މިއަހަރު މާލެ ރައްޔިތުންނަށް 5000 ގޯތި ހަވާލުކުރާނަން: ރައީސް

ރޭގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

މި އަހަރުގެ މެދު ތެރޭގައި މާލެ ރައްޔިތުންގެ ތެރެއިން 5000 ރައްޔިތުންނަށް ގޯތި ހަވާލުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫގައި ރޭ ބޭއްވި ރައީސްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ, ރިޔާސީ އިންތިޚާބުގެ ތެރޭގައި ވީ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުކަމަށެވެ. އަދި އެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން މިހާރު ވެސް ބޯހިޔާވަހިކަމުގެ 16،000އަށްވުރެ ގިނަ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ ތެރޭގައި ފްލެޓާއި ރޯ ހައުސް އަދި ގޯތި ދިނުމުގެ މަޝްރޫއުތައް ހިމެނެއެވެ.

"މާލެ ސަރަހައްދުގައި އެކަނި 8782 ފްލެޓާއި 5000 ގޯތި ދިނުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އެދަނީ ކުރިއަށް. މިއަހަރުގެ މެދުތެރެއަށް އަންނައިރު މާލެގެ ރައްޔިތުންނަށް އަޅުގަނޑުމެންވީ ވައުދާ އެއްގޮތަށް 5000 ގޯތި ކަނޑައި އިންވަކިކޮށް އަޅުގަނޑުމެން ހަވާލުކުރާނަން," ރައީސް ވިދާޅުވިއެވެ.

މާލެ ރަށްވެހިންނަށް މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ނިންމައިފައިވާ ކަމަށް ރައީސް ޞާލިހް އިއުލާނު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހެވެ.

މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިހް ވިދާޅުވީ, މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެ ކަމަށެވެ. ހަމައެހެންމެ ގިރާވަރު ފަޅު ހިއްކާ ބިމުން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ކެމްޕޭން ޓީމުން ނ. އަތޮޅަށް ވަޑައިގެންފައިވަނީ މި ހަފުތާ ބަންދާ ދިމާކޮށް، ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވާއިރު، ދެން އެ އިންތިޚާބުގައި ވާދަކުރައްވާ ނަޝީދު ވެސް ގެންދަވަނީ ކެމްޕޭނަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ

comment ކޮމެންޓް