދެ ތުންފަތުގައި ދަތް އަޅައިލަމުން އިސްޖަހައިލި މިޝްޔާ އޭނާގެ ދެއަތް ދެއަތާ މޮޑެން ފެށިއެވެ.

"ބައްޕައަށް އެނގޭ ބައްޕައަށް މިޝޫއާ ދޭތެރޭ ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން. މަންމަ ނިޔާވުމަށްފަހު، ދަރިފުޅު އެކަނިވާނެ ވަރު ބައްޕައަށް އަންދާޒާ ކުރެވޭ މިހާރު. ޑްރަގްގެ ވަބާގެ ތެރެއަށް ދަރިފުޅު ވަންނަން މެދުވެރިވީ ވެސް އެ އެކަނިވެރިކަމުގެ ސަބަބުންކަން މިއަދު އެނގިއްޖެ. ދަރިފުޅު އެންމެ ބޭނުންވި ދުވަހު ބައްޕައަށް ދަރިފުޅަށް އެއްވެސް އެހީތެރިކަމެއް ނުދެވުނު. ބައްޕައަށް އޭރު ނުވިސްނުނީ. ހީކުރީ ދަރިފުޅު ހަމަ ގޯސްކަމުން އުޅޭ ގޮތެކޭ އެއީ. އެކަމަކު އޭގެ ފަހަތުގައި ފޮރުވިފައިވާ ހަޤީގަތް ނޭނގުނީ. ރުޅިގަދަ ޒުވާބުކުރާ މިޝްޔާ، ފަރުދާގެ ފުރަގަހުގައި ފޮރުވަމުން ދިޔައީ ކޮން ކަންތައްތަކެއް ކަމެއް ނޭނގުނު. ޒިޔާނާ... ދަރިފުޅުގެ މަންމަ ނިޔާވަމުން ކުރި އެއްވެސް ވަސިއްޔަތަކަށް ބައްޕައަށް ފުރިހަމައަށް އަމަލެއް ނުކުރެވުނު. މިއަދު އެ ހުރިހާކަމަކަށް މާފަށް މި އެދެނީ. މާކިންއާއި މިޝޫއާ ތަފާތުކުރެވުނު ވަރު މިއަދު އިޙްސާސްވެއްޖެ. ބައްޕައަށް މާފުކުރޭ ދަރިފުޅާ!" ރިފްއަތުގެ އެތަކެއް ވާހަކަތަކަކަށްފަހު ވެސް، މިޝްޔާ އެއްޗެއް ނުބުނެއެވެ. އޭނާ އިސްޖަހާލައިގެން އެ އިން ގޮތަށް އިނީއެވެ.

"އެނގޭ ތިހުރީ ބައްޕަ ދެކެ ވަރަށް ރުޅި އައިސްފަކަން ވެސް. ވާހަކަ އެއް ނުދައްކާކަންތަ ހަމަ؟" ރިފްއަތުގެ އެތަކެއް އާދޭހަކަށް ފަހުވެސް، މިޝްޔާ އެއްޗެއް ނުބުނުމުން ރިފްއަތު މާޔޫސްކަމާއެކު ތެދުވަން އުޅުނު ވަގުތު ސިހުން ލިބިގެން ދިޔައީ ކުއްލިއަކަށް މިޝްޔާ އޭނާގެ ގައިގައި އޮޅުލައިގަނެފައި ރޯން ފެށުމުންނެވެ.

"ސޮރީ ބައްޕާ... އައި އެމް ސޮރީ..." މިޝްޔާ ގިސްލަމުން ދިޔައެވެ. ރިފްއަތު މިޝްޔާގެ ބޮލުގައި ފިރުމައިލިއެވެ.

"މީގެފަހުން ބައްޕަ ހުންނާނަން ދަރިފުޅު ގާތުގައި އަބަދުވެސް. ކޮންމެ ކަމެއް ބޭނުންވިޔަސް ބައްޕަ ކައިރިއަށް އާދެވޭނެ. ދަރިފުޅު ނުޖެހޭނެ މީގެފަހުން އެކަނިވެފަ ހުންނާކަށް. އައި ވިލް ހެލްޕް ޔޫ. ތިހުރިހާކަމަކުން އަރައުގަތުމަށް ބައްޕަ ވެސް، ދޮންބެއެކޭ އެއްގޮތަށް އެހީތެރިވާނަން." ރިފްއަތު އެ ހުރިހާ ވާހަކައެއް ދެއްކި ނަމަވެސް، މިރޭ މިޝްޔާ އެވަރަށް ރުއި ސަބަބެއް، އޭނާ ނާހައެވެ. އެ ވަގުތު އެ ވާހަކަ ދެއްކުން އެހާ ރަނގަޅު ވާނެކަމަކަށް ނުފެނުމާވެސް އެކުގައެވެ.

އެތައް އިރަކު ދެމީހުން ވާހަކަ ދައްކަން ތިއްބެވެ. މި ވީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ދެމެދުގައި ވީ ދުރުކަން އެކީ ނައްތައިލަން ބޭނުންވެފައިވާ ފަދައެވެ.

