ނިދަން އުނދަގޫތަ؟ އާސިޔާ ލަފާ ދެނީ ކިރުތައްޓެއް ބުއިމަށް!

ރާއްޖެއަށް ބަލާއިރު ވެސް ނިދަން އުނދަގޫވާ މީހުން މަދެއް ނޫނެވެ. އަދި އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރޭގަނޑު ނިދަނީ ވަރަށް ލަސްވާ ފަހުންނެވެ. ދިވެހީންނަށް ސިއްހީ މައްސަލަތައް ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅީގައި ހިމެނޭ ނުރަނގަޅު އާދަތައް ވެސް ހިމެނެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ރަނގަޅު އުސޫލަކުން ނުނިދުމެވެ.

ދީނީ ގޮތުން ދީފައިވާ އިރުޝާދާއި މިއަދުގެ ސައިންސްގެ ހޯދުންތަކަށް ބަލާއިރު ވެސް އެންމެ މުހިންމު ކަމަކީ ރޭގަނޑު އަވަހަށް ނިދުމާއި ފަތިހު ހޭލުމެވެ. އެކަމަކު ގިނަ މީހުންނަށް އެކަން ނުވަނީ އުޅެން ޖެހޭ ބުރަ ދިރިއުޅުމުގެ ސަބަބުންނެވެ. އަނެއް ބަޔަކަށް އެކަން ނުވަނީ ކިތަންމެ އަވަހަށް ނިދަން އުޅުނު ނަމަވެސް ނިދިނާންނާތީއެވެ.

އަވަހަށް ނިދަން ޖެހެނީ ކީއްވެ؟

ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ނިދި މުހިންމު ދައުރެއް އަދާ ކުރެއެވެ. ޑައިޓީޝަން އާސިޔާ އަބްދުލްރަހީމު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރި ވުމަށާއި ބަރުދަން ރަނގަޅު މިންވަރެއްގައި ބެހެއްޓުމަށް ވެސް ރޭގަނޑު ނިދާލެއް އަވަސް ކުރުން ވަރަށް މުހިންމެވެ.

"ރޭގަނޑުގެ ނިންޖަކީ އެހާ މުހިންމު އެއްޗަކަށް ވެފައިވާއިރު ޒަމާނީ ތަރައްގީއާއެކު އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް މިވަނީ ރޭގަނޑުގެ ނިދި، އަވަހަށް ނިދުން އުނދަގޫ ކަމަކަށް ވެފައި." އާސިޔާ ވިދާޅުވިއެވެ.

ރޭގަނޑު ނިދުން ލަސްކުރާނަމަ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. މޫޑް ގޯސްވުމާއި ވަރުބަލިކަން އިހުސާސް ކުރެވުމުގެ އިތުރުން އެހެން މައްސަލަތައް ވެސް ދިމާވެއެވެ.

"ނިދާގަޑި ލަސްވެ އަދި ގިނައިރުތަކެއް ވަންދެން ނުނިދާ ތިބުމުގެ ސަބަބުން ހޯމޯނަލް ބެލެންސް ކަޓާ، ޕީސީއޯގެ މައްސަލަތައް ދިމާވެ، ބަރުދަނުގެ މައްސަލަތައް ދިމާވޭ. އަދި އޭގެ އިތުރުން ކޮލެސްޓްރޯލް މައްޗަށް ދިއުން، ފުރަމޭގައި ސަރުބީ ހިފުން މިހެންގޮސް ވަރަށް ތަފާތު ބަލިތަކަކަށް ހުށަހެޅިގެން އެބަދޭ،" އާސިޔާ ވިދާޅުވިއެވެ.

އެހެންކަމުން ރޭގަނޑު ދަންވަންދެއް ހޭލާ ހުރުމުގެ އާދަޔާ ދުރުވާން ޖެހެއެވެ. އާސިޔާ އެކަމަށް ކުރެވިދާނެ ކަމެއް މިވަނީ ކިޔައިދެއްވާފައެވެ.

ހައްލަކީ ކިރުތައްޓެއް

ކެއިންބުއިމުގެ އާދަތަކަށް ގެންނަ ހެޔޮ ބަދަލުތަކާއެކު ގިނަ ސިއްހީ މައްސަލަތަކެއް ހައްލު ކުރެވެއެވެ. އެގޮތުން އަވަހަށް ނިދަން އުނދަގޫވާ މީހުންނަށް ވެސް އެކަމުގެ ހައްލު އެބައޮތެވެ. އާސިޔާ ލަފާދެއްވަނީ އަވަހަށް ނިދަން ބޭނުން ނަމަ ރޭގަނޑު ކިރުތައްޓެއް ބުއިމެވެ.

ޑައިޓީޝަން އާސިޔާ--- ފޮޓޯ: ފޭސްބުކް

"އެއީ ކިރުގައި އެބަ ހިމެނޭ ޓްރިޕްޓޯފަން ކިޔާ މާއްދާއެއް. މި މާއްދާއަކީ ނިދި އަވަސް ކުރުވާ މާއްދާއެއް. އަދި އޭގެ އިތުރުން ކިރުގައި އެބަ ހިމެނޭ މެލަޓޮނިން ކިޔާ މާއްދާއެއް. މި މާއްދާއަކީ ވެސް ނިދި އަވަސް ކުރުވާ މާއްދާއެއް. މި ދެ މާއްދާގެ ސަބަބުން ނިދި އެބަ އަވަސް ކުރުވާ،" އާސިޔާ ވިދާޅުވިއެވެ.

އެހެންކަމުން ރޭގަނޑު ނިދަން އުނދަގޫ މީހުންނަށް މިއީ ވަރަށް ޚަރަދު ކުޑަކޮށް، އަދި ފަސޭހައިން ކުރެވިދާނެ ކަމެކެވެ.

ކިރަކީ ނިއުޓްރިއެންޓް ގިނަ ބުއިމެއް ކަމުން ސިއްހަތަށް އެތައް ގޮތަކުން ފައިދާ ލިބެއެވެ. ކިރަކީ "ކެލްސިއަމް"، "ފޮސްފަރަސް"، "ބީ ވިޓަމިންސް"، "ޕޮޓޭސިއަމް" އަދި "ވިޓަމިން ޑީ" ފަދަ މުހިންމު ނިއުޓްރިއެންޓްސްއިން ފުރިފައިވާ އެއްޗެކެވެ.

ކިރާއި ކިރު އުފެއްދުންތައް ބުއިމަކީ އޮސްޓިއޯޕޮރޮސިސް އާއި ކަށީގެ މައްސަލަތައް ދިމާވުން ހުއްޓުވައި، ދުޅަހެޔޮ ބަރުދަނެއް ބެހެއްޓުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. އެހެންކަމުން ފެންވަރު ރަނގަޅު ކިރާއި ކިރުގެ އުފެއްދުންތައް ބޭނުންކުރުމަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ ކަމެއްކަން ޔަގީނެވެ.

comment ކޮމެންޓް