ޓްވިޓާގެ އިތުރު މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި

ޓްވިޓާ

ޓްވިޓާގެ ޓެކްނިކަލް ދާއިރާގައި މަސައްކަތްކުރާ އިތުރު މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑަބްލިންއާއި ސިންގަޕޫރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ވަކިކޮށްފިކަމަށް 'ބްލޫމްބާގް'އިން ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. މިއީ ޓްވިޓާގެ އާ ވެރިޔާ އީލޮން މަސްކް ޓްވިޓާއަށް ގެންނަމުންދާ ހަރުކަށި އިސްލާހުތަކުގެ ތެރެއިން އެންމެ ފަހުން ގެނައި އިސްލާހުކަމަށް ބްލޫމްބާގުން ބުނެއެވެ.

ޓްވިޓާގެ ހެޑް އޮފް ޓްރަސްޓް އެންޑް ސޭފްޓީ، އެލާ އަރްވިން ވިދާޅުވީ ވަޒީފާތަކުގެ އޮނިގަނޑު އިސްލާހް ކުރުމުގެ ގޮތުން އެ ކުންފުނިން ޑުޕްލިކޭޓް ޕޮޒިޝަންތަކާއި ވަޒީފާތައް ނައްތާލީ އެ މަގާމުތައް އޮތުމަށް މިވަގުތަށް ކުންފުންޏަށް ހުރި ފައިދާއެއް ކަމަށް ނުބެލެވޭތީއާއި، އަދި އެފަދަ މާހައުލެއް ނެތުމުން ކަމަށެވެ.

ޓްވިޓާގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ސައިޓް އިންޓެގްރިޓީގެ ހެޑް ނޫރް އަޒްހަރު ބިން އަޔޯބާއި ރެވެނިއު ޕޮލިސީގެ ސީނިއާ ޑިރެކްޓަރު އަނަލުއިސާ ޑޮމިންގުއޭޒްވެސް މިފަހަރު ވަކިކުރި މީހުންގެ ތެރޭގައި ހިމެނޭކަމަށް ބްލޫމްބާގުން ބުނެއެވެ.

ރޮއިޓާސް އަށް ދިން އެހެން ބަޔާނެއްގައި އަރްވިން އޭނާގެ ޑިޕާޓްމަންޓުން އިތުރުބަޔަކު ކަނޑާލި ކަމަށް އިއުތިރާފުވެފައި ވީ ނަމަވެސް ކޮންޓެންޓް މޮޑަރޭޝަންގެ އެތައް ހާސް ބަޔަކު އަދިވެސް ކުންފުނީގެ ވަޒީފާތަކުގައި އެބަތިބި ކަމަށާއި ކޮންމެ ދުވަހަކު މަސައްކަތް ކުރާ އެޓީމުތަކުގެ އެއްވެސް މުއްވަޒަފަކު ކަނޑާލާފައިނުވާނެ ކަމަށް ވަނީ ބުނެފައެވެ.

މިދިޔަ އޮކްޓޯބަރު މަހު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަންނަން ފައިނަލް ކުރުމަށް ފަހު މަސްކް ވަނީ ކުންފުނި މެދުވެރިކޮށް އިތުރު އާމްދަނީ ނުހޯދިއްޖެ ނަމަ ބަނގުރޫޓުވުމަކީ އެ ކުންފުންޏަށް އޮތް ފުރުސަތެއް ކަމަށް ގަބޫލުކުރައްވައިފައެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން އޭނާ ވަނީ ކުންފުނީގެ އެންމެ އިސްވެރިންގެ ފެންވަރު އެތައް ބަޔަކު ހިމެނޭގޮތަށް ދެބައިކުޅަ އެއްބައި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. އަދި ބާކީ ތިބި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށްވެސް މަސްކު ވަނީ އަންގަވާފައެވެ.

comment ކޮމެންޓް