ދުނިޔޭގައި އެންމެ ގިނައިން ބޭނުން ކުރާ ޕާސްވޯޑް

ޕާސްވޯޑަކީ ހުރިހާ މާނައެއްގައިވެސް ރައްކާތެރިކަމުގެ ގޮތުން ލިޔާ އަކުރު ތަކަކަށް ނުވަތަ ލިޔެލާ ސިއްރު ބަހަށް ކިޔާ ނަމަކެވެ. އެއީ އިންގިރޭސި އަދި ހިސާބު އަކުރުތަކެއް ނަމަވެސް ނުވަތަ އެހެން ބަހެއްގެ އަކުރު ތަކެއް ނަމަވެސް ޕާސްވޯޑުގެ ގޮތުގައި ތަފާތު އެތައް ބިލިއަން ބަސްތަކެއް ދަނީ މިދުނިޔޭގައި ބޭނުން ކުރަމުންޏެވެ. ޕާސްވޯޑު ކިޔަން ޖެހުނީ ގިނަ ފަހަރަށް ކޮންމެވެސް މާނަ އެއް ދޭހަވާ ބަހެއް ބޭނުން ކުރާތީއެވެ. އަސާސީ ތައުލީމު ދަންނަ އެންމެ އާދައިގެ މީހާ އަށް ޕާސްވޯޑު މާނަ ކުރެވެނީ އީމެއިލް ހުޅުވުމަށް ޖަހާ ސިއްރު ބަހުގެ ގޮތުގައެވެ.

މިއަދު އޮފީހެއްގައި ނުވަތަ އެހެންވެސް ތަކެއްގައި މަސައްކަތް ކުރާ ގިނަމީހުން ތިން ހަތަރު ޕާސްވޯޑު ހިތު ދަސްކުރަން ޖެހެއެވެ. ފައިސާ ނެގުމަށްގެންގުޅޭ ކޭސްކާރޑުގެ އިތުރުން އީމެއިލް އަދި ބައެއް އޮފީސް ތަކަށް ވަދެވެނީވެސް ޕާސްވޯޑު ޖަހައިގެންނެވެ. އެހެން ކަމުން ބައެއް މީހުންގެ އާދައަކީ ހުރިހާ ކަމަކަށް އެއްޕާސްވޯޑެއް ބޭނުން ކޮށްލުމެވެ. ކޭސްކާރޑުގެ ޕިން ނަމްބަރ އެއީ ފޯނު ހުޅުވާ ލޮކު ކޯޑުގެ ގޮތުގައި ބޭނުން ކުރެވޭއިރު ހަމަ އެނަމްބަރު އޮފީހަށް ވަނުމަށް ހުޅުވާ ދޮރުގެ ޕާސްވޯޑަށް ވެފައިވަނީވެސް އިއްތިފާޤަކުން ނޫނެވެ. ކޮފީއެއް ބޯލުމަށްފަހު ފައިސާ ދެއްކުމަށް ކޭސްކާރޑު ދިއްކޮށްލާއިރު ޕިންނަމްބަރ ލިޔެލަދޭ ގިނަ ފަރާތްތަކެއް އަދިވެސް މިރާއްޖޭގައި އެބައުޅެއެވެ. އެލިޔެލަދެވެނީ ހުރިހާ ދޮރެއް ހުޅުވޭ ތަޅުދަނޑިކަން ނޭގިއެވެ.