މާކިންއާއި ނައިރާ އެތެރެއަށް ވަތްއިރު މިޝްޔާ ވެސް އިނީ ކުޑަކޮށް ހަމައަކަށް އެޅިފައެވެ. އެ މަންޒަރު ފެނި، މާކިންއަށް ހަމަޖެހުން ލިބުނެވެ. އެންމެ ފުރަތަމަވެސް އޭނާއަށް ޙަމްދުކުރެވުނީ ﷲގެ ހަޟްރަތަށެވެ.

ނައިރާއަށް ބަލައިލަމުން މާކިން ހިނިތުންވެލިއެވެ. ހަތަރު މީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު، ރިފްއަތު ނުކުތުމުން، މާކިން މިޝްޔާގެ ގައިގައި ބައްދައިލިއެވެ. ނައިރާއާއި މާކިންއާ ދެމީހުން އެކޮޓަރިން ނުކުތީ ބޭސް ކައިގެން މިޝްޔާއަށް ނިދުމުންނެވެ. އޭރު އެއްގަޑި ބަޔަށްވުރެވެސް ބޮޑުވެއްޖެއެވެ.

ކޮޓަރިއަށް ވަނުމަށްފަހު، މާކިން ފުންނޭވާއެއް ދޫކޮށްލިއެވެ.

"މާކް... އަސްލު މިޝޫއަށް ކިހިނެއްތަ ވީ؟" ނައިރާ ސުވާލުކޮށްލުމާއެކު، މާކިންއަށް ނާޒިލް މަތިން ހަނދާންވިއެވެ.

"ވަރަށް ދިގު ވާހަކައެއް. އަސްލު ވީ ގޮތެއް އަަހަންނަކަށް ވެސް ނޭނގޭ..." ފޯނު ނަގާ ނާޒިލްއަށް ގުޅަމުން މާކިން ބުނެލިއެވެ.

މާކިން ހަމަ ގުޅުމާއެކު، އޭރުވެސް، ހޮސްޕިޓަލުގައި އިން ނާޒިލް ފޯނު ނެގިއެވެ.

"ނާޒިލް. ކަލޭ ކޮންތާކު؟" މާކިން ސުވާލުކޮށްލިއެވެ.

"ހޮސްޕިޓަލުގައި. ކިހިނެއްވީ؟" ނާޒިލް ކުޑަކޮށް ނުތަނަވަސްވިއެވެ.

"އަހަރެން އެބަ ދަން." އެހެން ބުނެލާފައި، އިތުރު އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތު ނާޒިލްއަށް ނުދީ މާކިން ފޯނު ބޭއްވުމުން ނާޒިލް އިތުރަށް ހާސްވިއެވެ. މާކިން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައިކަން އޭނާއަށް އެނގެއެވެ. ހުރިހާކަމެއް ކިޔައިދޭން މާކިން އޭނާއަށް މަޖުބޫރުކޮށްފިނަމަ އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ އަނެއްކާ މިޝްޔާ ހާޝިމްގެ ވާހަކަ މާކިންއަށް ކިޔައިދިނީބާއެވެ. އެހުރިހާ ސުވާލުތަކަކުން އޭނާގެ ސިކުނޑި ހާސްވަމުން ދިޔައެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ޖައްސައިލުމާއެކު، އޭނާއަށް ފުންނޭވާއެއް ލެވުނެވެ.

ވިސްނުމަށް ގެއްލިފައި އިންލެއް ބޮޑުކަމުން ފަނަރަވަރަށް މިނިޓް ފާއިތުވެގެން ދިޔަކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ސިހުން ލިބުނީ އޭނާގެ ކޮޓަރީގެ ދޮރު ހުޅުވައިލި އަޑަށެވެ. އެތެރެއަށް ވަތް މާކިން ފެނުމާއެކު ނާޒިލްއަށް ފުންމައިގެން ގޮނޑިން ތެދުވެވުނެވެ.

"މާކް..."

"ވެގެން މިއުޅޭ ގޮތެއް އަހަންނަށް ކިޔައިދީފާނަންތަ؟ ބޮޑު ކަމެއް ނުވާނަމަ އޭނަ އެވަރަކަށް ނުރޯނެ ދޯ..." މާކިން ސުވާލުކޮށްލުމާއެކު، ނާޒިލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ޔަޤީންވީ މިޝްޔާ ހާޝިމްގެ ވާހަކަ ނުބުނާކަމެވެ. އެކަމަކު، ހާޝިމްގެ ވާހަކަ އެ ދުލުން ބުނާނީ ވެސް ކިހިނެއްހެއްޔެވެ؟

"މިޝޫ... އޭނަ ހާދަ ލޯބިވެޔޭ ނާޒިލް ދެކެ. ކިހިނެއްތަ ވީ؟ އޭނަ ދެކެ ލޯބިނުވިޔަސް އެހާ ވަރަށް ދެރަކުރަން ވޭތަ؟ އަހަންނަށް އެނގެޔޭ އޭނަ އެހެން މީހުންނާ ތަފާތުކަން. ނާޒިލް ފަދަ މީހަކާ އެކަށީގެން ނުވާކަންވެސް. އެކަމަކުވެސް..." މާކިން ސީދާ ނާޒިލްގެ ދެލޮލަށް ބަލަން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.

