ފުވައްމުލަކާއި ކޮމަންޑޫގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

ފުވައްމުލައް ސިޓީ

ފުވައްމުލަކު ސިޓީ އާއި ށ. ކޮމަންޑޫގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.

ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް ގާއިމްކުރުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެކުރިން ސަރުކާރުން ފުވައްމުލަކުގައި އަޅަން ނިންމީ 200 ހައުސިން ޔުނިޓެވެ. އެ މަޝްރޫއު ޓެންޑަ މަރުހަލާގައި ވަނިކޮށް އިތުރު 200 ޔުނިޓް ގާއިމްކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ކޮމަންޑޫގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް މިދިޔަ އަހަރުގެ މެއި މަހުވެސް ފިނޭންސުން އިއުލާންކޮށްފައިވެއެވެ. ކޮމަންޑޫގައި ގާއިމްކުރުމަށް ނިންމާފައިވަނީ 30 ހައުސިން ޔުނިޓެވެ.

ފިނޭންސުން އިއްޔެ އާންމު ކުރި އިއުލާންގައި ބުނެފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށާއި، އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ، ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށެވެ.

ފުވައްމުލަކު ހައުސިން ޔުނިޓްގެ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ދެ މިލިއަން އެއްލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބިޑުތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަގެ ޖަލްސާ ކުރާ މާލަމުގައި ކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮމަންޑޫ ހައުސިން ޔުނިޓްގެ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، ފީ ދެއްކުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހެވެ. ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ފަންސާސް ފަސް ހާސް ރުފިޔާ ހުށަހަޅަން ޖެހެއެވެ. މި ޕްރޮޖެކްޓުގެ ބީލަމަށް ހުޅުވާލާނީ މިމަހުގެ 31 ވަނަ ދުވަހު ހެނދުނު 10:00 ގައެެވެ.

އަދުގެ ސަރުކާރުން ދެކުނުގެ ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ފަހި ދިރިއުޅުން މަޝްރޫއުގެ ދަށުން ގާއިމްކުރުމަށް ނިންމާފައިވާ 5،000 ހައުސިން ޔުނިޓްގެ ތެރެއިން ފުވައްމުލަކުގައި 800 ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ކޮމަންޑޫއަށް ވެސް ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާއިރު، ރައީސް ސާލިހް ވަނީ ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅާލާ ކޮމަންޑޫ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމަވާފައެވެ.

comment ކޮމެންޓް