ވަކި ހާއްސަ ދިރާސާ އެއް ކުރެވިފައި ނުވި ނަމަވެސް ދިވެހިރާއްޖޭގައި ގިނަ މީހުން ޕާސްވޯޑުގެ ގޮތުގައި ލިޔެއުޅެނީ އެމީހެއްގެ ލޯބިވެރިޔާގެ ނަން، ދަރިންގެ ނަން ނުވަތަ ފޯނު ނަންބަރެވެ. އަދި ވަރަށް ގިނަ ފަހަރަށް ހުތުރު ބަހެއް ބޭނުން ކުރާކަންވެސް ފާހަގަ ކުރެވެއެވެ. އަދި ހަމަ އެއާއި އެކު އައި.ލަވް.ޔޫ ޕާސްވޯޑެއްގެ ގޮތުގައި ބޭނުންކުރާ މީހުން މަދެކޭ ދެންނެވޭކަށްވެސް ނެތެވެ. ގިނަ ބަޔަކަށް ޓެކުނޮލޮޖީ ތައުލީމުޏެތް އާންމުން ބޭނުން ކުރަނީ ވަރަށް ފަސޭހަ ޕާސްވޯޑު ތަކެކޭ ހީވިޔަސް ޓެކުނޮލޮޖީ ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުން އެންމެ ގިނައިން ބޭނުން ކުރާ ޕާސްވޯޑު ތަކަކީ އަދި މާފަސޭހަ ޕާސްވޯޑް ތަކެކެވެ. ޓެކުނޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ ކަންޏެތް ބަޔެއްކަމަށް ގިނަ ބަޔަކު ބުނަނީވެސް އެހެންވެއެވެ. "އެޑުމިން" "އެޑުމިން" އަކީ އައިޓީ މީހުންގެ އެންމެ އާންމު ޕާސްވޯޑެވެ. ޔޫސަ ނޭމުގެ ގޮތުގައިވެސް އެޑުމިން އަދި ޕާސްވޯޑުގެ ގޮތުގައިވެސް ހަމަ އެޑުމިން އެވެ.

އިންގިރޭސި ބަހުން ފަސް އަކުރު ހިމެނޭ "އެޑުމިން" "އެޑުމިން" މިބަސް ގިނަ ބަޔަކު ޕާސްވޯޑުގެ ގޮތުގައި އަދިވެސް ބޭނުން ކުރާ އިރު ވަރަށް ފަހަކާ ޖެހެންދެންވެސް ގިނަ އޮފީސް ތަކުގައި އުޅޭ އައި.ޓީ އެޑުމިނިސްޓުރޭޓަރުންގެ އެންމެ އަތްމަތީ ޕާސްވޯޑަކީ އަދި މާ ފަސޭހަ ބަހެކެވެ. އެއީ "ވެލްކަމް" ނުވަތަ "ވެލްކަމް ވަން،ޓޫ" އެވެ. މަރުހަބާ ކިއުމަށް އިންގިރޭސިންބޭނުން ކުރާ މިބަހުގެ ފަހަތަށް ހިސާބު އަކުރު ބޭނުން ކުރަން ޖެހުނު ސަބަބަކީ ޕާސްވޯޑުގެ ރައްކާތެރިކަން އިތުރު ކުރުމަށް މައިކުރޯސޮފްޓު އެކުޓިވް ޑައިރެކުޓްރީން ކަނޑައަޅާފައިވާ މިންގަނޑެވެ.

ދިވެހިރާއްޖޭގައި ޕާސްވޯޑަކީ މާ ގިނަ ބަޔަކު އެއާއި މެދު މާބޮޑަށް ސަމާލުވާ އެއްޗެކޭ ދެންނެވޭކަށް ނެތެވެ. އޭ.ޓީ.އެމް މެސިންތަކުން ލާރި ނެގުމަށް ޖަހާ ޕިން ނަމްބަރަކީވެސް ހަމަ ޕާސްވޯޑެވެ. އެ ނަމްބަރައާއި މެދުވެސް ގިނަ ބަޔަކު ކުޑަކޮންވެސް ވިސްނަން ފެށީ ދާދިފަހަކުންޏެވެ. ގިނަ ބައެއްގެ ކޭސްކާރޑު ތަކުގެ ޕިންނަމްބަރ ހޯޑައިގެން އެކާރކްތަކުގެ މައުލޫމާތު ނަކަލު ކުރެވޭ ކުޑިކުޑި މެސިނުގެ އެއީގައި ފޭކު ކޭސްކާރޑު ހެދުމަށްފަހު އެތައް ލައްކަ ރުފިޔާއެއް މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ވަނީ ވަގަށް ނަގާފައެވެ. އެހެން ކަމުން ޕާސްވޯޑަކީ ކިހާ މުހިއްމު އެއްޗެއްކަން މިއަދު މިވަނީ ދެނެގަންނަށް މަޖުބޫރު ވެފައެވެ.