"މިޝްޔާ ބުނީ އަހަރެން ދެކެ ލޯބިވެޔޭ؟ ކޮން އިރަކު؟" ނާޒިލްއަށް ސުވާލުކޮށްލެވުނެވެ.

"ނޭނގޭކަަމަށް ތި ހަދަނީ ކީއްވެގެންތަ؟" މާކިންގެ އެ ޖަވާބާއެކު ނާޒިލްގެ ހިތުގައި ކުޑަކުޑަ އުފާވެރިކަމެއް ދުވެލި ނަމަވެސް، އެ އުފާވެރިކަން އޭނާއަށް އިޙްސާސްއެއް ނުވިއެވެ. ވިސްނުނީ އެ ދެމެދުގައިވާ ނުތަނަވަސްކަމާއި، ބޯ ފާރާ މެދުގައެވެ.

"ވީ ގޮތް ކިޔައިދީ ނާޒިލް." މާކިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"މާކް... އަހަންނަކަށް ނޭނގެ މި ވާހަކަ ކިޔައިދޭނީ ކިހިނެއްކަމެއް؟ އަހަރެންގެ އެ ހިތްވަރެއް ނެތޭ..." ނާޒިލްއަށް ބުނެވުނެވެ. އޭނާއަށް މާކިންއާ ނަޒަރު ވަކިކޮށްލެވުނެވެ.

"ކިހިނެއްވީތަ. ބުނީމައެއްނު އަހަންނަށްވެސް އެނގޭނީ... ނާޒިލް... އަހަރެން މިހުރީ ޖޯކްޖަހާ ކަހަލަ މޫޑެއްގައެއް ނޫން. ތިހެން ނާޒިލް ކަންތައް ކުރާހާ ހިނދަކު އަހަރެން ގާތަށް ރުޅި އަންނާނީ... އެނގޭނެ މިޝޫގެ ކަންތައްތައް އަހަރެން ބާލަނެ ވަރު. އޭނަ މިހާ ހިސާބަށް އައީ ނާޒިލްގެ ވެސް އެހީތެރިކަމާއެކުގައޭ. މިހިސާބަށް އައިސް އަނެއްކާ އިހު ހުރި ހިސާބަށް އޭނަ ދާތަން ބަލަން އަހަންނަކަށް ކެތެއް ނުވާނެ"

"އަހަރެން ވެސް މިޝްޔާ ދެކެ ލޯބި ނުވަނީއެއް ނޫނޭ މާކިން. އަހަންނޭ އޭނާއަށް ފުރަތަމަ ލޯބި ހުށައެޅީ. އޭނަ ދެކެ ލޯބިވާކަމުގައި ބުނީ. އެކަަމަކު އެކަމަށް ހުރަސް އެޅީ ތަޤުދީރޭ..." ނާޒިލް ބުނެލިއެވެ.

"ބުނަން ބޭނުންނާ އެއްޗެއް ސާފުކޮށް ބުނެބަލަ އެއްފަހަަރުވެސް." ނާޒިލްގެ އަޑުން މާކިންއަށް މާޔޫސްކަން ފާޅުވިއެވެ.

"މިޝްޔާ ކިހިނެއްތަ؟ އިޒް ޝީ އޯކޭ؟" ނާޒިލްގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.

"އޭނަ ނިދީމަ މިއައީ..." އެހެން ބުނެލުމަށްފަހު، މާކިން ތަކުރާރުކޮށް ވީގޮތާ ބެހޭ ގޮތުން ސުވާލުކުރަން ފެށުމުން މިއަދު ނޫނީ މާދަމާ އެ ހަޤީގަތްވެސް މާކިންއަށް އެނގޭނެކަމަށް ނިންމާ ނާޒިލް ހާޝިމްގެ ވާހަކަ މާކިންއާ ހިއްސާކުރަން ނިންމިއެވެ. އެހިތުގެ ތެޅުން އިންތިހާ ބާރުވަމުން ދިޔައީ އެ ހަޤީގަތް އެނގުމަށްފަހު، މާކިން އަމަލުކުރާނެ ގޮތެއް ނޭނގޭތީއެވެ. އޭނާ އަކީ ހާޝިމްގެ ދަރިއަކަށް ވާނަމަ މާކިންވެސް އޭނާއާ ގުޅުން ބާއްވާކަށް ބޭނުމެއް ނުވާނެއެވެ. ކިތަންމެ ދެރަވިނަމަވެސް، ނާޒިލް ހިތްވަރުކޮށްފައި އެ ހަޤީގަތް މާކިންގެ ކުރިމަތީގައި ހާމަކޮށްލިއެވެ.

"ހާޝިމްއަކީ އަހަރެންގެ ބައްޕަ..."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު