ޔާމީން މައްސަލައިގެ ފުރިހަމަ ރިޕޯޓު މި ހަފުތާގައި ދޫކުރާނެ

އާރަށު މައްސަލައާ ގުޅިގެން މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން ----

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓާއެކު މަހުޟަރު ބަޔާންތައް މި ހަފުތާ ނިމުމުގެ ކުރިން ދޫކުރާނެކަން ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތުން ނިންމާފައި އޮތް ނަމަވެސް އަދިވެސް ހައިކޯޓަށް ހުށަހަޅާފައިނުވަނީ, ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާއެކު މަހުޟަރު ބަޔާންތައް ކްރިމިނަލް ކޯޓުން ދޫކޮށްފައިނުވާތީ ކަމަށް ދިފާއީ ވަކީލުން މިއަދު ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ ހުކުމްކުރި ދުވަހުން ފެށިގެން ރަސްމީ 14 ދުވަސް ތެރޭގައި އެ ބަޔާންތައް ދިފާއީ ވަކީލުންނަށް ދޫކުރާނެ ކަމަށެވެ. އެ މުއްދަތު މި ހަފުތާގެ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު ދިފާއީ ވަކީލުން އެދުމުން ކޯޓުންވަނީ ހެކިން ދީފައިވާ ބަޔާންތައް ވެސް ހިއްސާކޮށްފައެވެ.

ދަށު ކޯޓުން މައްސަލަ ނިންމާ ދުވަހުން ފެށިގެން ހައިކޯޓުގައި އިސްތުއުނާފު ކުރުމަށް 60 ދުވަހުގެ މުއްދަތެއް އޮންނަނީ ދީފައެވެ. އެ މުއްދަތް ހަމަވާން އަދި ކައިރި ނުވި ނަމަވެސް އިސްތިއުނާފު ލަސްވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އިސްތިއުނާފީ މަރުހަލާ ނުނިމިދާނެތީއެވެ.

ކްރިމިނަލް ކޯޓުން 2019ވަނަ އަހަރު ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުވެސް ހައިކޯޓުން ނިމުނީ އަހަރެއްހާ ދުވަހުންނެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން މި މައްސަލައިގެ އިސްތިއުނާފު ނުނިމެއްޖެ ނަމަ އިނދިކޮޅު ރިޔާސީ ކެންޑިޑޭޓުކަން ވެސް އަރުވާފައިވާ ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ.

comment ކޮމެންޓް