ޕާސްވޯޑުގެ ގޮތުގައި ލިޔެއުޅޭ ބަސްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބޭނުން ކުރާ ބަހަކީ ކޮބައިތޯ މިހާރު ވަނީ ބެލިފައެވެ. އެކަމަށް ރަސްމީ ދިރާސާ އެއް ވަނީ ކުރެވިފައެވެ. އެއީ އިންގިރޭސި ބަހުން ލިޔޭވޭ "Password1" އެވެ. ކެނެޑާގެ އޮންލައިން ނޫހެއް ކަމަށްވާ "ދަ ލިންކު ޕޭޕަރ ވެބު ސައިޓުން ކުރި ދިރާސާ އިން މިކަން ވަނީ ޔަޤީން ކުރެވިފައެވެ. ދެން އުފެދޭ ސުވާލަކީ ޕާސްވޯޑު އެކެއް އެހާ ގިނަ ބަޔަކު ދުނިޔޭގައި ބޭނުން ކުރަނީ ކީއްވެހެއްޔެވެ. ދުނިޔޭގެ ގިނަ ޓެކުނޮލޮޖީ ކުންފުނި ތަކާއި އޮފީސް ތަކުގައި އަދިވެސް އެންމެ ގިނަ އިން ބޭނުން ކުރަނީ މައިކުރޯސޮފްޓު ވިންޑޯސް ސަރވައެވެ. އެސަރވަރުގެ އެކުޓިވު ޔޫސަރ ޑައިރެކުޓަރީ އަކީ އޭގެ ހިތެވެ. އެ ޙިދުމަތަކީ އޮފީހެއްގައި ނަމަ ހުރިހާ ފަރާތްތަކެއް ބޭނުންކުރާ ކޮންޕިއުޓަރުތަކަށް ލޮގިން ވުމަށް ޖަހާ ނަމާއި އަދި ޕާސްވޯޑު ރައްކާ ކޮށްދޭ ޙިދުމަތެވެ. މިބުނާ އެކުޓިވް ޔޫސަރ ޑައިރެކުޓަރީން ކަނޑައަޅާފައިވާ އެންމެ އާދައިގެ ޕާސްވޯޑެއްގެ ސަރުތު ތަކަކީ ކެޕިޓަލް އަކުރެއް ހިމެނުމާއި މަދުވެގެން އަށްއަކުރު ހިމެނުމާއި ހިސާބު އަކުރެއް ހިމެނުމުގެ ސަރުތެކެވެ. އެހެން ކަމުން މަތީގައިވާ އިންގިރޭސި އަކުރުން ލިޔެފައިވާ "ޕާސްވޯޑު އެކެއް" ގައި މިދެންނެވި ހުރިހާ ސަރުތެއް ހަމަވާނެވެ. ކުރިން ދެންނެވި ކަންޏެތް އައި.ޓީ ދާއިރާގައި މަސައްކަތް ކުރާ ގިނަ މީހުން މިހާރު ބޭނުން ކުރާ ޕާސްވޯޑަކީ މަތީގައި ދެންނެވި ފަސޭހަ ޕާސްވޯޑަށް ވެގެން ދިޔައީ އެހެންވެއެވެ.

މިއަދު ދުނިޔޭގައި އެންމެ ގިނަ މީހުން ބޭނުން ކުރަނީ "ޕާސްވޯޑު އެކެއް" ކަމަށް ކުރި ދިރާސާތަކުން ދައްކަނީ ނެޓުވޯރކު އެޑުމިނިސްޓުރޭޓަރ ނުވަތަ ގިނަ ޓެކުނޮލޮޖީ ދަންނަ މީހުންގެ އަތްމަތީ ޕާސްވޯޑަކަށް ޕާސްވޯޑުވަން ވެގެން ދިއުމުންޏެވެ. ނުވަތަ އެންމެ ގިނަ ވިޔަފާރި ތަކުގައި ބޭނުން ކުރާ ޕާސްވޯޑަކީވެސް ހަމަ "ޕާސްވޯޑު އެކެއް" އެވެ. އެއީ ހެކަރުންނާއި އެހެންވެސް ގިނަ ބަޔަކަ ނެޓުވޯކުތަކަށް ގެއްލުންދެވޭ މައިގަނޑު ސަބަބެވެ. އެހެންކަމުން "ޕާސްވޯޑު އެކެއް" ވެގެން ގޮސްފައިވަނީ ކަންޏެތްކަމުގެ ރަމްޒަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު